މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ފައިނަލްގައި މިރޭ ޕެނަލްޓީ ޖަހައިގެން 3-1 އިން ސްރީ ލަންކާ ބަލިކޮށް ސީޝެލްސް އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިރޭގެ މެޗުގައި ލަންކާ އިން ދެ ގޯލުގެ ލީޑެއްގައި އޮއްވާ ސީޝެލްސް އިން 3-3 އިން އެއްވަރުކުރީ ފަހު ފަސް މިނެޓުގެ ތެރޭގައި ޖެހި ގޯލުންނެވެ. މިއާއެކު، ޕެނަލްޓީ ޝޫޓްއައުޓްގައި އެ ޓީމުން ޖެހި ތިން ޕެނަލްޓީ ކާމިޔާބުކޮށް، ތާރީޚީ މޮޅު ހާސިލްކުރީއެވެ. މިފަހަރުގެ މުބާރާތުގައި މި ދެ ޓީމުގެ އިތުރުން ދެން ވާދަކުރީ ބަންގްލަދޭޝް އާއި ރާއްޖެއެވެ.
މިއީ ސަރަހައްދުގެ ފުޓްބޯޅައިގައި ސީޝެލްސް އަށް ލިބުނު އެންމެ ފަޚުރުވެރި ކާމިޔާބީއެވެ. މީގެކުރީން، އެ ޓީމަށް ފުޓްބޯޅައިގައި ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2011 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފިރިހެނުންގެ ފުޓްބޯޅައިގެ ރަން މެޑަލް އެވެ.
ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ޝަރަފުވެރިކޮށްދެއްވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަޑައިގެންނެވިއިރު، މި މެޗުގައި ކުރީން ލީޑްނެގީ ވެސް ލަންކާ އިންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އޮމޯލޭ މާވިން ހަމިލްޓަން އެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސީޝެލްސް އަށް އެއްވަރުކޮށްދިނީ ޖީން ހިއުބާޓް އެމަނުއެލް އެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ލަންކާ އިން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށީގެން 12 ވަނަ މިނެޓުގައި މުހައްމަދު އާކިބް ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވަސީމް ރަޒީކް ވައްދާލި ލަނޑުންނެވެ. މިއީ މި މުބާރާތުގެ ލަނޑުލިސްޓުގެ އެންމެ ކުރީގައިއޮތް ވަސީމް ޖެހި ހަތްވަނަ ގޯލެވެ. މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ލަންކާގެ ޑިފެންޑަރު ޗަރިތަ ރަތުނަޔަކޭ އަތުން ބައިކޮޅަށް ވަތް ގޯލަކުން ސީޝެލްސް އިން ފަރަގު ކުޑަކުރިއެވެ. އަދި އޭގެފަހުން، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް އެލައިޖް ވުޑްލީ ވަނީ ސީޝެލްސް އަށް އެއްވަރުކޮށްދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3-3 އިން އެއްވަރުވުމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސީޝެލްސް އަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު އަދާކުރީ އެ ޓީމުގެ ގޯލްކީޕަރު އަލްވިން ރޮޑީ އެވެ. އޭނާ ވަނީ ލަންކާ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މަތަކޮށްފައެވެ. ލަންކާ އަށް ކާމިޔާބުކުރެވުނީ އެ ޓީމުގެ ގޯލްކީޕަރު ސުޖާން ޕެރޭރާ ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. ލަންކާގެ ހެމިލްޓަން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ސީޝެލްސް އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމުގެ ފުރަތަަމަ ޕެނަލްޓީ ޑޯން ފަޗޭޓީ ފޮނުވާލުމުން ލަންކާގެ ކީޕަރު ސުޖަން މަތަކުރި އެވެ. ސީޝެލްސް އިން ދެން ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ.
މިރޭގެ މެޗުން ބަލިވުމާއެކު ލަންކާ އިން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި ފުރަތަމަ ތަށި ހޯދަން ކުރި މަސައްކަތުގައި ނާކާމިޔާބީއާ ކުރިމަތިލާންވަނީ ޖެހިފައެވެ. އެ ޓީމުން އަލަށް ކާމިޔާބުކުރި މުބާރާތަކީ 1995 ވަނަ އަހަރު އެ ގައުމުގައި ބޭއްވި އޭޝިއަން ގޯލްޑް ކަޕް (މިހާރުގެ ސާފް ޗެމްޕިއަންޝިޕް) އެވެ. އޭގެފަހުން، 2000 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ގޯލްޑަން ޖޫބިލީ މުބާރާތް ކާމިޔާބުކުރިފަހުން އެ ޓީމަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކާމިޔާބެއް ނުލިބެއެވެ. 2006 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ފައިނަލްގައި ތަޖިކިސްތާން އަތުން ވީ ބައްޔެވެ. އަދި އޭގެފަހުން، 2012 ވަނަ އަހަރު އެ ގައުމުގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ކަޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރީ ދިވެހިރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ.
