ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ގޯވިންދާ މެރާ ނާމްގައި ފެނިގެންދާނެ ތަރިންގެ ނަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ވިކީ ކައުސަލްގެ އިތުރުން ކިއާރާ އާދްވާނީ އަދި ބޫމީ ޕެޓްނޭކަރު ފެނިގެންދާ މި ފިލްމަކީ ތަފާތު ހެއްވާ މަޖާ ފިލްމަކަށްވެގެންދާނެކަމަށް ކަރަން ޖޯހަރު ބުނެފައިވެއެވެ.

ކަރަން މި ފިލްމާއި ބެހޭ ގޮތުން ބުނެފައިވަނީ މި ފިލްމުގައި ހީ ނުކުރާ ކަހަލަ މަޖާ އެތައް ކަމެއް ހިމެނޭނެކަމާށާއި  މި ފިލްމުގައި ވަރަށް ތަފާތު އެތައް ކަންތައްތަކެއް ވެގެން ދާނެކަމަށެވެ.

މި ފިލްމުގައި ވިކީ ފެނިގެންދާނީ ވަރަށް ވެސް ތަފާތު ކެރެކްޓާއެއްގެ ގޮތުގައިއެވެ. އެ ގޮތުން ވިކީގެ ކެރެކްޓާ އަކީ ވަރަށް ތަފާތު ނެށުމުގެ ހުނަރެއް ލިބިފައިވާ ކެރެކްޓާއެއްކަން ކަރަން ވަނީ ފާހަގަ ކޮށްފައެވެ.

ކަރަން ވަނީ އެ ފިލްމުގެ ތަރިންގެ ފަސްޓް ލުކްވެސް ހާމަކޮށް ޓްވީޓާ ގައި ފޮޓޯއެއް ޕޯސްޓްކޮށްފައެވެ.

މި ފިލްމު ލިޔެ އަދި ޑައިރެކްޓް ކޮށްފައިވަނީ ސަސަންކް ކައިތަންއެވެ. އަދި ޕްރޮޑިއުސަރުންގެ ގޮތުގައި ހަރަކާތްތެރިން ވާނީ ކަރަން ޖޯހަރާއި ހީރޫ ޖޯހަރު ގެ އިތުރުން އަޕުރްވާ މެހެތާގެ އިތުރުން ސަސަންކް ކައިތަންއެވެ. މި ފިލްމު ނެރެން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.