އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު އާސެނަލް 4-0 އިން ބަލިކޮށް ލިވަޕޫލުން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
މިއީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. މިއީ ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އޭގެކުރީން، އަމިއްލަ ދަނޑުގައި ބްރައިޓަންއާ އެއްވަރުވިއިރު، ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ވީ ބައްޔެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ 12 މެޗުން ހޯދީ 29 ޕޮއިންޓާއެކު ޗެލްސީ އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި ލިވަޕޫލް އޮތްއިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 11 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. ވެސްޓް ހޭމް އޮތީ 12 މެޗުން ލިބުނު 23 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އާސެނަލަށް 20 ޕޮއިންޓާއެކު ލިބިފައިވަނީ ފަސްވަނަ އެވެ.
އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގައި ލިވަޕޫލުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. މި ހާފުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަށް ވަނީ ޓެކްނިކަލް އޭރިއާގައި ކުރި ޒުވާބެއްގެ ސަބަބުން ރީނދޫ ކާޑެއް ދައްކާފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނަގައިދިން ހިލޭޖެހުމަކުން ލިވަޕޫލަށް ލީޑްނަގައިދިނީ ސަޑިއޯ މާނޭ އެވެ.
ލިވަޕޫލްގެ ދެވަނަ ލަނޑު، ފަހު ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އެވެ. މިއީ އާސެނަލްގެ ފުލްބެކް ނޫނޯ ޓަވަރޭސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެ ޓީމުގެ ކީޕަރު އާރޮން ރަމްސްޑޭލް އާއި ޑިފެންޑަރު ބެން ވައިޓް ކައިރިން ނައްޓާލުމަށްފަހު ޔޮޓާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި މާނޭ ހުސްކޮށްލާފަ ދިން ބޯޅައަކުން ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، ލިވަޕޫލްގެ ހަތަރު ވަނަ ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ އެވެ. މިއީ އެލެގްޒެންޑާ-އާނޯލްޑް ދިން ބޯޅައަކުން މިނަމީނޯ ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ލިވަޕޫލަށް ދެން އޮތީ މި މަހުގެ 27 ވާ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު އާސެނަލްގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.
