ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި ހެޓްރިކާއެކު 5-0ގެ ތަފާތަކުން އަލްބޭނިއާ ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ސްވިޒަލެންޑާ ދެކޮޅަށް އިޓަލީ ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ ނަތީޖާއާއެކު އިންގްލެންޑަށް ކޮލިފައިން ގްރޫޕް އައި ގައި ބާކީ އެއް މެޗު އޮތްއިރު، އެންމެ ފުލުގައި ޕޮއިންޓެއްނުލިބި އޮތް ސެން މެރީނޯއާ ދެކޮޅަށް އެ ޓީމު ކުޅޭ ފަހު މެޗުން ޕޮއިންޓެއް ހޯދައިގެން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ސީދާ ޖާގައެއް ކަށަވަރުވެގެންދާނެއެވެ. އިންގްލެންޑަށް މިހާތަނަށް ކުޅުނު ނުވަ މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޕޮލެންޑެވެ. ތިންވަނައިގައި 15 ޕޮއިންޓާއެކު އޮތީ ރޭގެ މެޗުން އިންގްލެންޑް އަތުން ބަލިވި އަލްބޭނިއާ އެވެ. ހަތަރުވަނައިގައި އޮތް ހަންގޭރީ އަށް 14 ޕޮއިންޓް ލިބިފައިވާއިރު، އެންޑޯރާ ފަސްވަނައިގައި އޮތީ ހަ ޕޮއިންޓާއެކު އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑުން ޖެހި ފަސް ގޯލްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ޗެލްސީގެ ފުލްބެކް ރީސް ޖޭމްސްގެ ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ހެރީ މެގުއާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލުންނެވެ. އޭގެ އަށް މިނެޓުފަހުން، ޖޯޑަން ހެންޑަސަން ނަގައިދިން ހުރަހަކުން ކޭން ވަނީ އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދީފައެވެ.

އިންގްލެންޑުން ޖެހި ތިންވަނަ ލަނޑު، 28 ވަނަ މިނެޓުގައި ހެންޑަސަން ޖެހީ ކޭން ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ކޭން ވަނީ އިތުރު ދެލަނޑުޖަހައި، ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެތެރެއިން، އޭނާގެ ދެވަނަ ލަނޑުޖެހީ ރަހީމް ސްޓާލިން ދިން ބޯޅައަކުންނެވެ. މެޗުގެ އިތުރުވަގުތުގައި އިންގްލެންޑްގެ ފަސްވަނަ ލަނޑު، އަދި އޭނާގެ ހެޓްރިކް ފުރިހަމަކުރީ ސިޒާ ކިކަކުންނެވެ. ކޭން މި ލަނޑުޖެހީ ފިލް ފޯޑެންގެ ކޯނަރަކުންނެވެ. މި ގޯލްތަކާއެކު ކޭން ވަނީ އިންގްލެންޑަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައިގައި އޮތް ޖިމީ ގްރީވްސްއާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ޖަހާފައިވަނީ 44 ލަނޑެވެ.

އިޓަލީ އަށް އެއްވަރުކޮށްދިން ލަނޑުޖެހުމަށްފަހު ޖިއޮވާނީ ޑި ލޮރެންޒޯ (ކ) އާއި ނިކޮލޯ ބަރެއްލާ އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ސްވިޒަލެންޑުންނެވެ. ފުރަތަމަ ހާފުގެ ކުޅުން ފެށިތާ 11 މިނެޓުގެ ތެރޭގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ސިލްވަން ވިޑްމާ އެވެ. އިޓަލީ އިން ނަތީޖާ ހަމަހަމަކުރީ ޖިއޮވާނީ ޑި ލޮރެންޒޯގެ ގޯލުންނެވެ. ދެ ޓީމު 1-1 އިން އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ އިތުރުވަގުތުގައި އިޓަލީގެ ފޯވާޑް ޑޮމެނިކޯ ބެރާޑީ އަށް ސްވިޒަލެންޑްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ޖޯޖީނިއޯ ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ. މި މެޗުން އެއްވަރުވުމާއެކު، އިޓަލީން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ސީދާ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އިތުރަށް އިންތިޒާރުވަނީ ކުރަން ޖެހިފައެވެ. މި ގްރޫޕުގައި މިހާތަނަށް ކުޅުނު ހަތް މެޗަށްފަހު އިޓަލީ އާއި ސްވިޒަލެންޑަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. އިޓަލީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ނޮދަން އަޔާލެންޑަށް ލިބިފައިވަނީ 8 ޕޮއިންޓެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މޮލްޑޯވާ އަތުން ރަށުން ބޭރުގައި 2-0 އިން ހޯދީ މޮޅާއެކު ސްކޮޓްލެންޑުން ވަނީ ޕްލޭ-އޮފް ޖާގައެއް ކަށަވަރުކޮށްފައެވެ. އެންޑޯރާގެ ދަނޑުގައި 4-1 އިން ޕޮލެންޑް މޮޅުވިއިރު، އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ދެލަނޑުޖަހާފައެވެ. އެ ޓީމުގެ އަނެއް ދެލަނޑުޖެހީ ކަމިލް ޔޮޒްވިއަކް އާއި އާކަޑިއުޝް މިލިކް އެވެ.

މިހާތަނަށްއައިއިރު ވޯލްޑް ކަޕުން ސީދާ ޖާގައެއް ކަށަވަރުކޮށްފައިވާ ޑެންމާކުން ރޭ އަމިއްލަ ދަނޑުގައި 3-1 އިން ފެރޯ އައިލެންޑްސް އަތުން ވަނީ މޮޅުވެފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސްކޮވް އޯލްސެން އާއި ބްރޫން ލާސެން އަދި ޔޯކިމް މޭލާ އެވެ. އޮސްޓްރިއާ އިން 4-2ގެ ނަތީޖާއަކުން އިޒްރޭލް ބަލިކުރިއިރު، ސެން މަރީނޯ އަތުން އަމިއްލަ ދަނޑުގައި ހަންގޭރީ މޮޅުވީ 4-0 އިންނެވެ.