ބާސެލޯނާގެ ކޯޗުކަމާ އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޕަންޔޯލް އަތުން 1-0 އިން މޮޅުވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ބާސެލޯނާ ވަނީ 13 މެޗުން ހޯދީ 20 ޕޮއިންޓާއެކު ތާވަލްގެ ހަވަނަ އަށް ޖެހިލާފައެވެ. މިވަގުތު އެއްވަނައިގައި އޮތް ސެވިއްޔާ އަށް 28 ޕޮއިންޓް ލިބިފައިވާއިރު، މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ރެއާލް ސޮސިއެޑާޑް އޮތީ ދެވަނައިގައެވެ. ތިންވަނައިގައި 27 ޕޮއިންޓާއެކު އޮތް ރެއާލް މެޑްރިޑް މިރޭ ގްރަނަޑާ އަތުން މޮޅުވެއްޖެނަމަ އެއްވަނަ އަށް އެރޭނެއެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ނޯ ކޭމްޕްގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، އެ ޓީމުން ފޮނުވާލި ބައެއް ހަމަލާތަކުގެ ހުރަހަކަށްވީ އެސްޕަންޔޯލްގެ ގޯލް ބެލެހެއްޓި ތަޖުރިބާކާރު ގޯލްކީޕަރު ޑިއެގޯ ލޮޕޭޒް އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި، ބާސެލޯނާ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޑިޕާއީ އަށް އެސްޕަންޔޯލްގެ ލެއަންޑްރޯ ކަބްރޭރާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އެސްޕަންޔޯލް އަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ހިލޭޖެހުމަކުން ރައުލް ޑީ ތޯމަސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅޭ ދެވަނަ މެޗުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށެވެ. މި މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ނޮކްއައުޓް ބުރުން ޖާގަ ލިބޭނެއެވެ.
