ވޯލްޑް ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި އުރުގުއޭ އަތުން 1-0 އިން ހޯދީ މޮޅާއެކު އާޖެންޓީނާ އިން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މިއީ އެންމެ ފަހުގެ ކޮޕާ އެމެރިކާ ޗެމްޕިއަން އާޖެންޓީނާ އިން ޖެހިޖެހިގެން ބަލިނުވެ ފުރިހަމަކުރި 26 ވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި ވާދަވެރި ބްރެޒިލް އަތުންނެވެ.
މި ނަތީޖާއާއެކު އާޖެންޓީނާ އޮތީ 12 މެޗުން ލިބުނު 28 ޕޮއިންޓާއެކު ދެވަނައިގައެވެ. އެ ޓީމަށް ބާކީ އޮތް ހަ މެޗުގެ ތެރެއިން ކޮލިފައިވުމަށް ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. އެންމެ ކުރީގައި 34 ޕޮއިންޓާއެކު އޮތް ބްރެޒިލުން ވަނީ ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ތިންވަނައިގައި އޮތް އެކުއޭޑޯ އަށް 13 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ޗިލީ އޮތީ 16 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ފަސްވަނައިގައި އޮތް ކޮލަމްބިއާ އާއި ހަވަނައިގައި އޮތް އުރުގުއޭ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޗިލީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ދެކުނު އެމެރިކާ ސަރަހައްދުން ވޯލްޑްކަޕްގެ އޮޓޮމެޓިކް ޖާގަ ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށެވެ.
އަނިޔާގެ ސަބަބުން ނިމިދިޔަ ދެ ހަފްތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ކެޕްޓަން ލިއޮނަލް މެސީ ބެންޗުގައި ހިމަނައިގެން ރޭގެ މެޗު ފެށި އާޖެންޓީނާ އިން އުރުގުއޭގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންހެލް ޑި މާރިއާ އެވެ.
ޕީއެސްޖީގައި މެސީ އާއެކު ކުޅެމުންއަންނަ ޑި މާރިއާ މިލަނޑުޖެހީ ޕެނަލްޓީއޭރިޔާ ބޭރުން އުރުގުއޭގެ ޒުވާން ޑިފެންޑަރު ވަކީން ޕިކެރޭޒް އަތުން ގެއްލުނު ބޯޅައެއްގެ ފައިދާނަގައި ޕައޮލޯ ޑިބާލާ ދިން ބޯޅައަކުންނެވެ. ޑިބާލާ މި މެޗަށް އެރީ މެސީގެ ބަދަލުގައެވެ. އޭގެކުރީން، އުރުގުއޭ އަށް ލީޑްނަގައިދޭން އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއިރު، މެޗުގެ 30 ވަނަ މިނެޓުގައި ސުއަރޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
ދެވަނަ ހާފުގައި އުރުގުއޭ އަށް އެއްވަރުކޮށްދޭން ހޫލިއަން އަލްވަރޭޒް ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށް ދިޔައިރު، އަނިޔާއަށްފަހު ދާދިފަހުން ކުޅުމަށް އެނބުރިއައި މެސީ ވަނީ މެޗުގެ ފަހު 14 މިނެޓަށް ޖިއޮވާނީ ލޮ ސެލްސޯގެ ބަދަލުގައި ކުޅެން ނިކުމެފައެވެ.
ކޮލިފައިންގައި އާޖެންޓީނާ އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ވާދަވެރި ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅެވޭނީ އަންނަ ބުދަ ދުވަހު ރާއްޖޭގަޑިން ފަތިހު 4:30 ގައެވެ.
