ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ވާދަވެރި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއް ނުޖެހި އާޖެންޓީނާ އެއްވަރުވިއިރު، ޗިލީ އަތުން 2-0 އިން އެކުއޭޑޯ މޮޅުވުމުން އާޖެންޓީނާ އަށް އަންނަ އަހަރު ގަތަރުގައި ބާއްވާ މުބާރާތުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިން ގްރޫޕުގެ އެއްވަނައިގައި އުޅޭ ބްރެޒިލަށް 13 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އާޖެންޓީނާ އެވެ. ތިންވަނައިގައި އެކުއޭޑޯ އޮތީ 14 މެޗުން ހޯދީ 23 ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި އޮތް ކޮލަމްބިއާ އާއި ފަސްވަނައިގައި އޮތް ޕެރޫ އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. ކޮލަމްބިއާ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. 

އާޖެންޓީނާގެ ސަން ހުއާން ޕްރޮވިންސްގައި ހުންނަ އެސްޓާޑިއޯ ސަން ހުއާން ޑެލް ބައިސެންޓެނޭރިއޯގައި ކުޅުނު މެޗުގައި ބްރެޒިލުން ކުޅުނީ އަނިޔާގެ ސަބަބުން ޕީއެސްޖީގެ ތަރި ނޭމާ ނުލަ އެވެ. އަނިޔާއަށްފަހު ދާދިފަހުން ކުޅުމަށް އެނބުރިއައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވެއެވެ.

މި މެޗުގައި ލަނޑުޖަހާން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ދެވަނަ ހާފުގައި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެކުރީން ފުރަތަމަ ހާފުގައި ބްރެޒިލްގެ ވިންގާ ރަފީނިއާ އަށް ޕެނަލްޓީއޭރިޔާ ތެރެއިން އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ކުރި ފައުލަކަށް އެ ޓީމުން ޕެނަލްޓީއަކަށް އެޕީލްކުރިއެވެ. އެކަމަކު، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ނުދޭށެވެ. މި ހާފުގައި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރިގޯ ޑެ ޕޯލް ފޮނުވާލި ހަމަލާއެއް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއެވެ.

ކޮލިފައިންގައި އަމިއްލަ ދަނޑުގައި އެކުއޭޑޯ އަތުން 2-0 އިން ބަލިވި މެޗުގައި ޗިލީގެ މިޑްފީލްޑަރު އާޓުރޯ ވިޑާލަށް ދެއްކި ރަތް ކާޑާއި ގުޅިގެން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. އާޖެންޓީނާ އަށް ވޯލްޑްކަޕްގެ ޖާގަ ކަށަވަރުވީ ޗިލީ މި މެޗުން ބަލިވުމުންނެވެ. ކޮލަމްބިއާގެ ދަނޑުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު، ވެނެޒުއޭލާ އަތުން ރަށުން ބޭރުގައި ޕެރޫ މޮޅުވީ 2-1 އިންނެވެ. ގަދަފަދަ އުރުގުއޭ ވަނީ ރަށުން ބޭރުގައި ބޮލީވިއާ އަތުން 3-0 އިން ބަލިވެ، ކޮލިފައިންގައި ކުރިއަށްދިއުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.

ރޭގެ މެޗުތަކަށްފަހު އުރުގުއޭ ވަނީ 16 ޕޮއިންޓާއެކު ހަތްވަނަ އަށް ވެއްޓިފައެވެ. ޗިލީ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ހަވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. ކޮލިފައިންގައި ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗު އޮތްއިރު، މި ސަރަހައްދުން ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބެނީ ހަތަރު ގައުމަކަށެވެ. ފަސް ވަނަ އަށް ނިންމާ ޓީމެއް ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.