އިންސާނާގެ ބޮލުގެ އިސްތަށިގަނޑަކީ ވަރަށް އަޖައިބު ކުރުވަނިވި އެއްޗެކެވެ. އެވްރެޖު އިންސާނެއްގެ ބޮލުން، ދުވާލަކު ފަންސާހާއި ސަތޭކައާއި ދެމެދުގެ އަދަދަކަށް އިސްތަށިފައިބާނެއެވެ. މިކަން އިންސާނާއަށް އިހުސާހެއް ނުކުރެވޭނެއެވެ. އެހެނީ އެ ވެއްޓޭ ކޮންމެ އިސްތައްޓަކަަށް އައު އިސްތައްޓެއް ފަޅާފައި ހުންނާތީއެވެ.
އިންސާނާގެ ބޮލުން އިސްތަށި މަދުވެ، ތަލަވާ ގޮތް ދިމާވުމުގައި ސިއްހީ މާހިރުން ފާހަގަ ކުރާ މައިގަނޑު ދެ ސަބަބެއް ވެއެވެ. އެއީ އިސްތަށި ފައިބާ މިންވަރު އާދަޔާ ހިލާފަށް އިރުތުވުމާއި ނުވަތަ އަލަށް ފަޅާ އިސްތަށިތައް ނުފެޅުމެވެ. މިދެހާލަތުން ކުރެ ކޮންމެ ހާލަތެއްގައިވެސް ބޮލުން އިސްތަށި މަދުވާނެއެވެ. އާދަޔާ ހިލާފަށް ފައިބާނަމަ އަލަށް ފަޅާ އިސްތަށިތައް ނުފެޅެނީސް ގިނައިން ފޭބުމުގެ ސަބަބުން، ބޮލުން އިސްތަށި މަދުވާނެއެވެ. އައު އިސްތަށި ނުފަޅާނަމަ، ވެއްޓޭ ކޮންމެ އިސްތައްޓަކީ ބޮލުން މަދުވާނޭ އިސްތައްޓެކެވެ.
ކޮންމެއަކަސް އިސްތަށި ފޭބުމާއި ނުވަތަ ބޮލުން އިސްތަށި މަދުވުމާއި ގުޅިފައިވާ ސިއްހީ ބައެއް ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ސިއްހީ މާހިރުން ފާހަގަ ކުރާ އެންމެ މުހިންމު އެއް ކަމަކީ އާއިލާގައި އިސްތަށި ފައިބާ މީހަކު ހުރުމެވެ. އެހެނީ މިކަމަކީ އާއިލީގޮތުން ވާރުތަ ކުރާ ކަމެކެވެ. އެކި އާއިލާތަކުގައި ބޮލުން އިސްތަށި މަދުވުމުގައި އެކިކަންތައް މެދުވެރިވާއިރު، އެއިން ކޮންމެ ކަމެއްވެސް އެ އާއިލާއަކަށް ހާއްސަވުމަކީ އެކަށީގެންވާ ކަމެކެވެ. މައިންބަފައިންގެ ޖީންސް ގެ ތެރެއިން މި "ނިޒާމު" ދަރިންނަށް ފޯރައެވެ. ނަމަވެސް މީގެ މާނައަކީ ކޮންމެހެން ދަރިންގެވެސް ބޮލުން އިސްތަށި ފައިބަން ޖެހޭނޭ އެކޭ އެއް ނޫނެވެ.
ބައެއްފަހަރު އިސްތަށި ފޭބުމަކީ ވަގުތީ ކަމެއް ކަމުގައި ވެއެވެ. މިހެން ވެއްޖެ ނަމަ މިކަމުގައި ހަށިގަނޑުގައި ހުންނަ ހޯމޯނުތަކުގެ ދައުރަކީ ވަރަށްބޮޑު ދައުރެކެވެ. އެގޮތުން މާ ބަނޑުވުމާއި މައްސަރު ކަންތައް ދާއިމަށް ހުއްޓޭ ދުވަސްވަރާއި މައްސަރުކަންތައް އަލަށް ފެށޭ ދުވަސްވަރު ހިމެނެއެވެ. އަދި ތައިރޮއިޑުގެ އެކިއެކި މައްސަލަތަކުގެ ސަބަބުންވެސް ބޮލުން އިސްތަށި ފޭބުން އިތުރުވެދާނެއެވެ. މީގެ އިތުރުން ބައެއް ބަލިތަކަކީވެސް އޭގެސަބަބުން ބޮލުން އިސްތަށިފޭބުން ދިމާވާ ބަލިތަކެވެ. އެގޮތުން ދިފާއީ ނިޒާމަށް ޖެހޭ އެކި އެކި ބަލިތަކާއި ބޮލުގެ ހަންގަނޑަށް (ތަލައަށް) ޖެހޭ ބަލިތަކާއި އަދި ބައެއް ނަފްސާނީ ބަލިތައްވެސް ހިމެނެއެވެ. ގޮހޮރުގެ އިންފެކްޝަން ނުވަތަ ފަނިވުން ނުވަތަ ގޮހޮރުގައި ފަނި އުފެދުން (ރިންގް-ވާމް)، މިއީވެސް ބޮލުގެ އިސްތަށިގަނޑަށް އަސަރުކުރުވާ ބަލިތަކެވެ.
