ލުއިކާނާއަކީ ކޮންމެ ޒަމާނެއްގައިވެސް އެ އިރެއްގައި ތިބި ބަޔަކު ކައި އުޅޭ އެއްޗެކެވެ. ޒަމާނާއި އެކު ދިވެހިންގެ ތެރޭގައިވެސް ބޭނުންކުރަމުން އައި ލުއިކާނާތަކުގެ ތާސީރު މިވަނީ މުޅިން ބަދަލުވެފައެވެ. މިޒަމާނުގައި ލުއިކާނާއަކަށް ވަނީ ކޮންމެވެސް ގޮތަކަށް ދަޅެއް، ފުޅިއެއް ނުވަތަ ޕަކެޓެއްގައި އެއެއްޗެއް ބަންދުކޮށްފައި ހުންނަ އެއްޗެކެވެ.
އިހުދިވެހިންނަކީވެސް ލުއިކާނާ ކައި އުޅުނު ބައެކެވެ. އެގޮތުން އެޒަމާނުގައި އެންމެ މަގުބޫލު އެއް ލުއިކާނާއަކީ ކާއްޓާއި މަހެވެ. ކާށި ފެޅުމަށްފަހު، އެ ކާށި އުތުވައެވެ. ކާށި އުތުވުމަކީ ކާށި ކިބައިން ކުދިކުދި ކާށި ފޮތި ފޮތި ނެގުމެވެ. މިގޮތަށް ނަގާފައި ހުންނަ ކާއްޓާއި އެކީ ދެން ކަނީ މަހެވެ.
ކާއްޓާއި އެކު އާންމުކޮށް ކާނީ ހާ މަހެވެ. ނަވެސް ވަޅޯމަސް ކައި އުޅޭ މީހުންވެސް އުޅެއެވެ. ހާ މަހަކީ މަސްކައްކާއިރު ހާހާކޮށް ހުންނަ މަސްކޮޅުކޮޅެވެ. ވެއްޓި ނުވަތަ ރޫޅި ހަލާކުވާ މަސްކޮޅުކޮޅާއި މަހުގެ ބޮލުގައި ހުންނަ މަހާއި ބަނޑައިދޫވެސް ހާމަހުގެ ގޮތުގައި ނަގާއުޅެއެވެ. މިއީ ކައްކާ އަވިން ހިއްކައިގެން މުރަނަކޮށް ބޭނުން ކުރާ މަސްކޮޅުކޮޅެވެ.
އިހުދިވެހީން މަހަށް ދާއިރުގައްޔާއި ވެއްޔަށާއި އަކިރިއަަށް އަދި ފަނަށް، ދަރަށް، ކާއްޓަށް ދާއިރު، ލުއިކާނާއެއްގެ ގޮތުގައި އަތްމަތި ކުރަނީ ކާއްޓާއި މަހެވެ. ގޭގެ ބޮޑުއަށިމަތީ އެކި އެކި ސައްލާތައް ކުރަން ތިބޭއިރު ލުއިކާނާއަކީ ކާއްޓާއި މަހެވެ. ބައެއްމީހުން މީގެ ތެރެއަށް ކަދުރުވެސް އެއްކޮށް އުޅެއެވެ.
މިއީ ވަރަށް މީރު ކެއުމެކެވެ. މިއަދުވެސް މިފަދަ ކެއުންތައް ކައި އުޅޭމީހުން އުޅެއެވެ. ކާބަފައިންގެ އިހުސާސްތަކާއި ރަހަތައް ތަޖުރިބާކޮށްލަން އެދޭނަމަ މިއީ ކާލަން ރަނގަޅު ލުއިކާނާއެކެވެ. ޒަމާނާއި އެކު އައި ބަދަލުތަކާއި އެކު ކާއްޓާއި މަހަކީ ސަގާފީ ކެއުމެކޭ މިއަދު ބުނެވިދާނެއެވެ. ނުވަތަ ސަގާފީ ލުއިކާނާއެކޭ ބުނެވިދާނެއެވެ. އެހެންކަމަށް ވާނަމަ މިއީ ދެވަނައެއް ނުވާ ލުއިކާނާއެކެވެ.
