އަހަރެމެން އިންސާނުންނަކީ ގަނޑު ލޭކޮޅަކުން މާތް ﷲ ހައްދަވާފައިވާ މަޚްލޫގެކެވެ. އަހަރެމެން އިންސާނުން ދުނިޔޭގައި ހޭދަކުރަނީ މަދު ވަގުތުކޮޅެކެވެ. މި ދުނިޔޭގައި މި ހޭދަކުރާ މަދުވަގުތުކޮޅުގެ ބޭނުމަކީ އާޚިރަތުގެ ގޯތި ޒީނަތްތެރިކޮށް ބާއްޖަވެރިކުރުން ކަމުގައި ގިނަ ހަދީސްތަކުގައި ބަޔާންކޮށްފައިވެއެވެ.

އިންސާނާގެ މިޙަޔާތުގެ ދަތުރުމަރުޙަލާތަކަކށް ބެހިގެންވެއެވެ. އޭގެތެރޭގައި އޭނާ ދުވަސްވަރެއްގައި އޭނާގެ މަންމަގެ ބަނޑުގައިވެއެވެ. އަދި މިޔަށްފަހު ބިންމަތީގައި ހިނގާބިނގާވެ މަސައްކަތްކޮއް އުޅެއެއެވެ. އަދި އެމީހެއްގެ އަޖަލު ހަމަވުމުން ބިމުގެ ތެރޭގައިވާ މީހެއްކަމުގައި އެމީހަކު ވެދެއެވެ. އެއީ އަލުން ދިރުއްވުމާ ހަމައަށެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ لِلْقَبْرِ ضَغْطَةً، لَوْ كَانَ أَحَدٌ نَاجِيًا مِنْهَا نَجَا سَعْدُ بْنُ مُعَاذٍ» [رواه أحمد وصححه الألباني]

މާނައީ: “ހަމަކަށަވަރުން ކަށްވަޅުގައި ފިއްތާލެވޭނެއެވެ. އެއްވެސް މީހަކު އެކަމުން ސަލާމަތްވާނެނަމަ، ސަޢުދު ބުން މުޢާޛު ސަލާމަތްވީހެވެ.”

ފެންނަ ފެނުމަށް މިއީ ދިގު ރާސްތާއެއްކަމުގައި ބައެއް މީހުނަށް ހީކުރެވުނުކަމުގައި ވީނަމަވެސް، މިއީ ވަރަށް އަވަހަށް ނިމިދާ ދަތުރެކެވެ. ދުނިޔޭގައި ކަންތައްވާގޮތްތަކާމެދު ވިސްނާ ފިކުރުކުރާމީހަކަށް މިތަނުގައި ބަދަލުވަމުންދާ ޙާލަތާއި، މާޒީވަމުންދާ ޢުމުރުތައް ހަނދާންވެ ހިތަށް އަސަރުކުރާނެއެވެ. އަދި މިކަންކަމުން އިބުރަތްލިބިގަނެ ހެޔޮކަންކަމުގައި ޘާބިތުވެހުރުމަށް މަސައްކަތް ކުރާނެއެވެ.

ކައްވަޅުގެ ފިއްތާލެވުމާ ސުވާލުވެވުމަކީ ކޮންމެ މީހަކުވެސް ކުރިމަތިލާން ޖެހޭނެ ކަމެކެވެ. ކައްވަޅުގެ ބިރުވެރިކަމުންނާއި އެކަނިވެރިކަމުން ސަލާމަތްކޮށްގެން އެދުވަހު ހުންނާނީ އެމީހަކު ކުރި ހެޔޮ ޢަމަލެކެވެ. އެމީހަކު ކުރި ހެޔޮކަންކަން އެމީހއެއްގެ ކައްވަޅު އަލިކޮށްދޭނެއެވެ.

ކަށްވަޅުގެ ފިތުނައާއި ޢަޛާބުން ރައްކާތެރިކޮށްދޭ ކަންކަމުގެ ތެރޭގައި:

  • މުލްކު ސޫރަތް ކިޔެވުމުގެ މަތީ ދެމިހުރުމާއި އެއާ އެއްގޮތަށް ޢަމަލުކުރުން ހިމެނެއެވެ.
  • ކޮންމެ ނަމާދެއްގައި ކަށްވަޅުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުން އެދި ދަންނަވާށެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ވެސް ދުޢާކުރެއްވިފަދައިންނެވެ.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ القَبْرِ، وَمِنْ عَذَابِ النَّارِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ» [رواه البخاري]

  • މާނައީ: “އޭ ﷲ! ހަމަށަވަރުން މިއަޅާ، ކަށްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.”