ވޯލްޑްކަޕް ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި ސާބިއާ އަތުން ބަލިވެ ޕޯޗުގަލް ޕްލޭއޮފް ބުރުގައި ވާދަކުރަންޖެހުނުއިރު، ސްޕެއިނާއި ކްރޮއޭޝިއާ ކުޅުނު މެޗުތަކުން މޮޅުވެ ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕުން ޖާގަ ހޯދައިފިއެވެ.
2016 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލް އިން އެއްވަރުކޮށްލައިގެން ވެސް އަންނަ އަހަރުގެ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރެވެން އޮތް މެޗުގައި ސާބިއާ އަތުން 2-1 އިން ބަލިވިއިރު، ސްވިޑެންގެ މައްޗަށް ސްޕެއިނުން ކުރިހޯދީ 1-0 އިންނެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އިން ރަޝިޔާ ބަލިކުރީ ވެސް ހަމަ އެނަތީޖާއިންނެވެ.
ލިޒްބަންގެ އެސްޓާޑިއޯ ޑަ ލުޒްގައި ރޭ ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި ޕޯޗުގަލްގެ ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ރެނާޓޯ ސަންޗޭސް ލީޑްނަގައިދީފައިވަނިކޮށް، ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ސާބިއާ އަށް އެއްވަރުކޮށްދިނީ ކެޕްޓަން ޑޫސާން ޓަޑިޗް އެވެ.
ޕޯޗުގަލް އެއްވަރުކުރަން ކުރަމުންދިޔަ މަސައްކަތްތަކުގައި ނާކާމިޔާބީ ކުރިމަތިލާންޖެހުނުއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ސާބިއާ މޮޅުވި ލަނޑުޖަހައިދިނީ ފުލަމްގެ ފޯވާޑް އަލެކްސެންޑަ މިޓްރޮވިޗް އެވެ. ރޭގެ މެޗު ފެށިއިރު ބެންޗުގައި އިން މިޓްރޮވިޗް މިލަނޑުޖެހީ އެ ޓީމުގެ މިޑްފީލްޑަރު ޓަޑިޗް ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ ނަތީޖާއާއެކު ސާބިއާ އިން ވަނީ ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ފީފާ ވޯލްޑްކަޕުން އޮޓޮމެޓިކް ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމަށް ގްރޫޕުގެ އެއްވަނަ ލިބުނީ 8 މެޗުން ހޯދީ 20 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮވެ ނިންމާލި ޕޯޗުގަލް އަށް 17 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ރިޕަބްލިކް އޮފް އަޔާލެންޑަށް ލިބުނީ ނުވަ ޕޮއިންޓެވެ.
ސްޕެއިނުން އަންނަ އަހަރުގެ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރީ، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ މީޑްފީލްޑަރު ޑަނީ އޮލްމޯ ފޮނުވާލި ހަމަލާއެއް ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޯލްސެން މަތަކުރުމުން ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ މޮރާޓާ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން ޕޮއިންޓެއް ހޯދައިގެން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރެވެން އޮތް ސްޕެއިނުން ރޭގެ މެޗުން ކާމިޔާބުކުރުމާއެކު އެ ޓީމުން ނިންމާލީ 8 މެޗުން ހޯދީ 19 ޕޮއިންޓާއެކު އެއްވަނައިގައި އޮވެގެންނެވެ. ދެވަނައިގައި އޮތް ސްވިޑެން އަށް 15 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ވެސް ޕްލޭއޮފް ބުރުން ވަނީ ޖާގަ ލިބިފައެވެ.
ކޮލިފައިންގައި ރޭ ކްރޮއޭޝިއާ މޮޅުވީ މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ރަޝިޔާގެ ފެޑޯ ކުދްރާޝޯފް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މި މެޗަށް ނިކުތްއިރު އެއްވަރުކޮށްލައިގެން ރަޝިޔާ އަށް ވޯލްޑްކަޕުން ޖާގަ ލިބެން އޮތްއިރު، ރޭގެ ނަތީޖާއާއެކު އެ ޓީމުން ނިންމާލީ 22 ޕޮއިންޓާއެކު ދެވަނައިގައި އޮވެގެންނެވެ. އެއްވަނައިގައި އޮވެ އަންނަ އަހަރުގެ ފީފާ ވޯލްޑްކަޕުން ޖާގަ ކަށަވަރުކުރި ކްރޮއޭޝިއާ އިން ވަނީ 10 މެޗުން 23 ޕޮއިންޓް ހޯދާފައެވެ.
މިހާތަނަށްއައިއިރު އަންނަ އަހަރުގެ ވޯލްޑްކަޕުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރަށް އޮޓަމެޓިކް ޖާގައެއް ލިބިފައިވާއިރު، އިތުރު 8 ގައުމަކުން ވަނީ އެ މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ. އެއީ ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލްގެ އިތުރުން ޔޫރަޕަށް ނިސްބަތްވާ ޖަރުމަނާއި، ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ އަދި ކްރޮއޭޝިއާ އެވެ.
