މިހާރު ސްރީ ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން 2-1 އިން ބަލިވެ ދިވެހިރާއްޖެ އަށް އެ މުބާރާތުން އިތުރަށް ކުރިއަށްދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

މިއީ މިދިޔަ 18 އަހަރުގެ ތެރޭގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ފުރަތަމަ ފަހަރެވެ. ރާއްޖެ އަތުން ބަންގްލަދޭޝް އެންމެ ފަހުން މޮޅުވީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައެވެ. އޭގެފަހުން، މި ދެ ޓީމު ބައްދަލުކުރި ހަތަރު މެޗުން ވެސް މޮޅުވީ ރާއްޖެ އެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ރާއްޖެ މޮޅުވީ 2-0 އިންނެވެ.

މި މެޗުން ހޯދީ މޮޅާއެކު ބަންގްލަދޭޝް ވަނީ ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. ބަންގްލަދޭޝް އަށް މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލަންކާ އާއި ތިންވަނައިގައި އޮތް ޝީޝެލްސްގެ އިތުރުން އެންމެ ފުލުގައި އޮތް ރާއްޖެ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ކޮލަމްބޯގައި ހުންނަ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް ބަންގްލަދޭޝް އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ކެޕްޓަން ޖަމާލް ބުޔާން އެވެ. ރާއްޖޭން އެއްވަރުކުރި ލަނޑު، މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރު އެވެ. އުމެއިރު މި ލަނޑުޖެހީ އަލީ އަޝްފާގް (ދަގަނޑޭ) ނެގި ކޯނަރަކުން ރާއްޖޭ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) ޖައްސާލި ޕާހަކުން ލިބުނު ބޯޅަ އެއްފަހަރުން ފޮނުވާލައިގެންނެވެ.

ބަންގްލަދޭޝް މޮޅުވި ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯޕޫ ބަރްމަން އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިއަކަށް ރާއްޖޭގެ ކީޕަރު އަލީ ނާޖިހު (ނާޖީ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މިއީ ރާއްޖޭގެ އައު ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި 4-4 އިން ލަންކާއާ އެއްވަރުވިއިރު، ދެވަނަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝް އަތުން ބަލިވީ 2-1 އިންނެވެ.

މި މުބާރާތުގެ ފައިނަލުން ރާއްޖެ އަށް ފުރުޞަތު ލިބެން އޮތީ ފަހު މެޗުގައި ޝީޝެލްސް އަތުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ބަންގްލަދޭޝް އާއި ލަންކާ ކުޅޭ މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.