ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ސަރަހައްދުގައި ރޭ އަމިއްލަ ދަނޑުގައި ކޮލަމްބިއާ އަތުން 1-0 އިން މޮޅުވެ، ބާކީ ހަ މެޗު އޮއްވާ ބްރެޒިލުން އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.

ފީފާ ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލުން ކޮލިފައިންގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗު ކާމިޔާބުކޮށް، 34 ޕޮއިންޓާއެކު އޮތީ އެއްވަނައިގައެވެ. ދެވަނައިގައި 11 މެޗުން ހޯދީ 25 ޕޮއިންޓާއެކު އާޖެންޓީނާ އޮތްއިރު، އެކުއޭޑޯ އޮތީ 13 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ޗިލީގެ އިތުރުން ފަސްވަނައިގައި އޮތް ކޮލަމްބިއާ އަދި ހަވަނައިގައި އޮތް އުރުގުއޭ އަށް 13 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ދެކުނު އެމެރިކާ ސަރަހައްދުން ވޯލްޑްކަޕްގެ އޮޓޮމެޓިކް ޖާގަ ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށެވެ.

ސައޮ ޕައޮލޯގައި ހުންނަ ކޮރިންތިއަންސް އެރީނާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 72 ވަނަ މިނެޓުގައި ބްރެޒިލަށް ކާމިޔާބުކޮށްދިނީ އޮލިމްޕިކް ލިޔޯންގެ ހުނަރުވެރި މިޑްފީލްޑަރު ލޫކަސް ޕަކޭޓާ އެވެ. ޕަކޭޓާ މިލަނޑުޖެހީ ޕީއެސްޖީ އަށް ކުޅެމުންއަންނަ ނޭމާ ތަނަވަސްކުރި ފުރުޞަތަކުންނެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވެނެޒުއޭލާ އަތުން އަމިއްލަ ދަނޑުގައި 1-0 އިން އެކުއޭޑޯ މޮޅުވިއިރު، ރަށުން ބޭރުގައި ޕެރަގުއޭ އަތުން ޗިލީ މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ޕެރޫގެ ދަނޑުގައި 3-0 އިން ބޮލީވިއާ އަތުން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ޖިއަންލޫކާ ލަޕަޑިއުލާ އާއި ކްރިސްޓިއަން ކުއެވާ އަދި ސާޖިއޯ ޕީނާ އެވެ.

ބްރެޒިލަށް ދެން އޮތީ އަންނަ ބުދަ ދުވަހު ރަށުން ބޭރުގައި ވާދަވެރި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ފަތިހު 4:30 ގައެވެ.

މިހާތަނަށްއައިއިރު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފައިވަނީ މުބާރާތް ބާއްވާ ގައުމުކަމަށްވާ ގަތަރުގެ އިތުރުން ބްރެޒިލާއި، ޑެންމާކް އަދި ޖާމަނީ އެވެ.