ސުޝާންތުގެ މަރަށްފަހު ރިޔާގެ ދިފާޢުގައި ބޮލީވުޑްގެ އެއްވެސް މީހަކު އެއްޗެއް ނުބުނެ ދޮޅުމަހަށްވުރެ ގިނަ ދުވަސް ވީ ފަހުން، ރިޔާ ދިން އިންޓަރވިއުއެއްގައި އޭނާއަށް ވެސް ފިލްމު އިންޑަސްޓްރީގެ އެއްބާރުލުން ބޭނުންވާ ކަމާ އޭނާއާ އެއްކޮޅަށް ވެސް މީހުން ތެދުވަން ގޮވާލުމުން އެންމެ ފުރަތަމަ އެކަމަށް އިޖާބަދިނީ ތާޕްސީ ޕަންނޫއެވެ. ދެން ލަކްސްމީ މަންޗޫއެވެ. މިއިން ކޮންމެ މީހަކަށްވެސް މީސްމީޑިޔާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ނަމަވެސް ރިޔާގެ ދިފާޢުގައި ވިދްޔާ ބާލަން ޓްވީޓެއް ކޮށްލުމުން މުޅި އިންޑިޔާ ހީވީ ކެކި ގަތްހެނެވެ. ވިދްޔާއަކީ ކުޅަދާނަ ފަންނާނެއްގެ އިތުރުން، އޭނާއަށް ގިނަ ބަޔަކު ތަޢުރީފްކޮށް އިޙްތިރާމް ކުރާ ފަންނާނެކެވެ. ތަހުގީގު ހިނގަމުން އަންނަ ގޮތުގެ ހުރިހާ ތަފްސީލް އާންމުންނާ ހަމައަށް މިނެޓުން މިނެޓަށް ދަނީ ލިބެމުންނެވެ. އެހެން ކަމުން ޝަރިއަތުން ހުކުމް ނުކުރި ނަމަވެސް ރިޔާގެ އަމަލުތައް ހުރިގޮތް އޮތީ ފާޅުވެ ފެންނާށެވެ. އެކަމަށް އިތުރު ބަހުސެއް ބޭނުމެއް ނުވެއެވެ. މި ދަނޑިވަޅުގައި ވިދްޔާ އަދި ޝިބާނީ ޑާންޑެކަރ، ރިޔާގެ ފަހަތަށް އެރުން އާންމުންނަކަށް ބަލައެއް ނުގަނެވުނެވެ.

ބައެއް މީހުން ހާމަ ކުރި ގޮތުގައި މިއޮއްހާ ދުވަހު ހިމޭނުން ތިބެފައި މިއަދު ރިޔާގެ ހިމާޔަތަށް ނިކުތީ މަސްތުވާ ތަކެތީގެ މައްސަލަތައް ހާމަވަމުން ގޮސް، މިކަމުގައި ރިޔާ ބެދޭނަމަ އެހެން މީހެއްގެ ނަން އައިސްފާނެތީ ބިރުން ކަމަށް ބުނެފައެވެ. އަދި ދޮޅުމަސް ވެގެން ދިޔަ އިރު ސުޝާންތުއަށް އިންސާފު ހޯދައިދިނުމަށް އިންސާފުވެރި ތަހުގީގެއް ހިންގުމަށް ނަން މަޝްހޫރު އެއްވެސް ފަންނާނަކު ގޮވާނުލީތީ ކުރާ މެސެޖްތަކުން މީސް މީޑީޔާވަނީ ފުރިފައެވެ.