ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު އަފްގާނިސްތާން އަތުން 8 ވިކެޓުން ހޯދީ މޮޅާއެކު ނިއުޒީލެންޑުން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ބާކީ އެއް މެޗު އޮއްވާ ގަދަފަދަ އިންޑިއާ ކަޓައިފިއެވެ.

މި މޮޅާއެކު ނިއުޒީލެންޑް އޮތީ 8 ޕޮއިންޓާއެކު ނެޓް ރަން ރޭޓުން އެއްވަނައިގައެވެ. އެކަމަކު، މިރޭ ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗުން ދެވަނައިގައި އޮތް ޕާކިސްތާން މޮޅުވެއްޖެނަމަ 10 ޕޮއިންޓާއެކު އެ ޓީމަށް ގްރޫޕް ދޭއް ގެ އެއްވަނަ ލިބޭނެއެވެ. އިންޑިއާ އަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

އަފްގާނިސްތާނުން ޓޮސް ދިމާވުމުން ކުޅެންއަރައި 8 ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެ ތެރޭގައި ހެދުނީ 124 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ނަޖީބުﷲ ޒަދްރާން 48 ބޯޅައިން 73 ލަނޑުހެދިއިރު، މި އިނިންގްސްގައި ނިއުޒީލެންޑުން އެންމެ ރަނގަޅަށް އުކި ޓްރެންޓް ބޯލްޓް ތިން ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެންއަރައި ނިއުޒީލެންޑުން ދެ ވިކެޓަށް 125 ލަނޑުހެދީ 18.1 އޯވަރުގެ ތެރޭގައެވެ. އެ ޓީމުގެ ޑޭވަން ކޮންވޭ ނުބައިނުވެ 32 ބޯޅައިން 36 ލަނޑުހެދިއިރު، ކެޕްޓަން ކޭން ވިލިއަމްސަން ނުބައިނުވެ 42 ބޯޅައިން 40 ލަނޑުހެދިއެވެ. އަފްގާނިސްތާނުން އެންމެ ރަނގަޅަށް އުކީ ރަޝީދު ޚާން އާއި މުޖީބުއްރަހުމާން ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

މިހާތަނަށްއައިއިރު ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން ސެމީ އިން ފުރުޞަތު ހޯދިއިރު އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އޮސްޓްރޭލިއާ ވެސް ވަނީ އަނެއް ބުރުން ޖާގަ ހޯދާފައެވެ. ގްރޫޕު ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕާކިސްތާނުން ސެމީ އަށް ދަތުރުކުރިއިރު، ދެވަނަ ޓީމަކީ ނިއުޒީލެންޑެވެ.