ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ގްރީސް ބަލިކޮށް ސްޕެއިނުން ކޮލިފައިވުމާ ގާތަށް ޖެހިލިއިރު، ރިޕަބްލިކް އޮފް އަޔާލެންޑްގެ ދަނޑުގައި ލަނޑެއްނުޖެހި ޕޯޗުގަލް އެއްވަރުވެއްޖެއެވެ.
ގްރީސްގެ ދަނޑުގައި 1-0 އިން ސްޕެއިން މޮޅުވިއިރު، މި ގްރޫޕުގައި ހިމެނޭ ސްވިޑެން ވަނީ ޖޯޖިއާގެ ދަނޑުގައި 2-0 އިން ބަލިވެފައެވެ. ރޭގެ މެޗުތަކަށްފަހު ގްރޫޕް ބީ ގެ އެއްވަނައިގައި ސްޕެއިން އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ސްވިޑެން އޮތްއިރު، ތިންވަނައިގައި އޮތް ގްރީސް އަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ޖޯޖިއާ އޮތީ ހަތް ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެންމެ ފުލުގައި ހަތަރު ޕޮއިންޓާއެކު އޮތީ ކޮސޮވޯ އެވެ.
އެތެންސްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ސްޕެއިނަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާ އެވެ. މި މެޗުގައި ސްޕެއިނުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ކުޅުންތެރިންގެ ތެރޭގައި ގަވީ އާއި ރައުލް ޑެ ތޯމަސް އިތުރުން އަލްވާރޯ މޮރާޓާ އަދި ސަރާބިއާ ހިމެނެއެވެ. މީގެއިތުރުން، ރޭގެ މެޗަކީ ފަހަކަށްއައިސް ރެއާލް މެޑްރިޑްގެ ފުލްބެކް ޑެނީ ކަރްވަހާލް ސްޕެއިނުގެ ގައުމީ ޓީމުގައި ކުޅުނު ފުރަތަމަ މެޗެވެ.
ސްޕެއިނުން ރޭގެ މެޗު ކާމިޔާބުކުރުމާއެކު ކޮލިފައިންގެ ގްރޫޕް އީ ގައި ހިމެނޭ ވޭލްސް ވަނީ އަންނަ އަހަރުގެ ވޯލްޑްކަޕްގެ ޕްލޭ-އޮފް ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމު މިވަގުތު އޮތީ ގްރޫޕުގެ ތިންވަނައިގައެވެ. މި ގްރޫޕުގެ އެއްވަނައިގައި ހަ މެޗުން ހޯދީ 16 ޕޮއިންޓާއެކު ބެލްޖިއަމް އޮތްއިރު، ދެވަނައިގައި އޮތް ޗެކްރިޕަބްލިކަށް ލިބިފައިވަނީ ހަތް މެޗުން 11 ޕޮއިންޓެވެ. ހަ މެޗު ކުޅެގެން ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި ވޭލްސް އޮތީ ފައިދާގޯލްގެ ތަފާތުންނެވެ.
ޑަބްލިންގައި ރޭ ޕޯޗުގަލް ކުޅުނު މެޗުގައި އަޔާލެންޑާ ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެން ނިމުނުއިރު، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ފަހު ހާފުގައި ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައިވާއިރު އެ ޓީމަށް ދެން އޮތީ ސާބިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭ ގައި ހިމެނޭ ޕޯޗުގަލް އާއި ސާބިއާ އަށް ވެސް ހަތް މެޗުން 17 ޕޮއިންތް ލިބިފައިވާއިރު، ޕޯޗުގަލް ކުރީގައި އުޅެނީ ފައިދާގޯލްގެ ތަފާތުންނެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތް ލަގްޒެމްބޯގް ވަނީ ރަށުން ބޭރުގައި އަޒަރުބައިޖާން އަތުން 3-1 އިން މޮޅުވެފައެވެ. އަޔާލެންޑް އޮތީ ހަ ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ޒަލަޓާން އިބްރާހިމޮވިޗް އާއި އަލެކްސެންޑަ އީސާކް ހިމެނޭ ފޯވާޑްލައިން އާއެކު ނިކުމެ ސްވިޑެން އަތުން ޖޯޖިއާ ވަނީ 2-0 އިން މޮޅުވެފައެވެ. މި މެޗުގައި ޖޯޖިއާ އިން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ހިވިޗާ ވަރަޓްސްހެލިއާ އެވެ. މިއާއެކު، މި ގްރޫޕުން އޮޓަމެޓިކް ޖާގައެއް ކަށަވަރުކުރުމަށް ފަހު މެޗުގައި ސްޕެއިންގެ ދަނޑުގައި ސްވިޑެން އަށް ވަނީ މޮޅެއް ހޯދުމަށް މަޖުބޫރުވެފައެވެ.
ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޖަރުމަނުން ވަނީ ބަދަލުތަކާއެކު ނިކުމެ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލީޗްޓެންސްޓެއިން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ހަތަރު ގޯލްޖެހިއިރު، ބަޔާން މިއުނިކްގެ ތޯމަސް މުލާ އާއި ލެރޯއީ ސާނޭ ކުރެން ކޮންމެ ކުޅުންތެރިއަކު ވަނީ ދެލަނޑުޖަހާފައެވެ. ޖަރުމަނުގެ ނުވަ ގޯލްގެ ތެރެއިން ދެލަނޑަކީ ލީޗްޓެންސްޓެއިންގެ ކައުފްމަން އާއި ގޮޕެލް އަތުން ބައިކޮޅަށް ވަތް ގޯލެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިލްކާއި ގުންޑޮގާން އާއި މާކޯ ރެއުސް އަދި ބަކޫ އެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި ލީޗްޓެންސްޓެއިންގެ ޔެންސް ހޮފާ އަށް ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
ކްރޮއޭޝިއާ އިން ރަށުން ބޭރުގައި 7-1 އިން މޯލްޓާ އަތުން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ރަޝިޔާ ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސައިޕްރަސް ބަލިކޮށްފައެވެ. ސްލޮވޭކިއާގެ ދަނޑުގައި 2-2 އިން ސްލޮވީނިއާއާ އެއްވަރުވިއިރު، އުތުރު މެސެޑޯނިއާ އިން ވަނީ ރަށުން ބޭރުގައި އާމީނިއާ އަތުން 5-0 އިން މޮޅުވެފައެވެ. ރޫމޭނިއާގެ ދަނޑުގައި އައިސްލެންޑް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
