ޕާކިސްތާންގައި ކުޑަ ކުއްޖެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން މަރުވެއްޖެއެވެ. އެއީ އުމުރުން ފަސްއަހަރުގެ އަބްދުލް ޚާލިގު ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ.
އެގައުމުގެ ފުލުހުން ބުނާ ގޮތުގައި އަބްދުލް ޚާލިގު މި ދެތިން ދުވަހު އުޅުނީ ވަރަށް ބަލިވެއެވެ. އަދި އޭނާގެ ހާލަތު ބޮޑުވަރުވާން ފެށުމުން ބަސްޓީ ޚާންދަރުގައި ހުންނަ ޕްރައިވެޓް ޕްރެކްޓިޝަނަރެއް ކަމަށްވާ އަލީ ރަޒާގެ ކްލިނިކަށް އެ ކުއްޖާ ވަނީ ދައްކާފައެވެ.
ތުހުމަތު ކުރެވޭގޮތުގައި، އަބްދުލް މަރުވީ ޑޮކްޓަރު ނުބައި އިންޖެކްޝަނެއް ޖެހުމުންނެވެ.
އެސަރަހައްދުގެ މީހުން ތުހުމަތު ކުރާގޮތުގައި ރަޒާއަކީ ސައްހަ، ޑަކްޓަރީ ސެޓްފިކެޓެއްވެސް އޮންނަ މީހެއް ނޫނެވެ.
މި ކުއްޖާގެ މަރާއި ގުޅިގެން އާއިލާ މީހުން ދަނީ އެ ސަރަހައްދުގައި މުޒާހަރާ ކޮށް އެ ޑޮކްޓަރު ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން ފުލުހުން އެ ސަރަހައްދަށް ދިއުމުގެ ކުރިން ރަޒާ ވަނީ އެސަރަހައްދުން ފިލާފައެވެ.
އަދި އެ ސަރަހައްދުގެ ސިއްހީ މާހިރުންނަށްވެސް އެ މައުލޫމާތު ލިބުމާއިއެކު، މިހާރު ވަނީ އެކަން ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އަދި އެއީ ސީދާ އިންޖެކްޝަންގެ ސަބަބުން ވީ ކަމެއްތޯވެސް ދަނީ ބަލަމުންނެވެ. އެކަމުގައި އިހުމާލެއް ނުވަތަ ގަސްތުގައި ކުރި ކަމެެއް ކަމުގެ ހެއްކެއް ފެނޭތޯވެސް ތަހުގީގުދަނީ އިތުރަށް ކުރިއަށެވެ.
ޕާކިސްތާނަކީ ހުއްދަ ނެތި މަސަައްކަތްކުރާ ޑޮކްޓަރުން ގިނަ ގައުމެކެވެ. އަދި ސައްހަނޫން ހުއްދަ ބޭނުން ކުރުމުގެ އެތައް މައްސަލައެއްވެސް ފެންމަތިވެފައިވާ ގައުމެކެވެ.
