އިންޑިޔާގެ ކެރަލާގެ އަވަށެއް ކަމަށްވާ ކަންނޫރުގައި 11 އަހަރުގެ ކުއްޖެއްގެ މަރުގެ މައްސަލައެއްގައި އޭނާގެ ބައްޕައާއި ފާދިރީއެއް ހައްޔަރުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހައްޔަރުކުރި، އެކުއްޖާގެ ބައްޕަގެ އުމުރުން 55 އަހަރެވެ. އަދި އެ ފާދިރީގެ އުމުރަކީ 30 އަހަރެވެ. ރިޕޯޓުތައް ބުނާގޮތުގައި އެކުއްޖާ މަރުވެފައިވަނީ އެކުއްޖާ ބަލިވުމަށް ފަހުގައި، ސިއްހީ އެހީތެރިކަން ނުދިނުމުގެ ސަބަބުންނެވެ. އެކުއްޖާގެ ބައްޕައައާއި ފާދިރިއާއި ދެމީހުން ވަނީ އެކުއްޖާ ހަސްފަތާލަކަށް ގެންދިއުން އެކުއްޖާގެ މަންމައަށް މަނާކޮށްފައެވެ. އެހެންކަމުން އެކުއްޖާއަށް އެއްވެސް ސިއްހީ ފަރުވާއެއް ކުރެވިފައެއް ނުވެއެވެ. އެކުއްޖާގެ އަވައްޓެރިންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެކުއްޖާ ހުންއައިސްގެން އުޅުނުކަން އެމީހުންނަށް އެނގެއެވެ. އަދި ފާދިރީގެ ގާތަށް ފަރުވާ ކުރަންވެސް ގެންދާކަމަށް ބުނެއެވެ.
މި މައްސަލާގައި ހައްޔަރުކުރި ފާދިރީ އަކީ ޑަކްޓަރީ ފަރުވާ ގަބޫލު ނުކުރާ "ހަރުކަށި" ފާދިރީއެކެވެ. އެހެންކަމުން އޭނާ ބޭނުންވީ އެކުއްޖާއަށް "ދީނީ" ގޮތުން ފަރުވާކުރާށެވެ. މައްސަލައިގެ ތަހުގީގަށް ފާދިރީ ކިޔައިދީފައިވާ ގޮތުގައި އޭނާ އެކި ކަހަލަ ކިޔެވެލި ކިޔަވާ ފެނާއި ކާއެއްޗެހި އެކުއްޖާއަށް ދިންކަމަށް ވެއެވެ. މިކަން ކުރީ ކޮންމެހެން އެކުއްޖާ މަރާލުމަށް ނޫންކަމަށާއި ނަމަވެސް މިފަދައިން ފަރުވާކޮށްގެން ފައިސާވެސް ހޯދޭނެތީކަމަށް އޭނާ ވަނީ ބުނެފައެވެ.
އެ ފާދިރީ ހައްޔަރުކުރުމާއި ގުޅިގެން މީގެ ކުރިންވެސް އެފަދައިން މަރުވެފައިވާ 4 މީހެއްގެ މައްސަލައިގެ ތުހުމަތުގެ އިނގިލި އެ ފާދިރީއާއި ދިމާލަށް ދިއްކުރެއެވެ. އިންޑިޔާގެ ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
