ކޮންމެވެސް ތަނަކަށް ތަދުވާތީ ނުވަތަ ކޮންމެވެސް އުނދަގުލެއް ވާތީ، ތަކުރާރުކޮށް އެތައް ޑަކްޓަރުންނަކަށް ދެއްކި ނަމަވެސް، ކަމުގެ އަސްލާ ހަމައަށް ވާސިލު ނުވެވި، ނުވަތަ ކަމެއް ނެތޭބުނާ ހާލަތްތައް މަދެއް ނޫނެވެ. މިފަދަ ކޮންމެ ހާލަތެއްގައި އެ ދިމާވާ ކަމަކަށް ނުވަތަ އަލާމާތަކަށް ފަރުވާކުރުމަށްފަހު ބަލިމީހާ ދޫކޮށްލެވެއެވެ. ނުވަތަ އެކަންކަމަށް އެކަނި ބޭސްދެއެވެ. ނަވެސް ގަބޫލު ކުރަން ޖެހޭނެ ހަގީގަތަކީ އިންސާނަކަށް ވޭނެއް ނުވަތަ އުނދަގުލެއް ކުރިމަތިވާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަމެވެ.
އެގޮތުން އަލާމާތްތަށް ފެނުނު ނަމަވެސް އެއީ ސީދާ އެބަލިކަން ނުވަތަ ބުނެދޭން ޑަކްޓަރުންނަށްވެސް އުނދަގޫވާ ބައެއް ބަލިތަކެއް ސިއްހީ މާހިރުން ފާހަގަ ކުރައްވައެވެ. އެގޮތުން އެފަދަ ބައެއް ބަލިތަކަށް ބަލައިލާނަމެވެ.
މިއީ ސީ.އެން.އެން، ހެލްތުގައި ޝާއިއުކޮށްފައިވާ ލިޔުމަކުން އެއްކުރެވި ތަރުތީބުކުރެވިފައިވާ މައުލޫމާތުތަކެކެވެ.
އިސްވެ ދެންނެވުނުފަދައިން ދެނެގަންނަން އުނދަގޫ ބަލިތަކުގެ ތެރެއިން އައި.ބީ.އެސް ނުވަތަ އިރިޓަބަލް ބަވަލް ސިންޑްރަމް އަކީ ދިގުމުއްދަތެއްގެ ތެރެއިން ބޮޑުގޮހޮރަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ދަށްބަނޑަށް ތަދުވުމާއި، ހޮޑުލެވުމާއި، ބަނޑުދިޔާވުމާއި ނުވަތަ ބަނޑު ހިކުން ހިމެނެއެވެ. އަދި ބަނޑުގެ މަސްތައް އަކުނިވަޔަށް ދެމުމާއި އެކު ވައިގެ އުނގަދޫތައް ކުރިމަތިވުން ހިމެނެއެވެ.
ސިލިއެކް ޑިޒީސް ނަމަކަށް ކިޔާ ކުޑަގޮހޮރަށް ޖެހޭ ބައްޔަކީވެސް ދެނެގަންނަށް އުނދަގޫ ބައްޔެކެވެ. މި ބައްޔަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ކުޑަގޮރުގެ ފާރުގައި ހުންނަ މަސްތަކާއި ދެކޮޅަށް މަސައްކަތް ކުރާ ބައްޔެކެވެ. މިއީ ގުލޫޓެން ނަމަކަށް ކިޔާ ޕްރޮޓީން އެއް ކެވުމުގެ ސަބަބުން ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. މި ބަލީގެ އަލާމާތްތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ އިސްވެ ދެންނެވި އައި.ބީ.އެސް ގެ ވެސް އަލާމާތްތަކެކެވެ. މިއީވެސް މި ބަލި ދެނެގަތުމަށް އުނދަގޫ ކުރުވާ ކަމެކެވެ.
