ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑްގެ ލިވަޕޫލާއި، ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމް އެ މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދިއިރު، ސްޕެއިނުގެ ރެއާލް މެޑްރިޑުން ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލުން 2-0 ގެ ނަތީޖާއަކުން އެތުލެޓިކޯ ބަލިކުރިއިރު، ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި އަޔެކްސް މޮޅުވީ ފަހަތުންއަރައި 3-1 އިންނެވެ. ރެއާލްގެ ދަނޑުގައި ޝަހުތަރު އަތުން އެ ޓީމު މޮޅުވީ 2-1 އިންނެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު، ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ދިން ބޯޅައަކުން ޑިއޯގޯ ޔޮޓާ ކާމިޔާބުކުރިއިރު، އޭގެ ހަތް މިނެޓުފަހުން އެ ޓީމުގެ ލީޑް ފުޅާކޮށްދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. ފުރަތަމަ ހާފު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް އެތުލެޓިކޯގެ ޑިފެންޑަރު ފިލިޕޭ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވެފައިވާއިރު، ފަހު ހާފުގައި ވެސް ލިވަޕޫލުން އިތުރު ގޯލެއް ޖަހަން ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ.

ރޭގެ މެޗުތަކަށްފަހު ގްރޫޕް ބީ ގެ އެއްވަނައިގައި ލިވަޕޫލް އޮތީ ހަތަރު މެޗުން ސައްތައިން ސައްތައިގެ ރެކޯޑަކާ އެކު އެވެ. ދެވަނައިގައި ފަސް ޕޮއިންޓާއެކު އޮތް ޕޯޗުގަލްގެ އެފްސީ ޕޯޓޯ ވަނީ އޭސީ މިލާންގެ ދަނޑުގައި 1-1 އިން އެއްވަރުވެފަައެވެ. ހަތަރު ޕޮއިންޓާއެކު އެތުލެޓިކޯ ތިންވަނައިގައި އޮތްއިރު، އެންމެ ފުލުގައި އޮތް މިލާނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ (ކ) ޝަހުތަރު ޑޮނެސްކްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޔުއެފާ ޓުވިޓާ

ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި މެޓްސް ހަމެލްސް އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗުގެ ބޮޑު ބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެކުރީން، ޑޯޓްމަންޑުން ވަނީ ލިބުނު ޕެނަލްޓީއަކުން ލީޑްނަގަފާއެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ޑޯޓްމަންޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް އަޔެކްސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މާކޯ ރެއުސް އެވެ.

މި މެޗުގައި އަޔެކްސް އިން އެއްވަރުކުރީ 72 ވަނަ މިނެޓުގައި ޑޫސާން ޓަޑިޗް ކާމިޔާބުކުރި ގޯލުންނެވެ. އޭގެ 11 މިނެޓުފަހުން، އަޔެކްސް އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިން ލަނޑުޖަހައިދިނީ ސެބަސްޓިއަން އަލާ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޑޭވީ ކްލާސެން ވަނީ އަޔެކްސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި ގްރޫޕުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އަޔެކްސް އޮތްއިރު، އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ސްޕޯޓިން ލިޒްބަން ވަނީ 4-0 އިން ތުރުކީގެ ބެސިކްޓާސް ބަލިކޮށްފައެވެ. ތިންވަނައިގައި އޮތް ޑޯޓްމަންޑަށް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި ބެސިކްޓާސް އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލުން ރޭގެ މެޗުގައި މުބާރާތުގެ ތާރީޚުގައި 1000 ގޯލް ހަމަކުރިއިރު، އެ ޓީމުގެ ދެލަނޑުވެސް ޖެހީ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. ޝަހުތަރުގެ ހަމައެކަނި ލަނޑުޖަހައިދިނީ ފެނާންޑޯ އެވެ. ރޭގެ ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނައިގައި ރެއާލް އޮތީ ނުވަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތް އިންޓަ މިލާނުން ވަނީ ޝެރިފް ޓިރާސްޕޯލް އަތުން 3-1 އިން މޮޅުވެފައެވެ. ހަ ޕޮއިންޓާއެކު ތިންވަނައިގައި ޝެރިފް އޮތްއިރު، އެންމެ ފުލުގައި އޮތް ޝަހުތަރަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ފްރާންސްގެ ގަދަބާރު ޕީއެސްޖީން ރޭ ރަށުން ބޭރުގައި 2-2 އިން ވަނީ އާރްބީ ލީޕްޒިގާ އެއްވަރުވެފައެވެ. މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި ކްރިސްޓޮފް އެންކުންކޫގެ ގޯލުން ލީޕްޒިގު ލީޑްނެގިއިރު، ފުރަތަމަ ހާފު ނިމުމުގެކުރީން ޖިއޮޖީނިއޯ ވައިނަލްޑަމް ވަނީ ދެ ގޯލްޖަހައި ޕީއެސްޖީ އަށް ލީޑްނަގައިދީފައެވެ. އެކަމަކު، މެޗުގެ އިތުރުވަގުތުގައި ލީޕްޒިގުން ވަނީ ލިބުނު ޕެނަލްޓީއަކުން އެއްވަރުކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހަންގޭރީގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޯސްލާއި އެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި މެންޗެސްޓާ ސިޓީ ވަނީ 4-1 އިން ބެލްޖިއަމްގެ ކްލަބް ބްރޫޖެސް ބަލިކޮށްފައެވެ. މި މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ފިލް ފޯޑެން އާއި ރިޔާދު މާރޭޒްގެ އިތުރުން ރަހީމް ސްޓާލިން އަދި ގެބްރިއެލް ޖެސޫސް އެވެ. ބްރޫޖެސް ގޯލަކީ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.