އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެންޗެސްޓާ ޑާބީގައި ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ބަލިވެ ޔުނައިޓެޑްގެ ކޯޗު އޮލެގުނަ ސޯލްޝެއާ އަށް ޕްރެޝަރު ކުރިމަތިވެއްޖެއެވެ. މި މެޗުން ސިޓީ މޮޅުވީ 2-0 އިންނެވެ.

މިއީ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވީ ހަތަރުވަނަ މެޗެވެ. އެއް މެޗުން އެއްވަރުވިއިރު، މޮޅުވީ އެންމެ މެޗަކުންނެވެ. މީގެއިތުރުން، އަމިއްލަ ދަނޑުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައެއްނުވެއެވެ.

މިރޭގެ ނަތީޖާއާއެކު ސިޓީ ވަނީ 11 މެޗުން ހޯދީ 23 ޕޮއިންޓާއެކު ދެވަނަ އަށް ޖެހިލާފައެވެ. މިވަގުތު އެއްވަނައިގައި އޮތް ޗެލްސީ ކުޅުނު 10 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް އޮތީ 22 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 10 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ޔުނައިޓެޑް އޮތީ 17 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.

އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ގިނަ ސޭވްތަކެއް ކޮށްފައިވާއިރު، ސިޓީ އިން ވަނީ ހަތްވަނަ މިނެޓުގައި ލީޑްނަގާފައެވެ. މިއީ ސިޓީގެ ފުލްބެކް ޔާއޯ ކަންސޭލޯ ހުރަހަކުން ނަގައިދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދޭން އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް މަތަކުރިއިރު، ރީބައުންސްގައި މޭސަން ގްރީންވުޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

އޭގެފަހުން، ފުރަތަމަ ހާފުގައި ސިޓީގެ ފޯވާޑް ގެބްރިއެލް ޖެސޫސް އާއި ކެވިން ޑި ބްރޭނާ އަދި ކަންސޭލޯ ފޮނުވާލި ދެ ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ ވަނީ ހުއްޓުވާފައެވެ. މި ހާފުގެ އެންމެ ފަހު މިނެޓުގައި ސިޓީގެ ދެވަނަ ލަނޑުޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ކަންސޭލޯ އެވެ. ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ ނޮވެންބަރު މަހުގެ 20 ވާ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ އެއް ދުވަސް ފަހުން ސިޓީ ނިކުންނާނީ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށެވެ.