އަވައްޓެރި ސްރީލަންކާގައި ހަނޑޫ ޖަންބޯއެއްގެ ހަޑޫތަކުގެ ދަށުވެ އަންހެނަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގައިފައިވަނީ އެ ގައުމުގެ އަވަށެއްކަމަށްވާ ނޮޗްޗިޔަގަމާގައެވެ.

އެގައުމުގެ ފުލުހުންނާ ހަވާލަދީ ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 47 އަހަރުގެ އަންހެނެކެވެ. މި ހާދިސާ ހިނގާފައި ވަނީ ދޫނި ކާނާ އުފައްދާ ފެކްޓަރީއެއްގައި ކަމަށްވެސް އެގައުމުގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.

މަންޒަރު ދުށް މީހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ބާރަ ފޫޓު އުސްމިނުގައި ހުރި ޓޭންކެއްގައި ހުރި ހަނޑޫ ޖަންބޯއެއް އަންހެންމީހާގެ ގަޔަށް އެޅި އޭނާ ވަނީ ވަޅުލެވިފައެވެ. އެ ހަނޑޫ ޖަންބޯ އިން ހަނޑޫތައް ފޭބީ ޖަންބޯ ފަޅައިގެން ދިއުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގަަައި އޭނާ މަރުވެފައިވަނީ ނޭވާ ހާސްވެގެން ކަމަށް ބެލެވޭ ކަމަށެވެ. އެ ހާދިސާ އާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ ހާދިސާ ހިނގި ގޮތުގެ ތަހުގީގެއް ފަށާފައެވެ.

ލަންކާގައި މިފަދަ ސިނާއަތްތަކަކީ ގިނަ އަދަދަކައް ހިންގާ ސިނާއަތްތަކެކެވެ. މި ސިނާއަތްތަކުގެ މަސައްކަތުގެ މާހައުލުގައި މިފަދަ ނުރައްކާތެރި ހާދިސާތައް އެތައް ފަހަރަކު ވަނީ ހިނގާފައެވެ. އެ ގައުމުގެ ސަރުކާރުން ތަކުރާރުކޮށް ސަލާމަތީކަންކަމަށް ފަރުވާތެރިވުމަށް އެ ކުންފުނިތަކަށް ދަނީ އިލްތިމާސް ކުރަމުންނެވެ.