ވޯލްޑްކަޕް ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި ނޯވޭ ބަލިކޮށް ނެދަލެންޑްސް އިން އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕުން ޖާގައެއް ކަށަވަރުކުރިއިރު، ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ފިންލެންޑްގެ މައްޗަށް ކުރިހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި 2-0 އިން ނޯވޭ އަތުން ނެދަލެންޑްސް މޮޅުވިއިރު، ފިންލެންޑްގެ ދަނޑުގައި ފްރާންސް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ.
ރޭގެ މެޗުތަކަށްފަހު ނެދަލެންޑްސް އިން ގްރޫޕް ޖީގެ އެއްވަނަ ހޯދީ 10 މެޗުން 23 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕުގެ ދެވަނައިގައި އޮވެގެން ޕްލޭއޮފް ޖާގަ ކަށަވަރުކުރީ މޮންޓެނީގްރޯގެ ދަނޑުގައި 2-1 އިން މޮޅުވި ތުރުކީ އެވެ. ތުރުކީ އަށް 10 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނޯވޭ އަށް ލިބުނީ 18 ޕޮއިންޓެވެ.
ނެދަލެންސް އިން ރޭގެ މެޗުގައި ޖެހި ދެ ގޯލްވެސް ކާމިޔާބުކުރި ދެވަނަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އާނޯޓް ޑަންޖޫމާ ދިން ބޯޅައަކުން ސްޓީވެން ބާގްވެއިން ކާމިޔާބުކުރިއިރު، މެޗުގެ އިތުރުވަގުތުގައި ދެވަނަ ގޯލްޖެހީ މެމްފިސް ޑިޕާއީ އެވެ. މިއީ ކޮލިފައިންގައި ޑިޕާއީ ޖެހި 12 ވަނަ ލަނޑެވެ. މިއަދަދަށް އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން ލަނޑުޖަހާފައިވާއިރު، މިފަހަރުގެ ކޮލިފައިންގައި އެންމެ ގިނަ ލަނޑުޖެހީވެސް މި ދެ ކުޅުންތެރިންނެވެ.
އެންމެފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަން ފްރާންސުން ރޭގެ މެޗު ކާމިޔާބުކުރީ ވެސް ފަހު ހާފުގައި ޖެހި ގޯލްތަކުންނެވެ. މި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. އޭނާ މި ލަނޑުޖެހީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކިލިއަން އެމްބާޕޭ ދިން ބޯޅައަކުންނެވެ. އޭގެ 10 މިނެޓުފަހުން، އެމްބާޕޭ ވަނީ ފްރާންސްގެ ލީޑް ފުޅާކޮށްދީފައެވެ. މި މެޗުން ބަލިވުމާއެކު ފިންލެންޑުން ޕްލޭއޮފްގައި ވާދަކުރުމަށް ދެކެމުންއައި ހުވަފެންތަކަށް ވަނީ ނިމުމެއް އައިސްފައެވެ.
ފްރާންސް ހިމެނޭ ގްރޫޕް ޑީ ގެ އެއްވަނައިގައި އެ ޓީމު އޮތީ އެއްވެސް މެޗަކުން ބަލިނުވެ 18 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮވެ ނިންމާލި ޔޫކްރޭނަށް ލިބުނު 12 ޕޮއިންޓާއެކު ވަނީ ޕްލޭއޮފުން ފުރުޞަތު ލިބިފައެވެ. 11 ޕޮއިންޓާއެކު ފިންލެންޑަށް ލިބުނީ ތިންވަނަ އެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބޮސްނިއާ އަތުން 2-0 އިން ޔޫކްރޭން މޮޅުވިއިރު، އެސްޓޯނިއާ އަތުން ޗެކްރިޕަބްލިކް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ޖިބްރާލްޓާ އަތުން 3-1 އިން ލެޓްވިއާ މޮޅުވިއިރު، ބެލްޖިއަމްއާ ދެކޮޅަށް ވޭލްސް ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެންޗެސްޓާ ސިޓީގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑި ބްރޭނާގެ ގޯލުން ބެލްޖިއަމުން ލީޑްނަގާފައިވަނިކޮށް ވޭލްސް އަށް އެއްވަރުކޮށްދިނީ ކީފާ މޫރ އެވެ.
މިހާތަނަށްއައިއިރު އަންނަ އަހަރުގެ ވޯލްޑްކަޕުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރަށް އޮޓަމެޓިކް ޖާގައެއް ލިބިފައިވާއިރު، އިތުރު 12 ގައުމަކުން ވަނީ އެ މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ. އެއީ ވޯލްޑްކަޕްގެ ތާރީޚު ދުށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލްގެ އިތުރުން ވާދަވެރި އާޖެންޓީނާ އާއި ޔޫރަޕަށް ނިސްބަތްވާ ޖަރުމަނާއި، ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ، ކްރޮއޭޝިއާ، އިންގްލެންޑް، ސްވިޒަލެންޑް އަދި ނެދަލެންޑްސް އެވެ.
