މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސީޝެލްސްއާ ލަނޑެއްނުޖެހި އެއްވަރުވެ، ރާއްޖެ އެ މުބާރާތުގެ ފައިނަލަށް ނުގޮސް ކަޓައިފިއެވެ.

މި ނަތީޖާއާއެކު ސީޝެލްސް ވަނީ ފަސް ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ އަށް ޖެހިލައި، ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. ރާއްޖެ އަށް ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް ބަންގްލަދޭޝްއާ އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތް ސްރީ ލަންކާ މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާނެ އެވެ. މި މެޗު އެއްވަރުވެއްޖެނަމަ ފައިނަލަށް ދާނީ ބަންގްލަދޭޝް އެވެ.

ރާއްޖޭން މިއަދުގެ މެޗަށް ނިކުތީ މި މުބާރާތުގައި އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، އަލީ ފާސިރު (ސެންޓޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަލީ އަޝްފާގު (ދަގަނޑޭ) ގެ ބަދަލުގައި އަހުމަދު ނޫމާން (ހެލްމެޓް) އާއި ނާއިޒް ހަސަން (ދާދު)ގެ އިތުރުން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް މި މެޗުން ފުރުޞަތު ދީގެންނެވެ. އެކަމަކު، މެޗުގެ ކުރީން ވޯމްއަޕް ކުރަނިކޮށް ދާދު އަށް ލިބުނު އަނިޔާއަކާ ގުޅިގެން ފުރަތަމަ އެގާރައިގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ ހިމަނާފައެވެ.

ބޯ ވިއްސާރައިގެ ތެރޭގައި ފެށިގެން ކުޅުނު މި މެޗުގައި ދަނޑުގެ ހާލަތު އޮތް ގޮތުން ދެ ޓީމަށް ވެސް ގިނަ އުނދަގޫތަކެއް ކުރިމަތިވެފައިވެއެވެ. ފުރަތަމަ ހާފުގައި ރާއްޖެ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ހަންނަ ބޮލުން ފޮނުވާލި ބޯޅަ ސީޝެލްސްގެ ކީޕަރު އެލްވިން ރޮޑީ މަތަކުރިއެވެ.

ސީޝެލްސްއާ ދެކޮޅަށް ނިކުތް ރާއްޖޭ ޓީމުގެ ފުރަތަަމަ އެގާރަ. --ފޮޓޯ: އެފްއޭއެމް

އޭގެފަހުން، ރާއްޖޭގެ މެދުތެރެއަށް ކުޅެމުން އަންނަ ހުސެއިން ނިހާން (ނިހާޓް) އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ސީޝެލްސްގެ ޑިފެންޑަރަކު ބްލޮކްކުރިއެވެ. ދެވަނަ ފަހަރަށް އެ ބޯޅަ ލިބުމުން ނިހާޓް ފޮނުވާލި ބޯޅަ ގޯލްގެ ރޮނގުމަތިން ސަލާމަތްކުރީ ސީޝެލްސްގެ ވޯރެން އެރިކް އެވެ.

ދެވަނަ ހާފުގައި ރާއްޖޭ ޓީމުގެ މުހައްމަދު އުމެއިރު ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ސީޝެލްސްގެ ކީޕަރު ރޮޑީ މަތަކުރިއިރު، ފަހު ހާފުގައި ކުޅެން ނިކުތް ފޭދޫ އިއްބެ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ރޮޑީ އެވެ. އޭގެފަހުން، ރީބައުންސްގައި އަސަދުﷲ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ. އަދި އޭގެފަހުން، ސީޝެލްސްގެ ރާޝިދު ލެބްރޯސް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.

މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ސީޝެލްސްގެ ޖުނީނިއޯ މެތިއަޓަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ބާކީ ބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. މެތިއަޓަށް ރީނދޫ ކާޑެއް ދެއްކީ ރާއްޖޭގެ ފުލްބެކް ހައިޝަމް ހަސަން (ބިޑި) އަށް ޕެނަލްޓީއޭރިޔާ ބޭރުން ކުރި ފައުލަކާ ގުޅިގެންނެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ބޯޅަ ނެތީސް ސީޝެލްސްގެ ކުޅުންތެރިއަކަށް ހަމަލާދިނުމުން ސީދާ ރަތެއް ދައްކާފައެވެ.