ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރއަބްދުالله މައުސޫމަށް ރުހުން ދޭން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިއީ ޑރ. މައުސޫމަށް ރުހުން ދިނުމަށް ހުށަހެޅި ދެވަނަ ފަހަރެވެ. އޭނާއަށް ރުހުން ދޭން ކޮމިޓީން މިދިޔަ ހަފުތާގައި ފާސްކޮށް މަޖިލިހަށް ފޮނުވިއެވެ. ނަމަވެސް، އޭނާ އޭރު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވީ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނަވައިގެން ކަމަށް ވުމުގެ ސަބަބުން، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރަން މަޖިލީހުން ވަނީ ލަފާދީފައެވެ.

މިކަން މިހެންކޮށްފައިވަނީ ވަޒީރުން އެއްވެސް ވިޔަފާރިއެއް ހިންގުމުގައި ބައިވެރިވުމަކީ ގާނޫނުއަސާސީ މަނާކުރާ ކަމަކަށް ވާތީއެވެ.