ދެނެގަތުމަށް އުނދަގޫ އަނެއް ބައްޔަކީ ފައިބްރޯމަޔަލްޖިއާ ނަމަކަށް ކިޔާ ބައްޔެކެވެ. މިއީ ސިކުނޑިން ފޮނުފައިދޭ މެސެޖުތަކެއްގެ ސަބަބުން ގައިގާ ރިހޭކަން އިހުސާސް ކުރުވާ ބައްޔެކެވެ. މި ބަލީގައި މީހާ ވަރުބަލިކަން ވެސް އިހުސާސް ކުރުވާނެއެވެ. ނަމަވެސް ޖިސްމާނީ ގޮތުން އިންސާނާގެ ހަށިގަނޑުގައި ރިހުމެއް ހުންނަން ވީ އެއްވެސް ސަބަބެއް އަދި ވަރުބަލިވާންވީ އެއްވެސް ސަބަބެއްވެސް ފެންނާކަށް ނުހުންނާނެއެވެ. މި ބަލީގެ އަލާމާތްތަކަކީ މުޅިގައިގައި ރިހިފައި ހުރުމާއި އެކު ވަރުބަލިވެ ނިދިއަންނަގޮތް ދިމާވުމެވެ. އަދި ކަންކަމަށް ސަމާލުކަން ދެވޭ ވަގުތު އިންތިހާއަށް މަދުވާ ވެސް ބައްޔެކެވެ.
މަލްޓިޕްލް ސްކްލެރޯސިސް ނަމަކަށް ކިޔާ ނާރުގެ ބައްޔަކީވެސް ދެނެގަންނަން އުނދަގޫ ބައްޔެކެވެ. މިއީ ސިކުނޑިއާއި މައިބަދާގައި ހުންނަ ނާރުތައް ގުޅުވައިދޭ ނާރުތަކުގެ ރައްކާތެރިކަމަށް ލައްވާފައިވާ ފަށަލަ ހަލާކުވުމުގެ ސަބަބުން ދިމައިވާ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އައްސިވުމުގެ އިހުސާސް ކުރެވުމާއި ލޮލުގެ ފެނުމަށް އަސަރު ކުރުން ހިމެނެއެވެ. އަދި ކަރުގެ އެކި އެކި ހަރަކާތްތަކާއި އެކު ކަރަންޓު ޖެހޭ ކަމުގެ އިހުސާސްކުރެވޭގޮތް ދިމާވުން ހިމެނެއެވެ. ވަރުބަލި ވުމާއި ވާހަކަދައްކަން އުނދަގޫ ވުމާއި، ބޯ އެނބުރުމާއި އެކު ހޮޑުލަވާގޮތްވެސް ދިމާވެދާނެއެވެ.
މި ބަލިތަކުގެ އިތުރުން ކެންސަރާއި މައިގްރޭން އާއި ރާއްޖެ ބައްޔާއި އެންޑޯމެޓްރިއޯއިސް (ރަހިމުގެ ފާރުގެ އިންފެކްޝަން) އާއި ބިސްރަވައިގައި ފެންކޮތަޅު އުފައްދާ ބައްޔާއި އަދި އެޕަންޑިސައިޓިސް އަކީވެސް މި ލިސްޓުގައި ސިއްހީ މާހިރުން ހިމަނާ ބަލިތަކެވެ.
ދެނެގަންނަން އުނދަގޫ ބަލިތައް ދެނެގަތުމަށް އެތައް އަހަރެއްވެސް ހޭދަވެދާނެއެވެ. މި ލިޔުމުގައި މިކަންކަން މި ހިއްސާކޮށްލީ ބަލިމީހުންގެ ފަރާތުން ޑަކްޓަރުންނަށް އެތަށް ފާޑުކިއުމެއް އަމާޒުވެ އެ ޑަކްޓަރުންނަށް އެއްޗެއް ނޭނގޭ ކަމުގެ ޝަކުވާތައްވެސް ކުރެވޭތީއެވެ. އާދޭހެވެ! ފަރުވާކުޑަ ޑަކްޓަރުންވެސް އުޅެއެވެ. ނަމަވެސް ޑަކްޓަރަކަށް ވުމަކީ ހުރިހާ އެއްޗެއް އެނގެން ޖެހޭނޭ ކަމެއް ނޫނެވެ. އަދި ދެނެގަންނަން އުނދަގޫ ބަލިތަކެއް ވާކަންވެސް ބަލިމީހުން ނުވަތަ އާންމުންވެސް ގަބޫލު ކުރަންވާނެއެވެ.
