މިހަފްތާގައި ގޮނޑުދޮށަށް ގޮސް ނެގި ފޮޓޯތަކުން އޭނާ ފެނުނީ އުމުރަށް ވުރެ އެތައް އަހަރެއް ހަގު ކަމަށެވެ. ފަރި ލެނބުމެއްގައި ބޮޑު ހިނިތުވުންވުމެއްގައި އޭނާއަށް ލިބިފައިވާ ރީތިކަން މާބޮޑަށް ފާޅުވޭވޭ ހުއްޓެވެ. އުމުރުން 43 އަހަރުގައި ވެސް އަދިވެސް އޭނާ ވަރަށް ނަލައެވެ.

ސޯޝަލް މީޑިއާގައި 60 މިލިޔަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ޝަކީރާގެ އެފޮޓޯތައް އިންްސްޓަގްރާމަށް ދޫކޮށްލުމުން ވަރަށް މުހިއްމު އެހެން ކަމެއް ވެސް ވެއްޖެ އެވެ. މިވަގުތަށް އެފަދަ މަޝްހޫރުކަމަކަށް ބޭނުންވެފައިވާ އިންޑަސްޓްރީއަކަށް ހިނިތުންވުން ގެނުވީ އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ގާތްގަނޑަކަށް ހުއްޓިފައިވާ ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެވެ. ޝަކީރާ ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލީ ރާއްޖޭގަ އެވެ. ޝަކީރާ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯތަކުން ރާއްޖެ ފެންނަ ގޮތް ދުނިޔޭގެ ނޫސް މަޖައްލާތަކުން ސިފަކޮށްދީފައި ވަނީ އެހެން އެތައް ބައެއް އެކަމަށް ދަހިވެތިވާނެ ފަދަ ގޮތަކަށެވެ.'

"ފޮޓޯގައި އޭނާގެ ފަހަތުން ފެންނަން އޮތީ ހިމޭންކަމުގައި އޮތް މާކަނޑެވެ. ގަދަ ނޫކުލައިގައި އުޑު ވެސް ފެންނަން އޮތެވެ. ފަހަތުން ގޮސް އެތައް ހިސާބެއްްގެ ދުރަށް ވެސް އޮތީ އެހެންނެވެ،" އެއް ނޫހުން ރާއްްޖޭގެ މަންޒަރު ސިފަކޮށްފައި އޮތީ މިހެންނެވެ.

ފޮޓޯގައިވާ ޖިއޯ ޓެގުން އެނގޭ ގޮތުގައި ޝަކީރާ އޭރު އިނީ ވޯލްޑޯފް އޮސްޓްރިއާ މޯލްޑިވްސް އިތާފުށީގަ އެވެ.

ޝަކީރާގެ ރީތިކަމާއި ރާއްޖޭގެ ރީތިކަން އެކުވުުމުގެ ސަބަބުން އެ ފޮޓޯތައްްވީ މީހުންގެ ހިތްތައް ޝައުގުން ފުރައިލި ފޮޓޯތަކަކަށެވެ. އަޕްލޯޑްކުރިތާ ފުރަތަމަ 24 ގަޑި އިރުގެ ތެރޭގައި ވެސް 1.9 މިލިޔަން މީހުން އެފޮޓޮތަކަށް ލައިކް ދިނެވެ. އެއީ ކޮވިޑްގެ ކުރިން ރާއްޖެއަށް އަހަރަކު އަންނަ ޓޫރިސްޓުންގެ އަދަދާ ގާތްކުރާ އަދަދެކެވެ.

ރާއްޖޭގެ ގޮނޑުދޮށްތަކުގެ ހިތްގައިމުކަމުން ހޯދަމުން އައި އުފާވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ޝަކީރާ ގެންދިޔައީ އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ ގޮތުގައި ތިބި 68 މިލިޔަން މީހުންނަށް ދެމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވައިލުމުން އެރައިވަލްސް އިތުރު ނުވި އެއް ސަބަބަކީ އެ ބަލިމަޑުކަމުގެ ކަންތައްކާ މެދު މީހުންގެ ހިތުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކެވެ. އެތައް ބަަޔަކަށް ދެކެވުނީ ރާއްޖޭގައި އެބައްޔާ ގުޅޭ ކަންތައްތައް އަދިވެސް ދޯދިޔާ ވާނެ ކަމަށެވެ.

އެކަމަކު ޝަކީރާ ކަހަލަ އަގުބޮޑު ތަރިއެއް ރާއްޖެއަށް އައިސް ނުރައްކަލެއްގެ ތެރެއަށް ވަދެފާނެ ކަމަކަށް މީހުން ގަބޫލެއް ނުކުރާނެ އެވެ. އޭނާގެ ޒިޔާރަތަކީ ރާއްޖެއަށް އިތުބާރު ކުރަން ޖެހޭ މުހިއްމު ސަބަބަކަށް މިވަނީ ވެފަ އެވެ. އޭނާ ޗުއްޓީ ހޭދަކޮށްފައި ހަމަޖެހުމާއި އެކު ދޫކޮށް އެދިޔަ ރިސޯޓްގެ މެނޭޖްްމަންޓަށް ޝުކުރު ހައްގެވެ.