ޓީ20 ވޯލްޑް ކަޕްގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފަސް ވިކެޓުން ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ އިން އެ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް އޮސްޓްރޭލިއާ ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެކުރީން، 2010 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެ ޓީމު ބަލިވީ އިންގްލެންޑް އަތުންނެވެ.

މިރޭގެ މެޗުގައި ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ޕާކިސްތާނުން ކުޅެންއަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް ހެދުނީ 176 ލަނޑެވެ. މި އިނިންގްސްގައި ޕާކިސްތާންގެ މުހައްމަދު ރިޒުވާން 52 ބޯޅައިން 67 ލަނޑުހެދިއިރު، ފަޚަރް ޒަމަން ވަނީ ނުބައިނުވެ 32 ބޯޅައިން 55 ލަނޑުހަދާފައެވެ. އެ ޓީމުގެ ކެޕްޓަން ބާބަރް ނުބައިވީ 39 ލަނޑަށެވެ. އޮސްޓްރޭލިއާގެ އުކުންތެރިންގެ ތެރެއިން މިޗޭލް ސްޓާޗް ދެ ވިކެޓްނެގިއިރު، އެޑަމް ޒަމްޕާ އާއި ޕެޓް ކަމިންސް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

ޖަވާބުގައި އޮސްޓްރޭލިއާ އިން ކުޅެންއަރައި، ފަހު ދެ އޯވަރަށް ކުރިމަތިލިއިރު 5 ވިކެޓަށް 155 ލަނޑުހަދާފައިވާއިރު، މެޗުން މޮޅުވާން ބޭނުންވީ 22 ލަނޑެވެ. މި އިނިންގްސްގައި ޕާކިސްތާނުން މެޗު ކާމިޔާބުކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސްއެޅުނީ 18.3 އޯވަރުގައި އެ ޓީމުގެ ޝާހީން އަފްރީދީގެ އުކުމުގައި އޭރު ބެޓްކުރަމުންދިޔަ ތަޖުރިބާކާރު ވިކެޓްކީޕަރު ބެޓްސްމަން މެތިއު ވޭޑް ފޮނުވާލި ބޯޅަ ހިފަންއުޅެނިކޮށް ހަސަން އަލީ އަތުން އެ ބޯޅަ ވެއްޓުމުންނެވެ. އޭގެނަތީޖާއެއްގެ ގޮތުން ދެން ޖެހިގެންއައި ތިން ބޯޅައިން ވޭޑް ވަނީ 6 އަށް ޖަހައި، ބާކީ ހަ ބޯޅަ އޮއްވާ އޮސްޓްރޭލިއާ އަށް މެޗު ކާމިޔާބުކޮށްދީފައެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވޭޑް ވަނީ ނުބައިނުވެ 17 ބޯޅައިން 41 ލަނޑުހަދާފައެވެ. އޮސްޓްރޭލިއާ އިން ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 31 ބޯޅައިން 40 ލަނޑުހެދި މާކަސް ސްޓޮއިނިސް އާއި 30 ބޯޅައިން 49 ލަނޑުހެދި ޑޭވިޑް ވޯނާ އެވެ. ޕާކިސްތާންގެ އުކުންތެރިޔާ ޝަދަބް ޚާން ފިޔަވައި އެހެން ކުޅުންތެރިއަކަށް މާއެދެވޭ ކުޅުމެއްދެއްކިފައެއްނުވެއެވެ. އޭނާ ވަނީ ހަތަރު އޯވަރުގެ ތެރޭގައި 26 ލަނޑަށް ހަތަރު ވިކެޓްނަގާފައެވެ.

މިފަހަރުގެ ޓީ20 ވޯލްޑް ކަޕް ފައިނަލްގައި ނިއުޒީލެންޑާ ބައްދަލުކުރާނީ އޮސްޓްރޭލިއާ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ އަންނަ އާދީއްތަ ދުވަހު ރާއްޖޭގަޑިން 19:00 ގައެވެ.