ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި މިރޭ ވެސްޓް އިންޑީޒް އަތުން ފަސޭހަކަމާއެކު އަށް ވިކެޓުން މޮޅުވެ، އޮސްޓްރޭލިއާ އިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމާ ގާތަށް ޖެހިލައިފިއެވެ.

މި މޮޅާއެކު، އޮސްޓްރޭލިއާ އޮތީ 8 ޕޮއިންޓާއެކު ގުރޫޕް އެކެއްގެ ދެވަނައިގައެވެ. މިވަގުތު އެއްވަނައިގައި އޮތް އިންގްލެންޑަށް ވެސް ހަތަރު މެޗުން މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. ތިންވަނައިގައި އޮތް ދެކުނު އެފްރިކާ އަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ޓީމުތަކެއް ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެނަމަ، ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައަޅާނީ ނެޓް ރަންރޭޓަށް ބަލައިގެންނެވެ.

މިރޭގެ މެޗުން ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ވެސްޓް އިންޑީޒުން ކުޅެން އަރައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 157 ލަނޑެވެ. އެ ޓީމުން އެންމެ މޮޅަށް ކުޅުނު ކެޕްޓަން ކިއެރަން ޕޮލާޑް ވަނީ 31 ބޯޅައިން 44 ލަނޑުހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އެވިން ލުވިސް 29 ލަނޑުހެދިއެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ އުކުންތެރިޔާ ޖޯޝް ހޭޒަލްވުޑް ވަނީ 39 ލަނޑަށް ހަތަރު ވިކެޓްނަގާފައެވެ.

ޖަވާބުގައި އޮސްޓްރޭލިއާ އިން ކުޅެންއަރައި ދެ ވިކެޓަށް 161 ލަނޑުހެދީ 16.2 އޯވަރުގެ ތެރޭގައެވެ. އޮސްޓްރޭލިއާގެ އޯޕަނިން ބެޓްސްމަން ޑޭވިޑް ވޯނާ ނުބައިނުވެ 56 ބޯޅައިން 89 ލަނޑުހެދިއިރު، މިޗޭލް މާޝް ވަނީ 53 ލަނޑުހަދާފައެވެ. އެ ޓީމުގެ ކެޕްޓަން އާރޮން ފިންޗް ނުބައިވީ އެންމެ ނުވަ ލަނޑަށެވެ.

މި މުބާރާތުގައި މިހާތަނަށް ސެމީގެ ޖާގަ ކަށަވަރުކޮށްފައިވަނީ ގްރޫޕު ދޭއްގެ އެއްވަނައިގައި އޮތް ޕާކިސްތާނެވެ. ގްރޫޕް އެކަކުން ސެމީގެ ޖާގަތަކަށް ވާދަކުރަނީ އޮސްޓްރޭލިއާގެ އިތުރުން ދެކުނު އެފްރިކާ އާއި އިންގްލެންޑެވެ.