އިންސާނާގެ ހަށިގަނޑުން އާންމު ގޮތެއްގައި ދުޅަވަނީ ދެ އަތާއި ދެ ފައެވެ. ނަމަވެސް މޫނަކީވެސް ބައެއްމީހުންގެ އާންމުކޮށް ދުޅަވާ ތަނެކެވެ. ދުޅަވުމޭ ބުނުމުން، މި ބުނެވެނީ އެ ތަނެއް ފޮއްސިވެ، ބޮޑުވެފައި ހުންނަ ހުރުމަށެވެ. މިގޮތަށް ދުޅަވާނީ ހަށިގަނޑުގައި ހުންނަ ފެން (ފްލުއިޑްސް) އެ ހިސާބެއްގައި ހުންނ ޓިޝޫ ތަކުގެ ތެރޭގައި ތާށިވެ ގިނަވުމުންނެވެ.

ތަނެއް ދުޅަވެދާނޭ ސަބަބުތައް ޑަކްޓަރުން ފާހަގަ ކުރައްވައެވެ. އޭގެ ތެރޭގައި ގިނައިރު އިށީނދެ ނުވަތަ ކޮޅަށް ހުރުމުގެ ސަބަބުން، ބިމަށް ދަމާ ބާރޭ މިކިޔާ ގްރެވިޓީގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތަކުގައި ހުންނަ މި ފެންތައް ދެ ފަޔަށް ޖަމާވެ، ފައި ތިލައާއި ލިމާލަށް ދަތުރުކުރެއެވެ. މިއީ ބައެއްމީހުންނަށް ވަރަށް ފަސޭހައިން ދިމާވާ ހާލަތެކެވެ. އަދި އަނެއްބަޔަކަށް މިކަން ދިމާ ވަނީ ވަރަށްވެސް މަދުންނެވެ.

ހިތާއި ގުޅިފައިވާ ލޭހޮޅިތަކުގެ ތެރެއިން، ހަށިގަނޑުގެ އެހެން ގުނަވަންތަކުން ހިތަށް ލޭ ފޮނުވައިދޭން އެހީވެދޭ ވެއިންސް ނަމަކަށް ކިޔާ ލޭހޮޅިތަކުގައި ހުންނަ ކުދި ކުދި ވޭލުތަކެއްގެ މައްސަލަ ޖެހުމަކީވެސް ދުޅަވުން އެކަށީގެންވާ ކަމެކެވެ. އެ ވޭލުތަކުގެ ބާރު ދެރަވެ، ލޭހޮޅީގެ ތެރެއިން ފަހަތަށް ލޭ ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. މި ހާލަތަށް ވީނަސް އިންސަފިސިއެންސީ އޭ ކިޔައެވެ. މިފަދައިން ހުންނަ ލޭހޮޅިއެއް ގިނަދުވަސް ވުމުން އެ ލޭހޮޅި ފުފި، ބޮޑުވާ ގޮތްވެއެވެ. އެހާލަތަށް ވެރިކޯސް ވެއިންއޭ ކިޔައެވެ. ހަމަ އެފަދައިން އެ ލޭހޮޅިން ރަނގަޅަށް ލޭ ދައުރު ނުކުރުމުގެ ނަތީޖާއަކަށް ވާނީ އެ ސަރަހައްދުގައި "ފެން" ޖަމާވެ ދުޅަވުމެވެ.

ބައެއްކަހަލަ ބަލި ތަކަކީވެސް އޭގެ ސަބަބުން ދުޅަވުން ކުރިމަތި ކުރުވާ ބަލިތަކެކެވެ. މި ދުޅަ އަކީ އެ ބަލިތަކުގެއަލާމާތްތަކެއް ކަމަށް ޑަކްޓަރުން ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި ހިތުގެ ބައްޔާއި، ފުއްޕާމޭގެ އެކި އެކި ބަލިތަކާއި ފުރަމޭ އަދި ތައިރޮއިޑުގެ ބަލިތަކާއި ގުރުދާ (ކިޑްނީ)ގެ ބަލިތަކުގެ ނަތީޖާއެއްގެ ގޮތުން ދުޅަވުން އެކަށީގެންވެއެވެ. މިއީ ހަށިގަނޑުގައި ހުންނަ އެކި ކަހަލަ ވިހަ ނުވަތަ ބޭކާރު މާއްދާތަށް ހަށިގަނޑުން ބޭރުކުރުމުގައި އެކި ގޮތްގޮތުން، އެކި ދަރަޖަ ދަރަޖައިގައި އެހީތެރިވެދޭ ގުނަވަންތަކެކެވެ.

ލޭމައްޗަށް ދާތީ ކާންދޭ ބޭހާއި ބައެއް ތަދު ކަނޑުވާ ބޭސްތކަކީ އޭގެ ސަަބަބުން ދުޅަވުން ދިމާވެދާނެ ބޭސްތަކެކެވެ. އަދި އެއްވެސްކަހަލަ އެލާޖިކެއް ދިމާވާނަމަވެސް ދުޅަވެ ފޮއްސިވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކެއުމުގައި ލޮނުގެ މިންވަރު އިތުރުނަމަވެސް ދުޅަވުމަކީ ވުން ވަރަށްވެސް ގާތް ކަމެކެވެ.

މިކަންކަމުގެ އިތުރުން މާބަނޑުވުމަކީވެސް ދުޅަ ކުރިމަތިކުރުވާ ކަމެކެވެ. އެހެނީ ރަހިމު ބޮޑުވަމުން ދާ ވަރަކަށް ފަޔަށް ދަތުރުކޮށްފައި ހުންނަ ލޭހޮޅިތަކަށް ބާރުވެ ފިތޭގޮތް މެދުވެރިވެއެވެ.

އަދިވެސް ކިތަންމެ ސަބަބެއް ދުޅަވުމާއި ގުޅިގެން ދެއްކިދާނެއެވެ. ނަމަވެސް މިއީ އެންމެ އާންމު ސަބަބުތަކެވެ. އެހެންކަމުން އެއްވެސް އިތުރު އިޝާރާތަކާއި ނުލާ ތަނެއް ދުޅަވެފައި ހުންނަ ނަމަ މިކަންކަމަަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.