ބައެއް ބޭސްތަކަކީ އޭގެ ސައިޑް އެފެކްޓެއްގެ ގޮތުން ނުވަތަ އެބޭހެއް ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރަގަނޅު އަސަރެއްގެ ގޮތުން އިސްތަށި ފޭބުން ހިމެނޭ ބޭސް ތަކެކެވެ. އޭގެ ތެރޭގައި ކެންސަރަށް ފަރުވާކުރުމަށް ދޭ ބައެއް ބޭސްތަކާއި ރާއްޖެ ބައްޔަށްދޭ ބައެއް ބޭސްތަކާއި، ހިތުގެ ބަލިތަކާއި ލޭމަށްޗަށް ދިއުމުން ދޭ ބައެއް ބޭސްތައް ހިމެނެއެވެ. އަދި ޑިޕްރެޝަންއަށްދޭ ބައެއް ބޭސްތަކުގެ ސަބަބުންވެސް ބޮލުގެ އިސްތަށިގަނޑަށް އަސަރު ކުރުވަފާނެއެވެ.
ކެންސަރަށް ދޭ އެއް ފަރުވާއަކީ ރޭޑިއޭޝަން ތެރަޕީއެވެ. މިއީ އޭގެ ސަބަބުން އައު އިސްތަށި އުފެދުން ވަގުތީ ގޮތުން ހުއްޓުވާލާ ކަމެކެވެ. އަދި އިސްތަށި ތަކުގެ ބާރު ދެރަކޮށްލާ ކަމެކެވެ. އެހެންކަމުން މިއީ ބޮލުގެ އިސްތަށިގަނޑު ވަރަށް ފަސޭހައިން މަދުވެ، ހުސްވާ ކަމެކެވެ.
ހާސްކަމާއި ނުތަނަވަސް ކަމަކީވެސް ބޮލުން އިސްތަށި ފޭބުން އިތުރުކޮށްދޭ ކަމެކެވެ. އެހެނީ އެ ކަމުގެ ސަބަބުން ހަށިގަނޑުގެ ލޭގެ ހިނގުމަށާއި ބައެއްކަހަލަ ހޯމޯނުތަކަށް ބަދަލު އަންނާތީއެވެ.
ބޮލުގެ އިސްތަށިގަނޑަށް ފާޑު ފާޑުގެ ގޮތް ހަދާ، ކެމިކަލް ބޭނުން ކޮށްގެން ކުލަޖައްސާ ހެދުމަކީވެސް ބޮލުގެ އިސްތަށިގަނޑުގެ ބާރު ދެރަކޮށްލާ ކަމެކެވެ. ނަތީޖާއަކަށްވާނީ ފަސޭހަކަމާއި އެކު ބޮލުން އިސްތަށިކޮޅު ފޭބުމެވެ.
މި ހިއްސާކޮށްލެވުނީ ބޮލުން އިސްތަށި މަދުވެ، ތަލަވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ. އެހެންކަމުން ކޮންމެ މީހަކީވެސް މިކަންކަމަށް ފަރުވާތެރިވެ ސަމާލުކަންދޭނޭ މީހަކަށްވުން ވަރަށްވެސް މުހިންމެވެ. އޭރުން ކުރެވޭ ޝަކުވާތަކާއި އަމިއްލަނަފްސު ކުށްވެރި ކުރެވޭ ހާލަތްތަކުގައި އެކަމުގެ ޖަވާބު ލިބޭނެއެވެ.
