16 އޮގަސްޓް 2020 ވަނަ ދުވަހު ތީރު.ކޮމް ވުޖޫދު ވެގެން އައީ އޮންލައިން ލައިފްސްޓައިލް މެގަޒިން އެއްގެ ގޮތުގައެވެ. މީޑިޔާއަށް ލޯބިޖެހިފައި ތިބި ޒުވާން ޓީމެއް މަސައްކަތްފެށީ، ބަދަލު ވަމުންދާ ދުނިޔެއާއި ރާއްޖޭގައި އުފެދިފައިވާ އޮތް ސިޔާސީ ނޫސްވެރިކަން ބަދަލުކޮށްލާ މުޖުތަމަޢުއަށް ފައިދާހުރި މުހިންމު މައުލޫމާތުތަކެއް ހިމެނޭ އޮންލައިން މެގަޒިންއެއް ކިޔުންތެރިންނާއި ހަަމައަށް ގެނެސްދިނުމަށެވެ. މޫސާ ޝިފާޒު، ޚަދީޖާ ޢަލީ އަދި މުޙައްމަދު އައިމަންގެ މޭސްތިރި ކަމުގެ ދަށުން ތީރު.ކޮމް ވުޖޫދުވެ އެއް އަހަރުވާން ގާތްވެފައި ވަނިކޮށް ތަޢާރަފްވެގެން އައި ކްލަބްހައުސް އެޕްލިކޭޝަން ވެގެން ދިޔައީ ތީރު މީޑިޔާގެ ކުޑައިގެ ދަށަށް އިތުރު ޕްލެޓްފޯމެއް އިތުރުކޮށްލާ އާންމުންނާއި ހަމައަށް ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ލިބިގެން ދިޔަ ބޮޑު ފުރުސަތަކަށެެވެ. މޫސާ ޝިފާޒުގެ ދުރުވިސްނުމުގެ ތެރެއިން 2 ޖުލައި 2021 ގައި ތީރުމީޑިޔާގެ ނަމުގައި ކްލަބްހައުސްގައި ކްލަބެއް އުފެދި، އެ ކްލަބްގައި އެކި ޕްރޮގްރާމްތައް ފެށިގެން ދިޔައެވެ. ތީރުކްލަބްގެ އަމާޒަކަށް ވެގެން ދިޔައީ ކްލަބްހައުސްގެ ތެރެއިންވެސް މުޖުތަމައުއަށް މުހިންމު، ހޭލުންތެރިކަން ބޭނުންވާ ދާއިރާތަކުން އާންމުންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމެވެ.

އެގޮތުގެ މަތިން 15 ޖުލައި 2021 ގައި ތީރު މީޑިޔާގެ ޖޫސްގަޑި ފެށިގެން ދިޔައީ މުޖުތަމައުގައި ހުރި އެކިއެކި މައްސަލަތަކާއި މެދު ވާހަކަ ދައްކާ ޝުއޫރުފާޅުކޮށް އެކަކު އަނެކެއްގެ ހުރި ކަންބޮޑުވުން ތަކާއި އިޖުތިމާއީ މައްސަލަތަަކަށް އަލިއަޅުވާލާ ވާހަކަ ދައްކާލުމަށް ޕަބްލިކަށްވެސް ފުރުސަތު ހުޅުވިގެން ދިޔަ ޕްރޮގްރާމެއްގެ ގޮތުގައެވެ. ކޮންމެ ދުވަހެއްގެ ހެދުނު 10.00 އިން މެންދުރު 12.00 އަށް ކުރިއަށް ގެންދާ ޖޫސްގަޑި ޝޯ ވެގެން ދިޔައީ ތީރު ކްލަބްގެ އެހުންތެރިންނާއި ބައިވެރިން ވަރަށް ބަލައިގަތް އަދި ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެވޭ، ތީރު ކްލަބްގެ މައިގަނޑު އެއް ޕްރައިމް ޝޯގެ ގޮތުގައެވެ. މިއަދު މިވަނީ ތީރު މީޑިޔާގެ ޖޫސްގަޑި ޕްރޮގްރާމްގެ 50 ވަނަ ޕްރޮގްރާމާއި ހަމައަށް އާދެވިފައެވެ.

https://www.clubhouse.com/club/theeru-media

ފާއިތިވެ ދިޔަ 50 ޝޯއަކީވެސް ތަފާތު އެކި އިޖުތިމާޢި މައުޟޫތަކަށް އަލި އަޅުވާލާ ކުރިއަށް ގެންދެވިފައިވާ ޝޯތަކެއްކަން އުފަލާއި އެކު ފާހަގަ ކުރަމެވެ. އަދި މިޝޯތައް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް ތީރު ޓީމުގެ ޕްރެޒެންޓަރސް އަދި ތީރުގެ ކޮންޓްރޯލް ޓީމު ޚާއްސަގޮތެއްގައި މަރީ ސްޓަރ، އޭޝް، ފާޒް، ޝިފާޒު އަދި އަފްހާމް ދެއްވާ އެއްބާރުލުން ފާހަގަ ކޮށްލަމެވެ. މީގެ އިތުރުން ތީރުމީޑިޔާގެ ޖޫސްގަޑި ޝޯގެ އެހުންތެރިންނާއި ބައިވެރިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަކީ މި ޕްރޮގްރާމް މިހާ ހިސާބަށް ގެންދެވުނު އެންމެ ބޮޑު އެއް ސަބަބެވެ. ތީރު ޓީމްގެ ޖޫސްގަޑި ޕްރޮގްރާމް އަދި ތީރުމީޑިޔާ ކްލަބްއަކީ އަޅުގަނޑުމެން ރަގަޅު ހެޔޮ ވެއްޓެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތެއްކަން ފާހަގަ ކުރަމެވެ. އަދި މި ފުރުސަތުގައި އަޅުގަނޑުމެންގެ ޕްރޮގްރާމްތަކަށް ދެއްވާ ސަޕޯޓަށް އެހުންތެރިންނާއި ބައިވެރިންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. ﷲގެ އިރާދަފުޅުން ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މުޖުތަމައުއަށް ފައިދާހުރި ގިނަ ޕްރޮގްރާމްތަކެއް ތީރުކްލަބްހައުސް އިން ގެނެސްދޭން މަސައްކަތްކުރާނެ ވާހަކަ ތީރުގެ އެންމެހާ އެހުން ތެރިންނަށް މި ފުރުސަތުގައި ދަންނަވަމެވެ.