ވިޓިލިގޯ ނުވަތަ ހުދުބައްޔަކީ އިންސާނާގެ ހަންގަނޑަށް ޖެހޭ ބައްޔެކެވެ. މިއީ ހަމުގެ ކުލަ ގެއްލުވާލާ ބައްޔެކެވެ. މި ބަލީގައި މިފަދައިން ހަމުގެ ކުލަ ގޮސްފައި ހުންނަ ތަންތަން ގިނަ ދުވަސްވުމުން ބޮޑުވެއެވެ. މިފަދައިން ހަމުގެ ކުލަ ދިއުމުގައި ވަކި ހާއްސަ ތަނެއް ނޯވޭއެވެ. އިސްތައްޓާއި އަނގައިގެ އެތެރެއިންވެސް މިކަން ފާހަގަ ވާނޭ ކަމަށް ސިއްހީ މާހިރުން ދެކިލައްވައެވެ.

ހަމުގެ ކުލަ ދައްކުވައިދޭ މާއްދާއަކީ ހަންގަނޑުގައި ހުންނަ މެލަނިން ނަމަކަށް ކިޔާ މާއްދާއެކެވެ. ހަންގަނޑުގައި ހުންނަ ވަކި ހާއްސަ ހަތާތަކަކުން މި މާއްދާ އުފައްދައިދެއެވެ. ނަމަވެސް ހުދުބަލި ޖެހިފައި ހުންނަ މީހުންގެ ހަންގަނޑުގައި ހުންނަ މި ހަތާތައް މަރުވެއެވެ. ނަތީޖާއަކަށް ވަނީ ހަންގަނޑުގައި މެލަނިން އުފައްދައި ނުދިނުމެވެ. އެކަމުގެ ސަބަބުން ހަންގަނޑުގެ ކުލަ ގެއްލި ހުދުވާގޮތް ދިމާވެއެވެ.

މިބައްޔަކީ ވަކި ނަސްލެއްގެ ބަޔަކަށް އެކަނި ޖެހޭ ބައްޔެއް ނޫނެވެ. ކޮންމެ ނަސްލެއްގެ މީހަކަށްވެސް މި ބަލި ޖެހިދާނެއެވެ. މިއީ އެއްވެސް ހާލެއްގައި އިންސާނާގެ ފުރާނައަށް އެހްވެސް ނުރައްކަލެއް ހުރި ބައްޔެއް ނޫނެވެ. ނަމަވެސް މި ބަލީގެ ސަބަބުން ބައެއްމީހުންނަށް ނަފްސާނީ ބައެއް ހާނިކަތައް ލިބެއެވެ. އެހެނީ މި ބަލީގެ ސަބަބުން މީހާގެ ސިފަ ގެއްލޭކަމަށް އެމީހުން ގަބޫލު ކުރާތީއެވެ. ނަމަވެސް އެއީ އެއްވެސް ހާލެއްގައި އެކަން އޮތް ގޮތެއްނޫނެވެ.

ހުދުބައްޔަށް ދާއިމީ ފަރުވާއެއް ނެތެވެ. ނަމަވެސް ކުލަ ގެއްލިފައިވާ ހިސާބަށް ކުލަ ގެނުވުމަށް ފަރުވާ ކުރެވިދާނެއެވެ. އެހެނަސް ހަށިގަނޑުގެ އެހެން ހިސާބަކުން ކުލަ ގެއްލުނަ ނުދީ ހިފެހެެއްޓޭނޭ ފަރުވާއެއް ނެތެވެ.

މިއީ އިންސާނާ އުފަންވާއިރުވެސް އޭނާގެ ހަށިގަނޑުގައި ހުންނަ ކަމެކެވެ. ނަމަވެސް މިކަން ބައެއް މީހުންނަށް ފެންނަނީ އެމީހުން އުމުރުން ދޮށިވާވަރަކަށެވެ. ސިއްހީ މާހިރުން ދެކިލައްވާގޮތުގައި އުމުރުން 30 އަހަރުވުމުގެ ކުރިން މި ބަލި ހުންނަ މީހެއްނަމަ، އެކަން އޭނާގެ ކިބައިން ފެންނާނެއެވެ. ހުދުބަލި ޖެހޭ ބައެއް ސަބަބުތަކުގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަ ކުރާ ބައެއްކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ހިނގާ ފުށުއެރުންތަކެއް ހިމެނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ހަތާތަކުން ހަންގަނޑުގައި ހުންނަ މެލަނިން އުފައްދާ ހަތާތަކަށް ހަމަލާދޭ ދިނުމެކެވެ. މިއީ ގުދުރަތީގޮތުން އެމީހެއްގެ ހަށިގަނޑުގައި ކަސިޔާރުވާ ނިޒާމެކެވެ. ހަމަ އެއާއި އެކު ހުދުބަލި ހުންނަ މީހެއްގެ ހާލަތު އިތުރަށް ގޯސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އަވިން ނުވަތަ އަލިފާނުން ހަންގަނޑު އެނދުމާއި، ވިހަ މާއްދާއަކާއި ހަންގަނޑު ކުރިމަތިވުމާއި އަދި ހާސްވެ ނުތަނަވަސްވުން ހިމެނެއެވެ. ގިނަ ސިއްހީމާހިރުން ދެކިލައްވާ ގޮތުގައި މިއީ އާއިލީގޮތުން ވާރުތަ ކުރާ ބައްޔެކެވެ. މިއީ އެއްވެސް ހާލެއްގައި ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ހުދުބަލިޖެހިވާ މީހުންނަކީ ތަފާތުބައެއް ކަމަަށް ފާހަގަވި ނަމަވެސް އެއީ ހަމަ އާންމު އާދައިގެ އިންސާނުންނެވެ. ފެންނަ ފެނުމުގައި ތަފާތުކަމެއް ހުރިނަމަވެސް އެއީ މުޖުތަމައުން އެމީހުން ބާކީކޮށް މަލާމާތާއި ފުރައްސާރަ ކުރަންވީ ކަމެއް ނޫނެވެ. ހުދުބަލި ހުންނަ މީހުންގެ ކިބައިގައިވެސް އާދަޔާ ހިލާފު ރީތިކަމަކާއި އިންސާނީ ވަންތަ ރީތި ސިފައެއްވާކަން ގަބޫލުކުރަންވާނެއެވެ. މުޖުތަމައުގެ އެއްބާރުލުމާއި ހިތްވަރު އެމީހުންނަށް ބޭނުންވާނެއެވެ.