އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-2 އިން ބަލިވެ ލިވަޕޫލްގެ ރެކޯޑް ނިމުމަކަށްއައިއިރު، ވަޓްފޯޑް އަތުން އާސެނަލުން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މިއީ މިދިޔަ އޭޕްރީލް މަހުގެ ފަހުން ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ މިރޭގެ މެޗާއި ހަމައަށް އައިއިރު ލީގުގައި ބަލިނުވެ 25 މެޗު ފުރިހަމަކޮށްފައެވެ.

މިރޭގެ މެޗުތަކަށްފަހު އަދިވެސް އެއްވަނައިގައި އޮތީ ޗެލްސީ އެވެ. އެ ޓީމަށް 11 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ތިންވަނައިގައި އޮތް ވެސްޓް ހޭމަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ސިޓީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ލިވަޕޫލް އޮތީ 22 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ފަސްވަނައިގައި އޮތް އާސެނަލަށް ވަނީ 20 ޕޮއިންޓް ލިބިފައެވެ.

ލަންޑަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސްޓް ހޭމުންނެވެ. މިއީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ލިވަަޕޫލަށް އެއްވަރުކޮށްދިނީ އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެވެ. މިއީ ގޯލާއި ގާތްގަނޑަކަށް 25 ޔާޑު ދުރުން ފޮނުވާލި ހިލޭޖެހުމަކުން އެލެގްޒެންޑާ-އާނޯލްޑް ކާމިޔާބުކުރި ރީތި ގޯލެކެވެ.

ލިވަޕޫލްގެ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް (ވ-2) ވެސްޓް ހޭމްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

މެޗުގެ 67 ވަނަ މިނެޓުގައި ވެސްޓް ހޭމަށް އަލުން ލީޑްނަގައިދިނީ ޖަރޮޑް ބޮވެން ދިން ބޯޅައަކުން ސްޕެއިނުގެ މިޑްފީލްޑަރު ޕަބްލޯ ފޯނާލްސް ކާމިޔާބުކުރި ގޯލުންނެވެ. އޭގެކުރީން، އެ ޓީމުގެ ޑިފެންޑަރު ކްރެއިގް ޑޯސަން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. ވެސްޓް ހޭމުން ދެވަނަ ލަނޑުޖެހިތާ ހަތް މިނެޓުފަހުން، އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ކާޓް ޒޫމާ އެވެ. މިއީ ބޮވެން ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޒޫމާ ކާމިޔާބުކުރި ގޯލެކެވެ.

ފަހު ހާފުގައި ކުޅެން ނިކުތް ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ ވަނީ 83 ވަނަ މިނެޓުގައި ކާމިޔާބުކުރި ރީތި ގޯލާއެކު ލިވަޕޫލަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެފަހުން، މެޗުން ލިވަޕޫލަށް ޕޮއިންޓެއް ހޯދައިދޭން ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކްލައުޑިއޯ ރަނިއޭރީގެ ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ލަނޑުޖެހި ތިންވަނަ ފަހަރެވެ. މިއީ އާސެނަލްގެ މިހާރުގެ ކޯޗު މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން ލީގުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.

ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

މި މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އާސެނަލަށް ލީޑްނަގައިދޭން އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭ އަށް ވަޓްފޯޑްގެ ޑިފެންޑަރު ޑެނީ ރޯސް ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ އޮބާމަޔަން ފޮނުވާލުމުން ވަޓްފޯޑްގެ ކީޕަރު ބެން ފޮސްޓާ މަތަކުރިއެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެން ދަނިކޮށް އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް މަގަލޭޝް ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ފޮސްޓާ އެވެ.

ވަޓްފޯޑަށް މި މެޗުން އެއްވަރުކޮށްދޭން ފަހު ހާފުގައި އެ ޓީމުގެ ނޯވޭ ފޯވާޑް ޖޯޝުއާ ކިންގް އަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އާއި ޑިފެންޑަރު ބެން ވައިޓް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވަޓްފޯޑްގެ ފޯވާޑް ކިންގް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ބޭރު ދާގަނޑަށެވެ. އޭގެފަހުން، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ޖުރާޖް ކުޗްކާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން ވަޓްފޯޑުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ލީގުގައި ޓޮޓެންހަމް ހޮޓްސްޕާގެ އައު ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ލަނޑެއްނުޖެހި އެވަޓަންއާ އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ލެސްޓާ ސިޓީ ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގެ 26 ވަނަ މިނެޓުގައި ހިލޭޖެހުމަކުން ލީޑްސްގެ ބްރެޒިލް ފޯވާޑް ރަފީނިއާ އެ ޓީމަށް ލީޑްނަގައިދީފައިވަނިކޮށް އޭގެ ދެ މިނެޓުފަހުން ލެސްޓާ އަށް އެއްވަރުކޮށްދިނީ ހާވީ ބާންސް އެވެ.