ލޮލަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު އެއް ގުނަވަނެވެ. އިންސާނާގެ ލޮލަށް ދިމާވާ އެކި އެކި ކަންތައްތަކުގެ ތެރޭގައި ލޯ ހިރު ވުމާއި އެކު ރަތްވުމަކީ ބައެއްމީހުންނަށް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. އާންމުކޮށް މިގޮތަށް ދިމާވަނީ ލޮލަށް ކޮންމެވެސް ކަހަލަ ކުނޑިކޮޅެއް ނުވަތަ ލޮލަށް އުނދަގޫކުރާ ޒާތެއްގެ އެއްޗެއް ލޮލަށް ދިއުމުންނެވެ. ނަވެސް ބައެއް ފަހަރަށް ލޮލަށް އެއްވެސް ކުނޑިކެއް ނުދިޔަ ނަމަވެސް ލޮލުޖާ އެއްޗެއް ޖެހޭކަމުގެ އިހުސާސްކުރެވި ކަހާ ހިރުވާ ގޮތްވެދާނެއެވެ.
މިފަދައިން ކަހާ ހިރުވުމުގައި ބައެއް ސަބަބުތައް މެދުވެރިވެއެވެ. އޭގެ ތެރެއިން މައިގަނޑު އެއް ސަބަބަކީ ކޮންމެވެސް ޒާތެއްގެ އެއްޗަކަށް އެމީހެއްގެ ލޯ އެލާޖިކު ވުމެވެ. މިފަދައިން އެލާޖިކުވާއިރު ލޮލުގައި އެއްޗެއް ޖެއްސޭކަމުގެ އިހުސާސް ކުރެވި ކަހާ ހިރުވާގޮތްވާނެއެވެ. ނަމަވެސް ލޮލުގައި އެއްވެސް ކުނޑިކޮޅެއް ފެންނާކަށް ނުހުންނާނެއެވެ. ލޮލުގެ ރަވައިގައި ޖަރާސީމު އަށަގަތުމަކީވެސް މިކަން މިގޮތަށް މެދުވެރިވެދާނޭ ސަބަބެކެވެ. ހަމަ އެއާއި އެކު މާބޮޑަށް ލޮލުގެ ތެތްކަން ހިކުމަކީވެސް ލޮލުގައި ޖެއްސޭކަމުގެ އިހުސާސް ކުރެވުމާއި އެކު ކަހާ ހިރުވާނޭ ކަމެކެވެ.
ލޯ ކަހާ ހިރުވާނަމަ ލޮލުގައި ހުންނަ ނާރުތައް ފުފޭނެއެވެ. އެއާއި އެކު ލޯ ރަތްކޮށް ފެންނަން ހުންނާނެއެވެ. ހަމަ އެއާއި އެކު ލޮލުން ކަރުނަ ހިލޭ މިންވަރު އިތުރުވެ ލޮލުން ފެން އަންނާނެއެވެ.
މިގޮތަށް ކަހާ ހިރުވާއިރު ބައެއް މީހުން އެމީހުންގެ ލޯ އުނގުޅައެވެ. ނަމަވެސް މިއީ ރައްކާތެރިގޮތެއް ނޫނެވެ. މިހާލަތަކުގައި ލޯ އުނގުޅާނަމަ، ކެހުމާއި ހިރުވުން ހައްތަހާ ވާނީ ބޮޑެވެ. އެހެންކަމުން ލޯ ނޫނގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އާދޭހެވެ! ކަހާ ހިރުވާނަމަ ލޯ އުނގުޅޭނެއެވެ. އެހެންކަމުން ލޯ ނޫނގުޅާ އެކަމަށް ހައްލެއް ލިބޭނޭ ގޮތެއް ހޯދުން ވަރަށް މުހިންމެވެ. ސިއްހީ މާހިރުން ދެކިލައްވާ ގޮތުގައި މިފަދަ ހާލަތް ތަކުގައި ލޯ މަރާލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމުން މިކަމަށް ލުޔެއް ލިބޭނެއެވެ. އަދި ފިނި ފެންފޮދަކުން ލޯ ދޮވެލުމާއި އެކު ފިނިފެން ތައްޓަކަށް މޫނު ލައިގެން ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެއެވެ. ނުވަތަ ފިނިފެނުން ތެންމާފައިހުރި ތުވާއްޔެއް ނުވަތަ ފޮތިކޮޅެއް މޫނުމަތީގައި ބޭއްވިދާނެއެވެ. މިގޮތަށް ބާއްވަން ވާނީ ލޯމައްޗާއި އެކުގައެވެ. ލޯ މަތީގައި ފޮތިގަނޑު ބާއްވާއިރު ލޯ މަރާލުމަށްފަހު ލޮލުގެ މަތީގައި ބާއްވާލާށެވެ.
މި ފަރުވާތަކަކީ 100 އިންސަތަ ޔަގީން ފަރުވާތަކެއް ނޫނެވެ. ނަމަވެސް މިއީ ކަހާ ހިރުވާ ލޯތަކަށް ގޭގައި ކުރެވިދާނެ އާދައިގެ ފަރުވާތަކެކެވެ.
