އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިންގްހަމްގެ 3 ވަނަބައެއް ނެރުމުގެ މަސައްކަތް ފަށާފައިވާކަމަށް މި ފިލްމުގެ ޑައިރެކްޓަރު ރޯހިތު ސެޓީ ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ އިންޑިޔާގެ މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދާއި ދިމާކޮށެވެ. އިތުރަށް މައުލޫމާތު ލިބޭގޮތުގައި މި ފިލްމު ކުޅެން ނިންމާފައިވަނީ ކަސްމީރު އަދި ދިއްލީގައި އެވެ.
ސިންގްހަމް 3 ގެ ވާހަކަ ތައްޔާރު ކުރަން ރޯހިތް އާއި އޭނާގެ ޓީމުން ވަރަށް ގިނަ ދުވަސް ވަންދެން ވިސްނާފައިވާކަމަށާއި މިހާރު މިވަނީ ވަރަށް ތަފާތު ވާހަކަ އަކަށް މި ފިލްމު ހަދަން ނިންމާފައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައިއެވެ. މި ފިލްމުން ފެނިގެންދާނީ ކަސްމީރުގައި ފިލައިގެން އުޅޭ ޓެރަރިސްޓުން ތަކަކާއި ސިންގްހަމް އާއި މެދު ހިނގައިގެންދާ ކުރިމަތިލުންތަކެކެވެ.
މި ފިލްމުން ސިންގްހަމްގެ އިތުރުން ރޯހިތް ޑައިރެކްޓު ކޮށްފައިވާ ދެ ފިލްމަކުން ފެނިގެންގޮސް ފައިވާ ރަންވީރު ސިންގް އަދި އަކްޝޭ ކުމާރު ވެސް ފެނިގެން ހިނގައިދާނެކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފާހަގަކުރެއެވެ.
