ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެއީ މުސްލިމުންނަށް ކޮންމެ ހަފްތާއަކު އެއްފަހަރު އަންނަ ޢީދު ދުވަހެވެ. ކަހަފް ސޫރަތް ކޮންމެ ހުކުރު ދުވަހަކު ކިޔެވުމަށް ރަސޫލާގެ ސުންނަތުން ވާރިދުވެފައި އޮވެއެވެ. ހަމަ މިފަދައިން ހުކުރު ދުވަހު  ގިނަގިނައިން ރަސޫލާ އަށްޞަލަވާތް ކިޔުމަކީ އަހަރެމެންނަށް އަންގަވާފައިވާ އެކަމުގައި ގިނަގުނަ ދަރުމައާއި ޘަވާބުލިބޭ ކަމެކެވެ.

  • ހުކުރު ދުވަހު ކަހްފް ސުރަތް ކިޔަވައިފި މީހަކަށް ދެ ހުކުރު ދެމެދުގައި އަލިކަމެއްވާކަމަށް ޙަދީޘްގައި އައިސްފައިވެއެވެ.

 ހަދީޘުން އެނގޭ ގޮތުގައި ކަހަފު ސޫރަތް ކިޔަވާ މީހައަށް އަލިކަން ލިބިގެންވެއެވެ. އަދި އެއް ހުކުރުން އަނެއް ހުކުރަށްއެމީހެއްގެ ކުދި ފާފަތައް ފުހެވިގެން ދެއެވެ.

  • ދައްޖާލުގެ ފިތުނަތަކުން ސަލާމަތްވެއެވެ.

އެގޮތުން އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންއައިސްފައިވާ ހަދީޘްފުޅެއްގެ މާނައިގައި ވެއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކޮށްފި މީހަކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ."

ކަހަފް ސޫރަތުގައި ވަރަށް މުހިންމު 4 ވާހަކައެއް ގެނަސްދީފައިވެއެވެ.

އެ ހަތަރު ވާހަކަ އަކީ ކަހަފް (ހޮހަޅަ)ގެ އަހުލުވެރިންގެ ވާހަކައާއި، ދެ ބަގީޗާގެ ސާހިބު މީހާގެ ވާހަކައާއި، ޚިޟުރުގެފާނާއި މޫސާގެފާނުގެ ވާހަކައިގެ އިތުރުން ޒުލްގަރްނައިނިގެ ވާހަކައެވެ.

ކަހަފު ސޫރަތް ނިންމާލާފައި ވަނީ ހުރިހާ ބާވަތެއްގެ ފިތުނައިން ސަލާމަތް ވެވޭނެ މަގެއް ބަޔާން ކުރަމުންނެވެ. އެ މަގަކީ މާތް ﷲ އަށް ޝިރުކުކުރުމާއި ކަންދެއްކުމުން ދުރުހެލިވުމާއި އިޚްލާޞްތެރި ކަމާ އެކު ޞާލިޙު ހެޔޮ ޢަމަލް އަދާ ކުރުމެވެ.

ކަހަފް ސޫރަތް ކިޔަވަން މޮޅުއިތުރު ވެގެންވާ ވަގުތަކީ ބުރާސްފަތި ދުވަހުގެ އިރު އޮއްސުނީންސުރެ ފެށިގެން ގޮސް ހުކުރު ދުވަހުގެ އިރު އޮއްސުމާއި ހަމައަށެވެ.