ތާރީޚީ ލިޔުންތަކަށް ބަލާއިރު ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ .ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ މިއަދަކީ ރާއްޖެ އިސަލާމްވިފަހުން 895 ވަނަ އަހަރުފުރޭ އަހަރެވެ.
ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއްގެ އަތްޕުޅު މައްޗަށް ކަމަށް ލިޔެކިޔުންތަކުގައި ފާހަގަކޮށް ލިޔެފައިވެއެވެ. މި ޢިލްމުވެރިޔާގެ ނަންފުޅަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ.
ރާއްޖެ އިސްލާމްވުމާއި ރަންނަމާރި އެރުން
ރާއްޖެ އިސްލާމްވުމަށް ދިމާވިކަން ކަމަށްބުނެ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި "ރަންނަމާރި" ކިޔާ ވާހަކައެއް ކިޔައި އުޅެއެވެ. މި ވާހަކަ ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގެ ތައުލީމީ މަންހަޖުގައި ހިމަނައިގެން، ސުކޫލުތަކުގައި ކިޔަވައިދިނެވެ.
ރާއްޖެއަކީ މީގެ އެތަށް ސަތޭކަ އަހަރުތަކެއް ކުރިން މީހުން ދިރިއުޅެމުން އައި ތަނެކެވެ. ޖާހިލުކަމާއި ޝިރުކުގެ ނުބައިކަމުގެ ތެރޭގައި ދިވެހިރާއްޖެ އޭރު އޮތްއިރު ރާއްޖޭގައި އޮތީވެސް އިސްލާމްދީނެއް ނޫނެވެ. ތަފާތު އެކި ދީންތަކަށް އުޅުނުމީހުން ރާއްޖޭގަ އޭރު އުޅެމުންގެންދިޔަ ކަމަށް ލިޔެކިޔުންތައް ބުނެވެއެވެ. ރަންނަމާރި ވާހަކަ ތުންތުންމަތިން ދެކެވެމުން އައިގޮތަށް ބަލާއިރު، ދިވެހީން ބުދު ދީނަށް އަޅުކަންކުރި ޒަމާނުގައި، މާލޭގެ ވަރުނުލާ ރާޅުގަނޑާއި ދިމާގައި ހުންނަ ބުދުފަށްޅިއަށް ކޮންމެ ހަނދުމަހެއްގެ 15 ވަނަ ދުވަހު ރަންނަމާރި އަރާކަމަށްވެއެވެ. އަދި އެ ރެއަކު ގުރުއަތުން ހޮވޭ އަންހެންކުއްޖެއް ނަލަ ހެއްދުމަށްފަހު އެ ބުދުފައްޅިއަށް ގެންދަންޖެހެއެވެ. ފަތިސްވުމުން މީހުން ބުދުފައްޅިއަށް ދާއިރު އަންހެންކުއްޖާ އޮންނަނީ އިއްފަތްތެރިކަން ނަގާލައި، މަރާލާފައެވެ.
މިގޮތުގައި ދިވެހިން އުޅެމުންދަނިކޮއް ތަބްރޭޒޭ ކިޔުނު އީރާނުގެ ރަށުން ޤުރުއާން ހިތުދަސް، ދަންނަބޭކަލެއްކަމުގައިވާ އަބުއްރިކާބު ޔޫސުފް އައްތަބްރޭޒީ ރާއަޖެވަޑައިގަތެވެ. މިބޭކަލަކު ރާއްޖެ ވަޑައިގަތްފަހުން ރަންނަމާރިއަށް ގުރުބާން ކުރުމަށް ގުރުއަތުން ހޮވުނީ، ތަބްރޭޒީގެފާނު މާލެ ފައިބާވަޑައިގެން ހުންނެވި ގޭގެ ކުއްޖެކެވެ. މިކަމާހުރެ، އެގޭގެ އަންހެންވެރީންނާއި ތަންގަނޑު އަވައްޓެރީން ރޮއެ އާދޭސްކުރަން ފެށުމުން، މިރޭ އަންހެން ކުއްޖާގެ ބަދަލުގައި ބުދުކޯލަށް ދާނީ ތިމަންނާ ކަމަށް ތަބްރޭޒީ ވިދާޅުވެއްޖެއެވެ.
އެރޭ ތަބްރޭޒުގެފާނު ބުދުކޯލަށް ވަޑައިގެން އެތަނުގައި އެކަލޭގެފާން އިންނެވީ ގުރުއާން ކިޔަވާވިދާޅުވާށެވެ. އެރޭ ރަންނަމާރި ކަނޑުން އަރައިގެން އައުމުން ކަންފަތުގައި ޖެހުނީ ގުރުއާނުގެ މާތް ކަލިމަފުޅުތަކެވެ. ޖެހުމާއެކު އެސޮރު ކަނޑުގެތެރެއަށް ގެނބި ޣައިބުވެއްޖެއެވެ.
ބައެއް ހާދިސާތަކުގައި ބުނެފައިވާ ގޮތުން މި ރަންނަމާރީގެ ސިފައިގައި އަރަނީ، އޭރު ރަސްކަމުގައި ހުންނެވި ރަސްގެފާނެވެ. މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށްވީ އައްސުލްޠާން މުހައްމަދު ބުން އަބްދުﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަން ދީފަ އެވެ. ކޮންމެ ހަނދުމަހެއްގެ 15 ވަނަ ވިލޭރޭ އަންނައިރު އަންހެންދަރިން ތިބޭ މައިންނާއި އަދި އެ މައިންގެ އަންހެންދަރިން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއީ ރަންނަމާރިއަށް ވެދުންކުރަން ޖެހޭ އަންހެންދަރިއަށް ވެދާނެތީ އޮންނަ ބިރުވެރިކަމެވެ.
ރާއްޖެ އިސްލާމްވި ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ހަނދާންކުރަނވީ ވަރަށް ވަރަށް މުހިންމު ފިލާވަޅުތަކެއް އެބަހުއްޓެވެ. އިސްލާމްދީނުގެ ޢަދުއްވުން މި ކުޑަކުޑަ ދިވެހިރާއްޖެއަށް ދިން އެކި ބާވަތުގެ ހަމަލާތަކާއި، އޭގެ ދިފާޢުގައި ދިވެހި އަބުތޯލުން ދެއްވި ރައްދުތަކެވެ. އެބޭފުޅުން ﷲގެ ހަޒްރަތުން ވާގި އެދިވަޑައިގެން ކުރެއްވި މަތިވެރި ދުއާއެވެ. ދީނަށްޓަކައި ކުރެއްވި އަގުހުރި ޖިހާދެވެ.
