ކިތަންމެ ވަރަކަށް ކަސްރަތުކޮށް ޑައިޓްކޮށް ހެދިޔަސް ބަރުދަން ލުއި ނުވާނަމަ އެކަމާ ހައިރާންވުމަކީ އިންސާނީ ފިޠުރަތެވެ. ނަމަވެސް މަޔޫސްވެގެން ހުދު ދިދަ ނެގުމުގެ ކުރިން މި ސުވާލުތަކަށް ޖަވާބު ދޭށެވެ. ބަރުދަން ލުއިވުމަށް ހުރަސް އަޅާ އެތައް ކަމެއް ވެއެވެ. އޭގެ ތެރޭގައި ސިއްޙީ މައްސަލަތަކާއި ވައްޓާފާޅި އާ ގުޅޭ ކަންކަން ހިމެނެއެވެ. އަމިއްލަ ނަފްސާ މި ސުވާލުތައް ކޮށްލައިގެން މި ކަމުގެ ހައްލެއް ހޯދަން މަސައްކަތް ކުރަންވީ ވަގުތު މިއޮތީ ޖެހިފައެވެ.

ހެނދުނު ނާސްތާ ދޫކޮށްލާތީތަ؟

މިއީ އެކަށީގެންވާ ކަމެކެވެ. ދުވަހުގެ އެންމެ ފުރަތަމަ ކެއުން ދޫކޮށްލެވޭނަމަ، ޙާޞިލްކުރަން ބޭނުންވާ ކަންތައް އެކޮޅު ކޮޅުން ޖެހިދާނެއެވެ. ހެނދުނު ހޭލައިގެން 30 މިނިޓް ތެރޭގައި ފައިބަރ އަދި ޕްރޮޓީން ގިނަ ނާސްތާއެއް ނެގޭނަމަ ގިނަ ވަގުތު ބަނޑު ފުރިފައި ހުންނަކަމުގެ އިހުސާސް ކުރެވޭނެއެވެ. ނާސްތާގައި ޗީޒް، މޭވާ، ބިސް، ޔޯގަޓް އަދި ބްރައުން ބްރެޑް ފަދަ ބާވަތްތައް ހިމަނާށެވެ. ހެނދުނުގެ ނާސްތާ ނުނަގާ ނަމަ ބަނޑުހައި ކަން ބޮޑުވެފައި ހުންނަ ވަރުން ކާންވާ ވަރަށްވުރެ އިތުރަށް މެންދުރު ކެވޭނެއެވެ.

ރޭގަނޑު ކެވެނީ މާ ލަހުންތަ؟

ރޭގަނޑު ލަސްކޮށްފައި ކާނަމަ ބަރުދަން ލުއިކުރަން ތި ކުރާ މަސައްކަތް ދާނީ ފެނަށެވެ. ރޭގަނޑު ލަހުން ކާނަމަ ހަށިގަނޑުގެ ފިނިހޫނުމިން މަތިވެ، ލޭގައި ހުންނަ ހަކުރުގެ މިންވަރު އަދި އިންސިއުލިން މަތިވާނެއެވެ. މިހެން ވުމުން ސަރުބީ ވިރުވުމަށް އުނދަގޫވެއެވެ. ރޭގަނޑު ނިދުމުގެ 3 ގަޑިއިރު ކުރިން ރޭގަނޑުގެ ކެއުން ކައި ނިންމޭތޯ ބަލާށެވެ. ރޭގަނޑު ކެއުމުގެ ފަހުން ލުއި ކާތަކެތި ކާނަމަ ހީވެސް ނުކުރާވަރަށް ކެލޮރީ އިތުރުވާނެއެވެ. ޓީ.ވީ ބަލަން އިންނަ ވަގުތު މިހެން ކެވޭ ނަމަ އާންމުކޮށް ކެވެނީ ވެސް އައިސް ކްރީމް އަދި ޕޮޓޭޓޯ ޗިޕްސް ފަދަ ސިއްޙަތަށް ފައިދާ ކުޑަ ތަކެއްޗެވެ.

