ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި ބޯޑޯ އަތުން 3-2 އިން ޕީއެސްޖީ މޮޅުވެ، ތާވަލްގެ އެއްވަނައިގައި ލީޑް ދަމަހައްޓައިފިއެވެ.
ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 13 މެޗުން ހޯދީ 34 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލެންސް އަށް 24 ޕޮއިންޓް ލިބިފައިވާއިރު، ނީސް އޮތީ 12 މެޗުން ހޯދީ 23 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް މާސޭ އަށް ލިބިފައިވަނީ 22 ޕޮއިންޓެވެ.
މި މެޗަށް ޕީއެސްޖީ ނިކުތްއިރު އަނިޔާގެ ސަބަބުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅެއެވެ. މީގެއިތުރުން، އެ ޓީމުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި މާކޯ ވެރާޓީ އާއި ސާޖިއޯ ރާމޯސްގެ އިތުރުން ޕްރެސްނެލް ކިމްޕެމްބޭ އަދި ލެއަންޑްރޯ ޕަރެޑޭސް ހިމެނެއެވެ.
ބޯޑޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ލީޑްނެގީ 26 ވަނަ މިނެޓުގައި ބްރެޒިލްގެ ތަރި ނޭމާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ނޭމާ ވަނީ ޕީއެސްޖީ އަށް ދެލަނޑުގެ ލީޑެއްނަގާފައެވެ. މި ދެ ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ކިލިއަން އެމްބާޕޭ އެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އެ ޓީމުގެ ނެދަލެންޑްސް މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް އަލްބާޓް އެލިސް ވަނީ ބޯޑޯގެ ފުރަތަމަ ލަނޑުޖަހައިދީފައެވެ. މި މެޗުގައި ބޯޑޯ އިން ޖެހި ދެވަނަ ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އެމްބައޭ ނިއާންގް އެވެ.
މިއީ އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޕީއެސްޖީން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އެ ޓީމުން މި ފަހަރުގެ ސީޒަނުގައި ލީގުގައި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި މާސޭގެ ދަނޑުގައި މެޓްޒްއާ ދެކޮޅަށް ނިކުންނައިރު، ނީސްގެ ދަނޑުގައި އެ ޓީމު ނިކުންނާނީ މޮންޓްޕެލިއޭއާ ދެކޮޅަށެވެ.
