ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކަށް ފަހު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި، ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އުޅޭ ބެލްޖިއަމުން އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކަޒަކްސްތާން އަތުން 8-0 އިން ފްރާންސް މޮޅުވިއިރު، ބެލްޖިއަމްގެ ދަނޑުގައި އެސްޓޯނިއާ އަތުން މޮޅުވީ 3-1 އިންނެވެ.

ރޭގެ މެޗުތަކަށްފަހު ކޮލިފައިންގައި ފްރާންސް ހިމެނޭ ގްރޫޕް ޑީގެ އެއްވަނައިގައި އެ ޓީމު އޮތީ ހަތް މެޗުން ހޯދީ 15 ޕޮއިންޓާއެކު އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ފިންލެންޑުން ވަނީ ރޭ ބޮސްނިއާގެ ދަނޑުގައި 3-1 އިން މޮޅުވެފައެވެ. ފިންލެންޑަށް 11 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޔޫކްރޭނަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

ޕެރިހުގެ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފްރާންސުން ތިން ލަނޑުޖެހިއެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑުވެސް ކާމިޔާބުކުރީ ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭގެ ހެޓްރިކް ފުރިހަމަކުރީ 32 މިނެޓުގެ ތެރޭގައެވެ. 

ބެލްޖިއަމްއާ އެސްޓޯނިއާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ 14 މިނެޓުގެ ތެރޭގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކަރީމް ބެންޒެމާ ވަނީ އިތުރު ދެލަނޑުޖަހައި، ފްރާންސަށް ފަސް ލަނޑުގެ ލީޑެއްނަގައިދީފައެވެ. އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި އެޑްރިއެން ރަބިއޯ ވަނީ ފްރާންސްގެ ހަވަނަ ލަނޑުޖަހައިދީފައެވެ. އަދި އޭގެފަހުން، ފްރާންސަށް ލިބުނު ޕެނަލްޓީއަކުން އެންޓޮއިން ގްރީޒްމަން ވަނީ ނަތީޖާ 7-0 އަށް ބަދަލުކޮށްލާފައެވެ. އެމްބާޕޭ ކާމިޔާބުކުރި ހަތަރުވަނަ ލަނޑުޖެހީ ފަހު ހާފުގައި ކުޅެން ނިކުތް މޫސާ ޑިއާބީ ދިން ބޯޅައަކުން މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށެވެ.

ބްރަސެލްސްގައި ރޭ ބެލްޖިއަމް ކުޅުނު މެޗުގެ ފުރަތަަމަ ހާފުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ފޯވާޑް ކްރިސްޓިއަން ބެންޓެކޭ އެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު އެތުލެޓިކޯ މެޑްރިޑްގެ ޔަނިކް ފެރޭރާ ކަރާސްކޯގެ ގޯލާއެކު ދެލަނޑުގެ ލީޑެއްނަގާފައިވަނިކޮށް، އެސްޓޯނިއާގެ އެރިކް ސޯގާ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެފަހުން، ބެލްޖިއަމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ތޯގަން ހަޒާޑެވެ.

ބެލްޖިއަމް ގްރޫޕް އީގެ އެއްވަނައިގައި އޮތީ ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށްގެން ހޯދީ 19 ޕޮއިންޓާއެކު އެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ވޭލްސް ވަނީ ރޭ އަމިއްލަ ދަނޑުގައި 5-1 އިން ބެލާރުސް ބަލިކޮށްފައެވެ. އެ ޓީމުގެ ފަސް ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ އާރޮން ރަމްސޭ އެވެ. އަނެއް ތިން ލަނޑުޖަހައިދިނީ ނެކޯ ވިލިއަމްސް އާއި ބެން ޑޭވިސް އަދި ކޮނާ ރޮބަޓްސް އެވެ.

ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ނެދަލެންޑްސް ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް މެމްފިސް ޑިޕާއީގެ ގޯލްތަކުން ލީޑްނަގާފައިވަނިކޮށް، މެޗުގެ ފަހު 8 މިނެޓުގެ ތެރޭގައި އިލީޔާ ވުކޮޓިޗް އާއި ނިކޯލަ ވުޖްނޯވިޗް ޖެހި ދެގޯލާއެކު މޮންޓެނީގްރޯ އިން ވަނީ 2-2 އިން އެއްވަރުކޮށްފައެވެ. މި ގްރޫޕުގައި ހުރިހާ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ނެދަލެންޑްސް އަށް ނުވަ މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ދެވަނައިގައި އޮތް ތުރުކީ އާއި ތިންވަނައިގައި އޮތް ނޯވޭ އަށް 18 ޕޮއިންޓް ލިބިފައިވާއިރު، ތުރުކީ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.