އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ލެސްޓާ ސިޓީގެ ދަނޑުގައި 3-0 އިން ހޯދީ މޮޅާއެކު ޗެލްސީން ތާވަލްގެ ކުރީގައި ލީޑް ފުޅާކުރިއިރު، ވަޓްފޯޑްގެ ދަނޑުގައި 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މި ނަތީޖާއާއެކު ޗެލްސީ އަށް ކުޅުނު 12 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 23 ޕޮއިންޓް ލިބިފައިވާއިރު، 22 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް ލިވަޕޫލަށް މިރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ދެވަނަ އަށް އެރޭނެއެވެ.

ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. މެޗު ފެށިގެން 14 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ބެން ޗިލްވެލް ނަގައިދިން ކޯނަރަކުން އެންޓޯނިއޯ ރުޑިގާ ބޮލުން ކާމިޔާބުކުރި ގޯލުންނެވެ. އޭގެ 14 މިނެޓުފަހުން، ރީސް ޖޭމްސް ދިން ބޯޅައަކުން ކުރީން ލެސްޓާ އަށް ކުޅުނު ވަރުބަލިވުމެއްނެތް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ވަނީ ޗެލްސީގެ ދެވަނަ ލަނޑުޖަހައިދީފައެވެ.

ދެވަނަ ހާފުގައި ޗެލްސީން ކާމިޔާބުކުރި ތިން ގޯލެއް އޮފްސައިޑްކަމަށް ނިންމައި ރެފްރީ ގަބޫލުނުކުރިއިރު، އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކްރިސްޓިއަން ޕުލިސިޗް އެވެ. މެޗުގެ 71 ވަނަ މިނެޓުގައި ޕުލިސިޗް މިލަނޑުޖެހީ ހަކީމް ޒިޔެޗް ދިން ބޯޅައަކުންނެވެ.

ވިކަރޭޖް ރޯޑްގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ވަޓްފޯޑުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމަށް ލީޑުނަގައިދޭން އިސްމާއިލާ ސާ ޖެހި ޕެނަލްޓީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދެ ފަހަރު ޖަހަން ދިނުމުން ވެސް މަތަކޮށްފައެވެ.

މި މެޗުގައި ވަޓްފޯޑުން ޖެހި ފުރަތަަމަ ލަނޑު، 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިންގް އެވެ. ފުރަތަަމަ ހާފު ނިމުމުގެކުރިން، ސާ ވަނީ ވަޓްފޯޑުގެ ލީޑް ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ފަސް މިނެޓުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޑޮނީ ވެން ޑަ ބީކް ވަނީ ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު، މެޗުގެ 69 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމަށް އިތުރަށް ކުރިއަށްދާން ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އިތުރުވަގުތުގައި ޔާއޯ ޕެޑްރޯ އާއި އެމަނުއެލް ޑެނިސް ވަނީ ވަޓްފޯޑަށް ފުރިހަމަ މޮޅެއް ހޯދައިދީފައެވެ.

ލީގުގައި މިރޭ އެސްޓަން ވިލާއާއެކު މުޅިން އަލަށް ނިކުތް ސްޓީވެން ޖެރާޑާއެކު އެ ޓީމުން ވަނީ ފަހު ވަގުތު ޖެހި ދެލަނޑާއެކު ބްރައިޓަން އަތުން 2-0 އިން މޮޅުވެފައެވެ. ކުރީން ވިލާ އަށް ކޯޗުކޮށްދިން ޑީން ސްމިތު ވަނީ އޭނާގެ މިހާރުގެ ޓީމުކަމަށްވާ ނޯވިޗް ސިޓީ އާއެކު ފަހަތުން އަރައި 2-1 އިން ސައުތެމްޓަން ބަލިކޮށްފައެވެ. އެޑީ ހޯވް އާއެކު ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 3-3 އިން ބްރެންޓްފޯޑާ އެއްވަރުވެގެންނެވެ.