ޖަރުމަނު ބުންޑެސްލީގާގައި ރޭ އޮއުސްބާގް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވެއްޖެއެވެ. މި މެޗުން ބަޔާން ބަލިވީ 2-1 އިންނެވެ.

މި މެޗުން ބަލިވުމާއެކު ލީގުގައި އެ ޓީމުން ދަމަހައްޓަމުންއައި މޮޅުވުމުގެ ސިލްސިލާއަށް ވަނީ ނިމުމެއް އައިސްފައެވެ. ރޭގެ މެޗާއި ހަމައަށް އައިއިރު ބަޔާނުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފައެވެ.

ރޭގެ މެޗުން މޮޅުވެ، ކުރީން ރެލިގޭޝަން ޒޯންގައި އޮތް އޮއުސްބާގް ވަނީ 12 މެޗުން ހޯދީ 12 ޕޮއިންޓާއެކު 15 ވަނަ އަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގައި އުޅޭ ބަޔާނަށް 12 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް މިރޭ އަމިއްލަ ދަނޑުގައި ސްޓުޓްގާޓް އަތުން މޮޅުވެއްޖެނަމަ އެ ޓީމާ ބަޔާނާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކުރެވޭނެއެވެ. ތިންވަނައިގައި އޮތް ފްރެއިބާގަށް 22 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި 19 ޕޮއިންޓާއެކު އޮތީ ވުލްފްސްބާގެވެ.

އޮއުސްބާގުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ 23 ވަނަ މިނެޓުގައި މެޑްސް ޕެޑާސަން ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ 13 މިނެޓުފަހުން، އަންދްރޭ ހާން ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.

ބަޔާނުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މި މެޗަކީ ބަޔާންގެ އަބަދަށްފެހި ފޯވާޑް ތޯމަސް މުލާގެ ކެރިއަރުގައި އެ ޓީމަށް ކުޅެދިން 600 ވަނަ މެޗެވެ. ރޭގެ މެޗަށް އެ ޓީމު ނިކުތްއިރު، މުހިއްމު ކުޅުންތެރިން ކަމަށްވާ ނިކްލަސް ސޫލޭ އާއި ޖޯޝުއާ ކިމިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީވެ ނުކުޅެއެވެ.