ސްޕެނީޝް ލީގުގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ސެލްޓާ ވިގޯ އިން 3-3 ގެ ނަތީޖާއަކުން ބާސެލޯނާއާ އެއްވަރުކުރިއިރު، އަމިއްލަ ދަނޑުގައި 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ މެޗުތަކަށްފަހު ރެއާލް އެއްވަނައިގައި އޮތީ 12 މެޗުން ހޯދީ 27 ޕޮއިންޓާއެކު އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ރެއާލް ސޮސިއެޑާޑް އޮތްއިރު، ތިންވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. އެތުލެޓިކޯ މެޑްރިޑް ހަތަރުވަނައިގައި އޮތީ 22 ޕޮއިންޓާއެކު އެވެ.

ސެލްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 34 މިނެޓުގެ ތެރޭގައި ބާސެލޯނާ އިން ވަނީ ތިން ލަނޑުގެ ލީޑެއްނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ބާސެލޯނާގެ ފުރަތަމަ ލަނޑުޖަހައިދިނީ އަންސޫ ފާޓީ އެވެ. އޭގެފަހުން، މެޗުގެ 18 ވަނަ މިނެޓުގައި ސާޖީ ބުސްކެޓްސް އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިންއިރު، 34 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ދިން ބޯޅައަކުން މެމްފިސް ޑިޕާއީ ކާމިޔަބުކުރި ގޯލާއެކު ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ބާސެލޯނާގެ ކީޕަރު މާކް އަންދްރެ ޓަ ސްޓެގަން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އިއާގޯ އަސްޕާސް ވަނީ ސެލްޓާ އަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެފަހުން، މެޗުގެ 74 ވަނަ މިނެޓުގައި ސެލްޓާގެ ދެވަނަ ލަނޑު، ނޮލީޓޯ ކާމިޔާބުކުރިއިރު މެޗުގެ އިތުރުވަގުތުގައި އެ ޓީމަށް އެއްވަރުކޮށްދިނީ އަސްޕާސް އެވެ.

ބާސެލޯނާ ކޮޅަށް ލަނޑުޖެހުމަށްފަހު ސެލްޓާ ވިގޯގެ ފޯވާޑް އިއާގޯ އަސްޕާސް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ ޓުވިޓާ

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ 12 މެޗުން 17 ޕޮއިންޓާއެކު ނުވަވަނައިގައެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިނުވާއިރު، ދެން ބާސެލޯނާ ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދުދޭނީ ދާދިފަހުން ކޯޗުގެ މަގާމާ ހަވާލުވި ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އެވެ.

ލީގުގައި ރޭ ރެއާލުން 2-1 އިން ވަޔެކާނޯ އަތުން މޮޅުވިއިރު، އެ ޓީމުގެ ހުރިހާ ގޯލެއް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މި މެޗުގެ 14 ވަނަ މިނެޓުގައި ރެއާލަށް ލީޑްނަގައިދިނީ ވިނީޝަސް ޖޫނިއާ ދިން ޕާހަކުން ޓޯނީ ކްރޫސް އެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ޑޭވިޑް އަލަބާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައަކުން ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ވަނީ ދެވަނަ ލަނޑުޖަހައިދީފައެވެ. މިއީ ލީގުގައި ބެންޒެމާ ޖެހި 10 ވަނަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމެން 14 މިނެޓަށްވެފައިވަނިކޮށް ވަޔެކާނޯ އަށް ފަރަގު ކުޑަކޮށްދިނީ ކޮލަމްބިއާގެ ފޯވާޑް ރަޑަމެލް ފަލްކާއޯ އެވެ. އޭގެފަހުން، ވަޔެކާނޯ އަށް އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ރޮނގުމަތިން ކްރޫސް ސަލާމަތްކުރިއިރު، ދެވަނަ ފަހަރަށް އެ ބޯޅަ އުނާއި ލޮޕޭޒް ފޮނުވާލުމުން ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، ގެޓަފޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ވިޔަރެއާލް ނިކުންނައިރު ވެލެންސިއާގެ ދަނޑުގައި އެ ޓީމު ނިކުންނީ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯއާ ދެކޮޅަށެވެ. މީގެއިތުރުން، އޮސަސޫނާގެ ދަނޑުގައި ސޮސިއެޑާޑާ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.