ދެކުނު އެފްރިކާގެ ކްރިކެޓް ލެޖެންޑް އޭބީ ޑި ވިލިއާސް ކްރިކެޓުން ރިޓަޔާކޮށްފިއެވެ.

ވިކެޓްކީޕަރެއްގެ ގޮތުގައި ކުޅެމުން ބެޓްކުރުމުގައި އާދަޔާހިލާފަށް މޮޅު ޑި ވިލިއާސް ވަނީ 2018 ވަނަ އަހަރު ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކޮށްފައެވެ. އެކަމަކު، މި ފަހަކާ ޖެހެންދެން ދުނިޔޭގެ ވަރުގަދަ ޓީ20 ފްރެންޗައިޒް ލީގުތަކުގައި ޑި ވިލިއާސް ކުޅެފައިވެއެވެ.

އުމުރުން 37 އަހަރުގެ ޑި ވިލިއާސް އެންމެ ފަހުން ކުޅުނީ މިދިޔަ އޮކްޓޫބަރު މަހު ކުރިއަށްދިޔަ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) ޓީމަށެވެ. ޑި ވިލިއާސް ވަނީ އެ ޓީމަށް މެދުނުކެނޑި 10 އަހަރު ވަންދެން ކުޅެފައެވެ. މި ފަހަރުގެ އައިޕީއެލްގައި އާރްސީބީ ޓީމާއެކު ސެމީގައި ވާދަކުރިއިރު ޑި ވިލިއާސް ވަނީ އެ މުބާރާތުގައި 31.3 އެވްރެޖެއްގައި 313 ލަނޑުހަދާފައެވެ.

ދެކުނު އެފްރިކާ ޓީމާއެކު ޑި ވިލިއާސް އެންމެ ފުރަތަމަ ފެނިގެންދިޔައީ 2004 ވަނަ އަހަރު އިންގްލެންޑާ ދެކޮޅަށް ކުޅުނު ޓެސްޓް ސީރީޒް އިންނެވެ. އަދި އޭނާގެ ވަންޑޭ އިންޓަނޭޝަލް ކްރިކެޓްގެ ފުރަތަމަ ފެނިލުމަކަށްވީ ވެސް އޭގެ އެއް އަހަރު ފަހުން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗެކެވެ.

ބައިނަލްއަގުވާމީ ކްރިކެޓްގެ ހުރިހާ ފޯމެޓެއްގައި ދެކުނު އެފްރިކާގެ ކެޕްޓަންގެ ޒިންމާ އަދާކޮށްފައިވާ ޑި ވިލިއާސް ވަނީ 2012 އިން 2017 ވަނަ އަހަރުގެ ނިޔަލަށް ވަންޑޭ އިންޓަނޭޝަލް ކްރިކެޓްގައި އެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި 103 މެޗު ކުޅެދީފައެވެ.

ފަހަކަށްއައިސް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑި ވިލިއާސްގެ ކެރިއަރުގައި ވަންޑޭ އިންޓަނޭޝަނަލް އާއި ޓެސްޓް ކްރިކެޓްގައި 50 އިން މަތީގެ އެވްރެޖެއްގައި ވަނީ ބެޓްކޮށްފައެވެ. އެގޮތުން، ވަންޑޭ އިންޓަނޭޝަލް ކުޅުނު 228 އެއްހާ މެޗުގައި 25 ފަހަރު ސައްތަ ހަދާފައިވާއިރު، އެ ޓީމަށް ކުޅެދިން 114 ޓެސްޓް މެޗުގައި 22 ފަހަރު ސައްތަ ހަދާފައިވެއެވެ. މީގެއިތުރުން، ޓީ20 ކްރިކެޓްގައި ކުޅުނު 340 އެއްހާ މެޗުގައި 150 އިން މަތީގެ ޝޮޓްޖެހުމުގެ ރޭޓެއް އޮތްއިރު ޖުމްލަ 9424 ލަނޑުހަދައި، ހަތަރު ސައްތަ އާއި 69 ފަހަރު ބައިސައްތަ ހަދާފައިވެއެވެ.