ޓީ20 ކްރިކެޓް ވޯލްޑް ކަޕް ފައިނަލްގައި މިރޭ ނިއުޒީލެންޑްގެ މައްޗަށް 8 ވިކެޓުން ހޯދީ މޮޅާއެކު އޮސްޓްރޭލިއާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އޮސްޓްރޭލިއާ އިން ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ޓީމުން އައިސީސީ ކްރިކެޓް ވޯލްޑް ކަޕެއްގެ ޗެމްޕިއަންކަން ހޯދީ ހަވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ ފަސް ފަހަރެއްގެ މަތީން ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
ޔޫއޭއީގައި ހުންނަ ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ނިއުޒީލެންޑުން ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 172 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން ކޭން ވިލިއަމްސަން ވަނީ 48 ބޯޅައިން 85 ލަނޑުހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު މާޓިން ގަޕްޓިލް ނުބައިވީ 28 ލަނޑަށެވެ.
މި އިނިންގްސްގައި އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުގެ ތެރޭގައި 16 ލަނޑަށް ތިން ވިކެޓްނެގި ޖޯޝް ހޭޒަލްވުޑް އެވެ. މި މުބާރާތުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ އެ ޓީމުގެ އެޑަމް ޒަމްޕާ ވެސް ވިކެޓެއްނެގިއެވެ.
ޖަވާބުގައި ކުޅެންއަރައި އޮސްޓްރޭލިއާ އިން މެޗު ކާމިޔާބުކުރީ ބާކީ ހަތް ބޯޅަ އޮއްވާ ދެ ވިކެޓަށް 173 ލަނޑުހަދައިގެންނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 50 ބޯޅައިން 77 ލަނޑުހެދި މިޗޭލް މާޝް އެވެ. މީގެއިތުރުން، 38 ބޯޅައިން 53 ލަނޑުހެދި ޑޭވިޑް ވޯނާ އާއި ނުބައިނުވެ 18 ބޯޅައިން 28 ލަނޑުހެދި ގްލެން މެކްސްވެލްގެ ކުޅުން ފާހަގަކޮށްލެވެއެވެ. ނިއުޒީލެންޑްގެ ޓްރެންޓް ބޮލްޓް ފިޔަވައި އެހެން އުކުންތެރިއަކަށް ވިކެޓެއް ނުނެގުނެވެ. ބޮލްޓް ވަނީ ހަތަރު އޯވަރުގެ ތެރޭގައި 18 ލަނޑަށް ދެ ވިކެޓްނަގާފައެވެ.
މެޗަށްފަހު މުބާރާތުގެ އެކި މަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށް އެވޯޑް ދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޮސްޓްރޭލިއާގެ ބެޓްސްމަން މާޝް އެވެ. މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮސްޓްރޭލިއާގެ އޯޕަނިން ބެޓްސްމަން ވޯނާ އެވެ. އޭނާ ވަނީ މި މުބާރާތުގައި 289 ލަނޑުހަދާފައެވެ.
