ފުރަގަސްފަރާތް ފޭބުމަކީ ވަރަށްވެސް އާންމު ކަމެކެވެ. އަދި ބައެއް މީހުންނަށް ވަކިން ގިނައިން މިކަން ދިމާވެއެވެ. މިއީ އެކަމުގައި ވަރަށްވެސް ވޭންހުރި ކަމެކެވެ. ހަގީގަތުގައި ފުރަގަސް ފަރާތް ފޭބުމޭ މި ކިޔަނީ ފުގަސްފަރާތު ދޮރު އޭގެ މަގާމުން ތިރިއަށް ނުވަތަ ބޭރަށް ޖެހުމަކަށް ނޫނެވެ. ދިވެހި ބަހުން "ފޭބުން" މި ލަފުޒު އައުމުން އެ މާނަ އެހެން ދޭހަވުމުގެ ފުރުސަތު އޮވެދާނެއެވެ.

ކޮންމެއަކަސް ފުރަގަސް ފަރާތް ފޭބުމޭ މިކިޔަނީ ފުގަސްފަރާފުގެ ދޮރުގެ ކައިރީގައި ހުންނަ ލޭނާރެއް (ވެއިންއެއް) ދުޅަވުމަށެވެ. މިގޮތަށް މި ލޭނާރު ފުރަގަސްފަރާތުގެ އެތެރޭގައިވެސް ދުޅަވެދާނެއެވެ. އަދި އަނެއްބައި ފަހަރަށް ބޭރަށްވެސް ފެންނަން ހުންނަހެން ދުޅަވެދާނެއެވެ.

މިގޮތަށް މިލޭނާރު ދުޅަވަނީ އެ ނާރަށް ކުރާ ބާރު ބޮޑުވެ ނުވަތަ އެ ނާރަށް ކުރާ ޕުރެސަރު ބޮޑުވުމުންނެވެ. މި ބާރު ނުވަތަ ޕުރެސަރު އަންނަނީ ނާރުގެ ބޭރުގައި ވާ ގުނަވަންތަކާއި މަސްތަކުންނެވެ. މިކަމުގެ ބައެއް ސަބަބުތައް ޑަކްޓަރުން ފާހަގަ ކުރައްވައެވެ. އޭގެތެރޭގައި ބޮޑުކަމުދާއިރު މާގިނައިން ނުވަތަ މާބޮޑަށް ބާރުކުރުމާއި ތަށިމަތީގައި ގިނައިރު އިނުން ހިމެނެއެވެ. އަދި އުޑަފައިން ނުވަތަ ފުގަސްފަރާތަށް ވުރެ ކަކޫ އުސްވާނޭ ގޮތަކަށް (ފުރަގަސްފަރާތަށް ބާރު ކުރާނޭހެން) ގިނައިރު އިށީނދެ އިނުމަކީވެސް މިކަމުގެ ސަބަބެއްކަމަށް ފާހަގަކުރެއެވެ.

ގިނަ މުއްދަތަކަށް ބަނޑު ހިކުމާއި ނުވަތަ ބަނޑު ދިޔާވުމަކީވެސް މި ލޭނާރު ނުވަތަ ވެއިން ދުޅަވުމަށް މެދުވެރި ވެދާނޭ ސަބަބެކެވެ. އެހެނީ ބަނޑު ހިކޭނަމަ ބާރުކުރަން ޖެހޭލެއް ބޮޑުވާނެއެވެ. އަދި ބަނޑު ދިޔާވުމަކީ ގިނައިން ގިނައިން އަވަސް އަވަހަށް ތަށިމަތީގައި އިށީންނަން ޖެހޭނޭ ކަމެކެވެ. އެހެންކަމުން މިދެކަމަކީވެސް ފުރަގަސްފަރާތް ފައިބަފާނޭ ސަބަބެކެވެ.

މާބަނޑު ވުމާއި ބަރުދަން އިތުރުވުމަކީވެސް އެ ނާރު ދުޅަވެ ފުރަގަސް ފަރާތް ފައިބަފާނޭ ސަބަބެކެވެ. އަދި އާންމުކޮށް ގަވައިދުން ބަރު އެއްޗެހި އުފުލާނަމަވެސް އެކަން އެގޮތަށް ހިނގާފާނޭ ކަމަށް ޑަކްޓަރުން ފާހަގަ ކުރައްވައެވެ. ފައިބަރު ނަކަމަކަށް ކިޔާ މި މާއްދާއަކީ ހަޖަމު ތަރުތީބުކުރުމަށް އެހީވެދޭ މާއްދާއެކެވެ. އެހެންކަމުން ކެއުމުގައި ފައިބަރު މަދުވުމަކީ ހަޖަމުގެ ތަރުތީބު އޮޅިދާނޭ ކަމެކެވެ. އެއާއި އެކު ފުރަގަސްފަރާތުގެ މި ލޭނާރަށް ކުރާ ބާރު ނުވަތަ ޕުރެސަރު ބޮޑުވެ ދުޅަވުމުގެ ފުރުސަތު ބޮޑުުވެއެވެ.

އިސްލާމްދީނުގައި ސައްހަ ނައްސުން ހަރާމްކުރައްވާފައިވާ ލިވާތުކުރުމުގެ މި ނުބައި އަމަލަކީވެސް ފުރަގަސްފަރާތް ފައިބަފާނޭ ކަމެއްކަމަށް ޑަކްޓަރުން ފާހަގަ ކުރެއެވެ.

އިސްވެ މިދެންނަވާލެވުނީ ފުރަގަސްފަރާތް ފޭބުމުގައި މެދުވެރިވާ އާންމު ސަބަބުތަކެވެ. އެހެންކަމުން މިކަމުން ރައްކާތެރިވުމަށް އިސްވެ ދެންނެވުނު ސަބަބުތަކުން ދުރުވެ ހުރުން ވަރަށްވެސް މުހިންމެވެ. އެކަންކަމަށް ފަރުވާތެރިވެ ސަމާލުކަން ދޭންވާނެއެވެ.