ކަންކަމާ ފިކުރު ކުރެވޭލެއް ގިނައީތަ؟

މިއީ ހަމަ ވަރަށް ގާތްކަމެކެވެ. ކަންކަމާ ހާސްވެ ފިކުރު  ކުރުން ގިނަވެއްޖެ ނަމަ މުޅި ހަށިގަނޑުގެ ހުރިހާ ނިޒާމަކަށް އެކަމުގެ އަސަރު ކުރެއެވެ. ހާސްވުމުން ގައިގައި ވަރު ނުހުންނަހެން ހީވާނެއެވެ. މިހެން ވުމުން ދެން ކެވެނީވެސް ކެލޮރީ ގިނަ ސަރުބީ މަތި ކޮންމެވެސް ކާ އެއްޗެކެވެ. ހާސްވެގެން އުޅޭ ނަމަ ހަށިގަނޑުގައި ސަރުބީ ރައްކާކުރާ މިންވަރުވެސް މަތިވެއެވެ.

މިހެން ވަނީ ޖިންސުގެ ސަބަބުންތަ؟

އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތާއި މަސައްކަތް ކުރުމުގައި ހުންނަ ތަފާތުގެ ސަބަބުން އަންހެނުންނަށް ވުރެ ފަސޭހައިން ފިރިހެނުންގެ ހަށިގަނޑުން ސަރުބީ ވިރުވާލާ ބަރުދަން ލުއިކޮށްލެވެއެވެ. އަދި ފިރިހެނުންގެ ބަނޑު އެންމެ ފުރަތަމަ ހިނދޭއިރު އަންހެނުންގެ ބަނޑުގެ ސަރުބީ ވިރުވާލުން އެއީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ދިގު މުއްދަތަކަށް ކަސްރަތުކޮށް އަދި ޚާއްސަ ޑަޔަޓެއް ނަގާނަމަ ބަރުދަން ލުއިވެ އަލުން ބަރުދަން އިތުރުވާން ފިރިހެނުންނަށްވުރެ އަންހެން ގިނަ ދުވަސް ނަގައެވެ.

ހަޑިގަނޑުން ކެލޮރީ އަންދާވަރު އެހެން މީހުނަށްވުރެ ލަހީތަ؟

ކޮންމެ މީހެއްގެ ހަށިގަނޑުން ކެލޮރީ އަންދާވަރު ގުޅެނީ އެމީހެއްގެ މެޓަބޮލިޒމް އާއެވެ. މެޓަބޮލިޒަމް ރޭޓް ދަށް ނަމަ އެކަމުގައި ކުށްވެރިކުރެވޭނީ ހަމަ އެކަނި ހަށިގަނޑު އުފެދުނު "ޖީން" އެވެ. އެމަށް ދެވޭނެ ފަރުވާއެއް ނެތެވެ. ނަމަވެސް ހަށިގަނޑުން ކެލޮރީ އަންދާ ނިޞްބަތް ދަށްވެދާނެ އެހެން ސަބަބުތައް ވެސް ހުރެއެވެ. އުމުރުން ހޭދަވާ ކޮންމެ 10 އަހަރަކަށް މެޓަބޮލިޒަމް ރޭޓް 8-2 އިންސައްތަ ލަސްވެގެން ދާނެއެވެ. އެއީ ހަށިގަނޑުގެ މަސްތަކުގެ ބާރުދަށްވަމުން ދާތީއެވެ. ހަމަ އެގޮތަށް މާ މަދުން ކާނަމަވެސް ކެލޮރީ އަންދާ ރޭޓް ދަށްވެއެވެ. މެޓަބޮލިޒަމް ރޭޓް މަތިކުރަން ބޭނުންނަމަ ރަގަޅަށް ކައިގެން ބަރުއުފުލާ ކަސްރަތު ކުރާށެވެ.

