ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކަށްފަހު އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި އިޓަލީން ޕްލޭއޮފްގައި ވާދަކުރަންޖެހުނުއިރު، އިންގްލެންޑާއި ސްވިޒަލެންޑުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ސެން މެރީނޯގެ ދަނޑުގައި 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންގްލެންޑް މޮޅުވިއިރު، ރަށުން ބޭރުގައި ނޮދަން އަޔާލެންޑާ ލަނޑެއްނުޖެހި 0-0 އިން އިޓަލީ ވަނީ އެއްވަރުވެފައެވެ. އަމިއްލަ ދަނޑުގައި ސްވިޒަލެންޑުން ވަނީ ބަލްގޭރިއާގެ މައްޗަށް 4-0 އިން ކުރިހޯދާފައެވެ.

ޔޫރަޕްގެ ޗެމްޕިއަންކަން މި އަހަރު ހޯދި އިޓަލީ އަށް ނޮދަން އަޔަލެންޑްގެ ދަނޑުގައި އެ ޓީމުގެ ޑިފެންސް ފޫއަޅުވާލުމުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުއިރު، އިޓަލީ އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ނިމިގެންދިޔައީ އެއްވަރުވެގެންނެވެ. ރޭގެ މެޗުގެ ފަހު ހާފުގައި ކުޅެން ނިކުތް ނޮދަން އަޔަލެންޑްގެ ކޮނާ ވޮޝިންޓަނަށް ވަނީ އެ ޓީމު މޮޅުކޮށްދިނުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ އިޓަލީގެ ކުޅުންތެރިން ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

ނޮދަން އަޔާލެންޑާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

ރޭގެ މެޗުން އިޓަލީ އެއްވަރުވުމުގެ ފައިދާނަގައި ކުރިން ދެވަނައިގައި އޮތް ސްވިޒަލެންޑުން ވަނީ ބަލްގޭރިއާ އަތުން 4-0 އިން ހޯދީ މޮޅާއެކު ގްރޫޕްގެ އެއްވަނަ އަށް ޖެހިލާފައެވެ. ސްވިޒަލެންޑަށް 8 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، އިޓަލީ އޮތީ އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ތިންވަނައިގައި އޮތް ނޮދަން އަޔަލެންޑަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ބަލްގޭރިއާ އަތުން ސްވިޒަލެންޑް މޮޅުވި މެޗުގައި އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ނޮއާ އޮކަފޯ އާއި ރުބެން ވާގަސްގެ އިތުރުން ސެޑްރިކް އިޓެން އަދި ރެމޯ ފްރޮއިލާ އެވެ.

އިންގްލެންޑުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި 6-0 ގެ ލީޑެއްގައި އޮވެ ނިންމާލިއިރު، އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ ހަތަރު ގޯލް ޖަހާފައެވެ. މީގެތެރެއިން ދެލަނޑުޖެހީ ދެ ޕެނަލްޓީންނެވެ. އެ ޓީމުގެ އަނެއް ދެލަނޑުގެ ތެރެއިން އެއް ގޯލަކީ ސެން މެރީނޯގެ ފިލިއްޕޯ ފަބްރީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި މެޗުގައި އިންގްލެންޑަށް ގޯލް ހުޅުވާލައިދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ އެވެ.

ދެވަނަ ހާފުގައި އިންގްލެންޑުން ޖެހި ހަތަރު ގޯލް ކާމިޔާބުކޮށްދިނީ އާސެނަލްގެ އެމީލް ސްމިތު ރޯވް އާއި ބުކާޔޯ ސަކާގެ އިތުރުން ޓައިރަން މިންގްސް އާއި ޓެމީ އެބްރަހަމް އެވެ. މި މެޗުގެ ދެވަނަ ހާފުގައި އެ ޓީމުން ޖެހި ހަތަރު ގޯލްގެ ތެރެއިން ތިން ލަނޑުޖެހުމަށް އެހީތެރިވެދިނީ ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެވެ. މީގެއިތުރުން، ރޭގެ މެޗަކީ އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް، އިނގިރޭސި ޓީމުގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި އާސެނަލްގެ ޒުވާން މިޑްފީލްޑަރު ސްމިތު ރޯވް ވެސް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުން ފުރަތަމަ މެޗެވެ.

ސެން މެރީނޯއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

އިންގްލެންޑަށް ރޭގެ މެޗުގައި ހަތަރު ލަނޑުޖަހައިދިން ކޭން ވަނީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލަނޑުލިސްޓުގެ ތިންވަނަ އަށް ޖެހިލާފައެވެ. ކޭން ވަނީ މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުރީގެ ފޯވާޑް ގެރީ ލިނެކާއާ އެއްވަރަށް 48 ލަނޑުޖަހާފައެވެ. ކޭން އަށްވުރެ ގިނަ އިން ލަނޑުޖަހާފައިވަނީ ސާރ ބޮބީ ޗާލްޓަން އާއި ވޭން ރޫނީ އެވެ. މިހާތަނަށް އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ރޫނީ ވަނީ 53 ގޯލް ޖަހާފައެވެ.

މެޗަކުން ބަލިނުވެ އިންގްލެންޑުން ވޯލްޑް ކަޕުން ޖާގަ ކަށަވަރުކުރީ ގްރޫޕް އައިގެ އެއް ވަނަ ހޯދައިގެންނެވެ. އެ ޓީމަށް ކުޅުނު 10 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޕޮލެންޑެވެ. މިއާއެކު، ޕޮލެންޑް ވެސް ވަނީ ޕްލޭއޮފުން ޖާގަ ހޯދާފައެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްކޮޓްލެންޑުން ވަނީ 2-0 އިން ޑެންމާކް ބަލިކޮށް ޕްލޭއޮފުން ޖާގަ ހޯދާފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޖޯން ސޫޓާ އާއި ޗެ އެޑަމްސް އެވެ. ޕޮލެންޑުން އަމިއްލަ ދަނޑުގައި 2-1 އިން ހަންގޭރީ އަތުން ބަލިވިއިރު، މޮލްޑޯވާ އަތުން އޮސްޓްރިއާ މޮޅުވީ 4-1 އިންނެވެ.

މިހާތަނަށްއައިއިރު އަންނަ އަހަރުގެ ވޯލްޑްކަޕުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރަށް އޮޓަމެޓިކް ޖާގައެއް ލިބިފައިވާއިރު، އިތުރު 10 ގައުމަކުން ވަނީ އެ މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ. އެއީ ވޯލްޑްކަޕްގެ ތާރީޚު ދުށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލްގެ އިތުރުން ޔޫރަޕަށް ނިސްބަތްވާ ޖަރުމަނާއި، ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ، ކްރޮއޭޝިއާ، އިންގްލެންޑް އަދި ސްވިޒަލެންޑް އެވެ.