މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި 5 ވިކެޓުން އިންގްލެންޑް ބަލިކޮށް ނިއުޒީލެންޑުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ޓީ20 ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލުން ނިއުޒީލެންޑުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މި މެޗުން ޓޮސް ދިމާވުމުން ނިއުޒީލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. އިންގްލެންޑުން ކުޅެންއަރައި ހަތަރު ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެ ތެރޭގައި 166 ލަނޑުހެދިއެވެ. އިންގްލެންޑުން އެންމެ މޮޅަށް ކުޅުނީ ނުބައިނުވެ 37 ބޯޅައިން 51 ލަނޑުހެދި މޮއީން އަލީ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޑޭވިޑް މަލަން ވަނީ 30 ބޯޅައިން 41 ލަނޑުހެދިއިރު، މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ވިކެޓްކީޕަރު ބެޓްސްމަން ޖޮސް ބަޓްލާ ނުބައިވީ 29 ލަނޑަށެވެ. ނިއުޒީލެންޑްގެ އުކުންތެރިން ކަމަށްވާ ޓިމް ސައުތީ އާއި އެޑަމް މިލްނޭގެ އިތުރުން އިޝް ސޯދީ އަދި ޖިމީ ނީޝަމް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

ޖަވާބުގައި ކުޅެންއަރައި ނިއުޒީލެންޑުން ފަސް ވިކެޓަށް 167 ލަނޑުހެދީ ބާކީ ހަ ބޯޅަ އޮއްވައެވެ. ނިއުޒީލެންޑަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ޑަރީލް މިޗޭލް އާއި ނީޝަމް އެވެ. މިޗޭލް ނުބައިނުވެ 47 ބޯޅައިން 72 ލަނޑުހެދިއިރު، ނީޝަމް ވަނީ 11 ބޯޅައިން 27 ލަނޑުހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޑެވަން ކޮންވޭ 38 ބޯޅައިން 46 ލަނޑުހެދިއިރު، އެ ޓީމުގެ ކެޕްޓަން ކޭން ވިލިއަމްސަން ނުބައިވީ ފަސް ލަނޑަށެވެ. މި އިނިންގްސްގައި އިންގްލެންޑްގެ ކްރިސް ވޯކްސް އާއި ލިއާމް ލިވިންސްޓޯން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

މިފަހަރުގެ ޓީ20 ވޯލްޑް ކަޕް ފައިނަލްގައި ނިއުޒީލެންޑާ ދެކޮޅަށް ނުކުންނާނީ މިރޭ އޮސްޓްރޭލިއާ އާއި ޕާކިސްތާން ބައްދަލުކުރާ ދެވަނަ ސެމީން މޮޅުވާ ޓީމެކެވެ. ފައިނަލް މެޗު އޮންނާނީ މި މަހުުގެ 14 ވާ އާދީއްތަ ދުވަހު ރާއްޖޭގަޑިން 19:00 ގައެވެ.