އިންސާނާގެ ހަށިގަނޑުގައިވާ ފެނުން މައްޗަށް އަރާ ހަމައެކަނި ގުނަވަނަކީ ފުއްޕާމޭ. ފުއްޕާމޭ ހުންނަނީ ނޭވާހޮޅިން އައިސް ދެ ހަޅިއަކަން ދެބައިވެ ދެފަޅިއަކަށް. ކޮންމެ ފަޅިއަކީވެސް ކޮންމެ ނޭވާއަކާއި އެކު ވައި ވަދެ، ލޭގެ ތެރެެއަށް އޮކްސިޖަން ފޮނުވައިދޭން އެހީތެރިވެދޭ ފަޅިއެއް. އެގޮތުން ފުއްޕާމޭގެ މި ދެ ފަޅި، މިނުގެ ގޮތުން އެއްވަރެއް ނުވާނެ. އިންސާނާގެ ފުއްޕާމޭގެ ކަނާތް ފަޅީގައި ޖުމުލަ ތިން ބައެއް އެކުލެވިގެންވޭ. އެފަޅި އުފެދިފައިވަނީ މި ތިންބައި އެކުވެގެން. މި ބައިތަކަށް "ލޯބު" ނުވަތަ "ލޯބްސް" އޭ ކިޔާ. ފުއްޕާމޭގެ ވާތު ފަޅީގައި އިންނަނީ މިދެންނެވި ބައި ނުވަތަ ލޯބުގެ ދެބައި. މިސަބަބަށްޓަކައި އިންސާނާގެ ފުއްޕާމޭގެ ކަނާތު ފަޅިއަށްވުރެ ވާތުފަޅި ކުޑަވޭ. މިކަމުގެ ސަބަބެއް ކަމުގައި ދިރާސާވެރިން ދެކިލައްވަނީ އިންސާނާގެ ހަށިގަނޑުގެ ވާތުފަޅީގައި ހިތް އިނދެ، ހިތަށް ޖާގަ ލިބިދިނުމުގެ ގޮތުން، ފުއްޕާމޭގެ ވާތުފަޅި ކުޑަވަނީ ކަމުގައި. ބައެއް މީހުން އެމީހުންގެ ފުއްޕާމޭގެ އެކްސްރޭ އެއް ނެގުމަށްފަހު، ޑަކްޓަރަށް ދެއްކުމުގެ ކުރިން އަމިއްލައަށް އެއަށް ބެލުމަށްފަހު، ފުއްޕާމޭގެ އެއްފަޅި ކުޑައޭ ބުނެ، އެކަމާ ބިރުން ހާސްވެގެން އުޅޭ މަންޒަރުފެނޭ. އެހެންނަމަވެސް އެއީ އެކަން އޮންނަ ގޮތް. ފުއްޕާމޭގެ ކަނާތުފަޅިއަށްވުރެ ވާތުފަޅި ކުޑަވާނެ.