އިޓާލިއަން ސެރިއޭގައި ރޭ ވާދަވެރި އިންޓަ މިލާނާއި ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ތާވަލްގެ އެއްވަނައިގައި އުޅޭ ނަޕޯލީ އަށް މޮޅުނުވެވުމުގެ ފައިދާނުނެގި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އުޅޭ ނަޕޯލީ އަށް 12 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، މި އަދަދަށް ޕޮއިންޓް ލިބިގެން މިލާން ދެވަނައިގައި އޮތީ ފައިދާގޯލްގެ ތަފާތުންނެވެ. އޭގެ ހަތް ޕޮއިންޓް ފަހަތުން ތިންވަނައިގައި އިންޓަ އޮތްއިރު، އެޓަލާންޓާ އޮތީ 22 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ސެން ސީރޯގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ އިންޓަ އިންނެވެ. މެޗު ފެށިގެން 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިންޓަ އަށް މިލަނޑުޖަހައިދިނީ ތުރުކީގެ މިޑްފީލްޑަރު ހަކާން ޗަހަނައޮގްލޫ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޗަހަނައޮގްލޫ އަށް މިލާންގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އިންޓަ އިން ލަނޑުޖެހިތާ ހަ މިނެޓުފަހުން މިލާނުން އެއްވަރުކުރި ލަނޑަކީ އިންޓަގެ ނެދަލެންޑްސް ޑިފެންޑަރު ސްޓެފަން ޑެ ވްރާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ މިލާންގެ އިޓަލީ މިޑްފީލްޑަރު ސެންޑްރޯ ޓޮނާލީ ނަގައިދިން ހިލޭޖެހުމަކުން ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްވީ ބޯޅައެއް ޑެ ވްރާ ދިފާއުކުރަން ޖައްސާލުމުން ވަތް ގޯލެކެވެ.
އޭގެފަހުން، ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އިންޓަ އަށް އަލުން ލީޑްނަގައިދޭން އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އިންޓަގެ ފުލްބެކް މަޓިއާ ޑަމިއާން އަށް މިލާންގެ ޑިފެންޑަރު ބާލޯ ޓޫރޭ ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ މާޓިނޭޒް ފޮނުވާލުމުން މިލާންގެ ކީޕަރު ސިޕްރިއަން ޓަޓަރުޝާނޫ މަތަކުރިއެވެ.
ދެވަނަ ހާފުގައި މިލާންގެ މިޑްފީލްޑަރު އަލެކްސިސް ސައެލެމޭކާސް ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، ރީބައުންސްގައި ކެސިއޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެފަހުން، މެޗު ނިމެން ދަނިކޮށް މިލާނަށް ލިބުނު ހިލޭޖެހުމަކުން ޒަލަޓާން އިބްރާހިމޮވިޗް ފޮނުވާލި ބާރު ހަމަލާ އިންޓަގެ ކީޕަރު ސާމިރް ހެންޑަނޮވިޗް މަތަކުރިއެވެ.
ލީގުގައި ރޭ ނަޕޯލީގެ ދަނޑުގައި ހެލަސް ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ގޯލް ވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ހެލަސް ވެރޯނާގެ ފޯވާޑް ޖިއޮވާނީ ސިމިއޯނީގެ ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް ނަޕޯލީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިޓަލީގެ ފުލްބެކް ޖިއޮވާނީ ޑި ލޮރެންޒޯ އެވެ. މެޗު ނިމެން ދަނިކޮށް ވެރޯނާގެ މީޑްފީލްޑަރު ޑެނިއެލް ބެއްސާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކިއިރު، އިތުރުވަގުތުގައި އެ ޓީމުގެ ފޯވާޑް ނިކޮލާ ކަލިނިޗަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން ނިންމާލީ 9 ކުޅުންތެރިންނާއެކު އެވެ.
މި މުބާރާތުގައި ރޭ ވެނެޒިއާ އިން 3-2 ގެ ނަތީޖާއަކުން އޭއެސް ރޯމާ ބަލިކުރިއިރު، ލާޒިއޯ ވަނީ އަމިއްލަ ދަނޑުގައި ސަލާނިޓާނާ އަތުން 3-0 އިން މޮޅުވެފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޗީރޯ އިމޯބިލޭ އާއި ޕެޑްރޯ އަދި ލުއިސް އަލްބާޓޯ އެވެ.
