ކޮވިޑް-19 ގެ ދިގިދެމިގެން ދިޔަ ލޮކްޑައުން އަށްފަހު 6 މަހުގެ ޗުއްޓީއެއް ނިންމާ ގިނަ ސްކޫލުތައް ހުޅުވުނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. އަދި ސްކޫލްތަކާއި އެކު ބެލެނިވެރިންނަށް ވަޒީފާއަށް ދިއުމަށްހުރި ހިފެހެއްޓުންތައް ވެސް ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އިއްޔެއާއި މިއަދު ވެސް އިނގިރޭސިވިލާތުގެ މަގުތައް އޮތީ ހުސްކޮށެވެ. ޓްރޭން އަދި ބަސް ތައް ވެސް އޮތީ ހަމަ ހުހަށެވެ. އަދިވެސް އާންމުން ބޭރުތެރެއަށް ނިކުމެ އުޅެން ޖެހިލުންވެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު ސްކޫލް ހުޅުވުނު އިރު ހީކުރި ވަރަށްވުރެ ސްކޫލްތަކުގެ ހާޟިރީ ރަގަޅެވެ. ނަމަވެސް ބެލެނިވެރިންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ ގޭގައި ތިބެގެން ވަޒީފާ އަދާކުރާށެވެ. ގޭގައި ތިބެގެން އަދާ ނުކުރެވޭ ވަޒީފާއުޅޭ މީހުންވެސް މިވަގުތަށް އިޚްތިޔާރު ކުރަނީ ހަމަ ވަޒީފާއާ ދުރުގައި ރައްކާތެރިކަމުގައި ތިބުމަށެވެ.

މިހެން މީހުން ވަޒީފާއަށް ނުނިކުންނަ ނަމަ ވިޔަފާރިތައް ހުއްޓި ގިނަބަޔަކުގެ ވަޒީފާ އުމުރަށް ގެއްލޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް ސިވިލް ސަރވިސްގެ ވަޒީފާތަކުގައި އުޅޭ މީހުން ވަޒީފާތަކަށް ނެރެންވެސް ސަރުކާރުވަނީ ނުކުޅެދިފައެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރަށް ބޮޑެތި ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.