ފުދޭ ވަރަށް ނުނިދެނީތަ؟

ދުވާލެއްގެ މައްޗަށް ބޭނުންވާ ވަރަށް ނިދި ނުލިބޭ ނަމަވެސް ހަށިގަނޑުން ސަރުބީ ވިރުވާ ބަރުދަން ލުއި ކުރަން އުނދަގޫ ވާނެއެވެ. އަދި ހަމައަށް ނިދި ނުލިބޭ ނަމަ ގައިގައި ހަކަތަ މަދު ވުމުގެ ސަބަބުން ގިނަ ފަހަރަށް ކަސްރަތުވެސް ނުކުރެވޭނެއެވެ. ވަރުބަލިވުމުން ވަރަށް ފަސޭހައިން ފޮނި އެއްޗެހި ވެސް ކެވޭނެއެވެ.. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން ހަމައަށް ނިދި ނުލިބޭ މީހުން އެނޫން މީހުނަށް ވުރެ 300 ކެލޮރީ އިތުރަށް ކައެވެ.

ތައިރޮއިޑް ހުންނަނީބާ؟

 ތައިރޮޑްގެ ހަރަކާތް ދަށްނަމަ އެއަށް ކިޔަނީ ހައިޕޮތައިރޮއިޑިޒަމް އެވެ. މީގެ ސަބަބުން ހަށިގަނޑުގައި ފެން އަދި ލޮނުގެ ބައި ގިނަވެ ބަރުދަން އިތުރުމަށް މަގުފަހިވެއެވެ. ތައިރޮއިޑްގެ ހަރަކާތް މަތިނަމަ ކިޔަނީ ހައިޕަރތައިރޮއިޑިޒަމް އެވެ. މީގެ ސަބަބުން ގިނަ މީހުންގެ ބަރުދަން ލުއި ވެއެވެ. ނަމަވެސް ގައިގައި ވަރު ނުހުންނަ ހެން ހީވުމުން ކުރިން ކާ ވަރަށްވުރެ އިތުރަށް ކެވުމުން ބައެއް މީހުންގެ ބަރުދަން އިތުރުވެ ދެން ކަސްރަތު ކޮށްގެންވެސް ބަރުދަން ލުއިކުރަން އުނދަގޫވެއެވެ.

ސިއްޙީ އެހެން މައްސަލައެއް އުޅެނީބާ؟

ސިއްޙީ މައްސަލަތަކުގެ ސަބަބުން ބަރުދަން އިތުރުވާ ގޮތަށް ސިއްޙީ މައްސަލަތަކުގެ ސަބަބުން ބަރުދަން ލުއިކުރުމުގައި ގޮންޖެހުން ކުރިމަތިވެއެވެ. މިސާލަކަށް ކެއުމުގެ ތަރުތީބު ގެއްލުން، ހިތުގެ މައްސަލަތައް، ހޯމޯންގެ މައްސަލަ އަދި ނިދަން އުނދަގޫވާނަމަ ބަރުދަން އިތުރުވެއެވެ. އަދި ވަކި ބައްޔަކަށް ބޭސް ބޭނުން ކުރާނަމަވެސް ބަރުދަން ލުއިކުރަން އުނދަގޫވެއެވެ. މިސާލަކަށް އެލަރޖީ އިން ރައްކާތެރިވުމަށް، ދޭތެރެ ދުރުކުރުމަށް، ނަފްސާނީބައްޔަށް، ހަކުރުބައްޔަށް، ފިޓް ޖެހޭތީ، ލޭމަތިވާތީ، ބައިޕޯލަރ ޑިސްއޯޑަރ ނުވަތަ ޝިޒޮރފޭނިއާ ފަދަ ބަލިތަކަށް ބޭސް ކާނަމަ ބަރުދަންލުއިކުރަން ވަރަށް އުނދަގޫ ވާނެއެވެ. މިފަދަ އެއްވެސް ކަމެއް ހުރިނަމަ ޑޮކްޓަރުގެ އިރުޝަދު ހޯދާށެވެ.